30 Apr 2012, 11:58
މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމަށް ބާއްވާ އެފްއޭއެމް އެވޯޑް ނައިޓް މިރޭ ދަރުބާރުގޭގައި ބާއްވަން ނިންމައިފި އެވެ.
އެފްއޭއެމް އިން ހޮވާ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރަނީ މިދިޔަ އަހަރު ވީބީ އައްޑޫ އެފްސީ އަށް ކުޅުނު އަލީ އަޝްފާގް (ދަގަނޑޭ) އާއި ޝަމްވީލް ގާސިމް (ބޮންޑާ) އާއި މުހައްމަދު އާރިފް (ބަކާ) އާއި މާޒިޔާ އަށް ކުޅުނު އަކްރަމް އަބްދުލް ގަނީ އަދި ވިކްޓަރީ އަށް ކުޅުނު އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ.
މިރޭ ނުވައެއް ޖަހާއިރު ފަށާ އެވޯޑް ނައިޓުގައި ހޮވާ އެހެން މަގާމުތަކުގެ ތެރޭގައި އެންމެ މޮޅު އަންހެން އަދި ޔޫތު ކުޅުންތެރިޔާ އާއި ހިދުމަތްތެރި ރެފްރީންނަށް ދޭ އެވޯޑުގެ އިތުރުން އަހަރުގެ އެންމެ މޮޅު ކްލަބުގެ އެވޯޑް ހިމެނެ އެވެ.
އަދި އެފްއޭ ޕްރެޒިޑެންޓް އެވޯޑާއި އަގުޒަވަންކުރުމުގެ އެވޯޑާއި ސަޕޯޓާސް ޓީމު ހޮވުމަށް ހަމަޖެހިފައި ވާކަމަށް ވެސްއެފްއޭއެމްއިން މައުލޫމާތު ދެއެވެ.
މިރޭގެ އެވޯޑް ނައިޓް ޓީވީއެމް އިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.