13 Jun 2023, 16:19
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، އެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ނިޒާމުގެ ތެރެއިން ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން މިއަދު އެދިވަޑައިގެންފިއެވެ.
އީވާގެ މައްސަލަ ކުރިއަށް ނުގޮސް އެތައް ދުވަހަކު އޮތުމަށް ފަހު، މިއަދުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ރިޔާސަތާ ހަވާލުވުމަށް ރައީސް ނަޝީދު އުޒުރުވެރިވެފައިވާތީ، ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތުމުން މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ ނިއުޝާ ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.
މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލައެއް ކުރިއަށް ގެންދާ ޖަލްސާއެއްގެ ރިޔާސަތުގައި އިންނަވަން ޖެހޭނީ މަޖިލީހުގެ ރައީސްއެވެ. ނަމަވެސް އެކަމަށް ރައީސް ނަޝީދު އުޒުރުވެރިވެފައި ވާތީ، މަޖިލީހުގެ ޑެޑްލޮކް ފިލުވައި އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.
އެކަމާ ގުޅިގެން އަމީން އާންމު ރައީސް ނަޝީދަށް މިއަދު ފޮނުއްވި ސިޓީގައި މަޖިލީހުގެ ގަވާއިދުގެ ތެރެއިން އެ މައްސަލަ ކުރިއަށް ގެންދެވިދާނެ ތިން ލަފައެއް އަރުވާފައިވެއެވެ.
މަޖިލީހުގެ 13 މެންބަރަކު އެމްޑީޕީން ވަކިވުމާއެކު މަޖިލީހުގެ ދަފްތަރަށް އައި ބަދަލާ އެއްގޮތަށް ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އަދިވެސް ނުނިމި އޮތުން ވެފައިވަނީ މި މައްސަލަ ކުރިއަށް ގެންދިއުމަށް ދިމާވި އެންމެ ބޮޑު ހުރަހަށެވެ. އެއީ އެ މައްސަލަ ތަޅުމުގައި ކުރިއަށް ގެންދާނެ ގޮތާއި، ދިފާއުވުމަށް ވަގުތު ކަނޑައަޅާނެ ގޮތް ނިންމަން ޖެހެނީ އާންމު ކޮމިޓީންނެވެ.
ނަމަވެސް ނިއުޝާ ވިދާޅުވީ އާންމު ކޮމިޓީގެ މަސައްކަތްތައް މަޑުޖެހިފައި އޮތުމަކީ މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް ހުށަނާޅައި މަޑުޖެއްސިދާނެ ސަބަބެއް ނޫން ކަމަށެވެ. އެގޮތުން ދާއިމީ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުންގެ ނިސްބަތަށް އައި ބަދަލު ޕާޓީތަކުގެ މެދުގައި އެއްބަސް ނުވެވުނަސް، އެކަމާ ގުޅޭގޮތުން މަޖިލީހުން ގޮތެއް ކަނޑައެޅުމަށްޓަކައި އެ މައްސަލަ ދެން އެންމެ އަވަހަށް އޮންނަ މަޖިލީހުގެ އާންމު ޖަލްސާއަކަށް އެޖެންޑާކޮށް ދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
އީވާގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަން ރައީސް ނަޝީދު އުޒުރުވެރިވާ ކަމުގައި ވަނީނަމަ، ގަވާއިދުގެ ދަށުން އެ މަސްއޫލިއްޔަތު ދެވަނަ ފަރާތަކާ ހަވާލު ކުރެއްވުމަށް ވެސް ނިއުޝާ ހުށަހެޅުއްވިއެވެ.
މިގެއިތުރުން، އެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށްޓަކައި އާންމު ޖަލްސާއަކަށް އެކަން އެޖެންޑާ ކުރުމަށް ވެސް ނިއުޝާ ވަނީ ހުށަހަޅުއްވާފައެވެ.
މަޖިލިސް ޑެޑްލޮކަށް ދިއުމަށް މަޖިލީހުގެ ގަވާއިދު ތަން ނުދޭ ކަން ބަޔާންކޮށް ނިއުޝާ ވަނީ މީގެކުރިން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމްއަށް ވެސް ސިޓީއެއް ފޮނުއްވާފައެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރުމުގައި ބަލާނީ މަޖިލީހުގައި ތަމްސީލް ކުރާ ޕާޓީތަކުން އެކިއެކި ކޮމިޓީގައި ހިމެނުމަށް އެ ޕާޓީގެ އުސޫލުތައް ނިޔާކުރާ ގޮތުގެ މަތީން މަޖިލީހަށް ހުށަހަޅާ މެންބަރުން ކަމަށާއި، އެ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތް ނުވާ މެންބަރުން ހިމެނުމުގެ މަސްލަހަތު ހިމާޔަތް ކުރާނީ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ މަޝްވަރާގެ މަތީން މަޖިލީހުގެ ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.