13 Jun 2023, 14:25
ވޮޝިންޓަން (12 ޖޫން 2023) : ސީރިއާގެ އިރު އުތުރުގެ ސަރަހައްދުތަކަށް ގަދަބާރުން ވަދެގަނެގެން އުޅޭ އެމެރިކާ ސިފައިންގެ ފައުޖުގައި ހިމެނޭ ހެލިކޮޕްޓަރަކަށް ދިން ހަމަލާތަކެއްގައި އެމެރިކާ ސިފައިންގެ 22 މީހުން ޒަޚަމްވެއްޖެއެވެ.
މިކަން ކަށަވަރުކޮށްދެމުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ ސީރިއާގެ އިރު އުތުރުގައި ދަތުކުރަމުން ދިޔަ އެމެރިކާ ސިފައިންގެ އަސްކަރީ ހެލިކޮޕްޓަރަށް ދިން ހަމަލާތައް އައީ ކޮންދިމާއަކުންކަން ނޭންގޭކަމަށާ އެކަން ތަހުގީގު ކުރަމުން ގެންދާކަމުގައެވެ. އެ ހާދިސާގައި ހެލިކޮޕްޓަރު ނުވެއްޓުނު ނަމަވެސް ހެލިކޮޕްޓަރަށް ގެއްލުންލިބި އޭގައިތިބި ސިފައިންގެ 22 މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށް ސެންޓްރަލް ކޮމާންޑުން ބުނެއެވެ.
ޒަޚަމްވި 22 މީހުންގެ ތެރެއިން 12 މީހުންނަށް ފަރުވާދެނީ އެސަރަހައްދުގައި ގާއިމްކޮށްފައިވާ އެމެރިކާ ސިފައިންގެ މައިދާނީ ހޮސްޕިޓަލެއްގައި ކަމަށާ ބޮޑަށް ޒަޚަމްވި 10 މީހަކު ފަރުވާދިނުމަށްޓަކައި މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ ބޭހެއްގެ ހޮސްޕިޓަލަކަށް ގެންގޮސް އެނދުމަތިކޮށްފައިވާ ކަމަށް ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއް ބުނެއެވެ.
މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ ބޭސްތައް ހުންނަ ގައުމުތަކުގެ ތެރޭގައި ތުރުކީ، ގަތަރު، ޔޫއޭއީ އަދި ބަހްރައިން ހިމެނެއެވެ. ސީރިއާގެ އިރު އުތުރުގެ ސަރަހައްދުތަކަށް އިސްތިއުމާރީ އުސޫލުން އަތްގަދަކޮށް ފައިހަރުކުރުމަށްޓަކއި އެމެރިކާއިން 900 އެއްހާ ސިފައިން ފޮނުވާފައި އެބަތިއްބެވެ.
އެސަރަހައްދުތަކަކީ ސީރިއާގެ ދާޚިލީ ހަނގުރާމައިގާ ސީރިއާ ސަރުކާރުގެ ކޮންޓްރޯލް ގެއްލިފައިވާ ސަރަހައްދު ތަކެކެވެ. އެސަރަހައްދުތައް ކޮންޓްރޯލް ކުރަނީ ސޫރިއާގެ ކުރުދީންގެ ބާޣީ ޖަމާއަތްތަކެވެ. މީގެތެރޭގައި އިސްކޮށް އުޅެނީ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް ނަމަކަށް ކިޔާ ސީރިއާގެ ކުރުދީންގެ ހަނގުރާމަވެރި ޖަމާއަތެވެ.
އެމެރިކާ ސީރިއާގެ މިސަރަހައްދަށް ވަދެގަނެގެންއުޅެނީ އައިއެސް އާއި އަލްގާއިދާ ފަދަ ހަރުކަށި ޖަމާއަތްތަކާ ހަނގުރާމަ ކުރުމުގެ ނަމުގައެވެ. ނަމަވެސް އެމެރިކާގެ ހަގީގަތުގައި ކުރަމުންގެންދާ ކަމަކީ ސީރިއާގައި އީރާނާއި ރަޝިއާ ހިންގާ ހަރަކާތްތައް ބަލައި މޮނިޓާ ކުރުމާއި ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ދަތިކޮށް ފިއްތުންތައް ކުރިމަތިކުރުމެވެ.
އެމެރިކާ ސިފައިން ސީރިއާގައި ފައިހަރުކޮށްލާފައިވަނީ ސީރިއާގައި ތެލާއި އަދި އަގުބޮޑު މައުދަންތައް އެންމެ ގިނައިން ހުންނަ ސަރަހައްދުގައެވެ. އެސަރަހައްދުން ވަގަށް ތެޔޮނަގައިގެން ކަޅުބާޒާރުގައި ވިއްކައި އެއިން ލިބޭ މާލީ ފައިދާ ސީރިއާގެ ކުރުދީ ބާޣީ ޖަމާއަތްތަކަށް ދީގެން އެޖަމާއަތްތަކުގެ އެހީ ހޯދާކަމުގެ ކަމުގެ ތުހުމަތު ސީރިއާ ސަރުކާރުންވަނީ އެމެރިކާގެ މައްޗަށް ކޮށްފައެވެ.
ސީރިއާ ސަރުކާރަށް އެހީތެރިވުމުގައި ހަރަކާތްތެރިވާ އީރާނުގެ މިލީޝިއާ ހަނގުރާމަވެރިންގެ ހަމަލާތައް ދޭތެރެއަކުން އެމެރިކާ ސިފައިންނަށް އަމާޒުވެއެވެ. މި ހަމަލާތަކުގެ ބޭނުމަކީ ސީރިއާއިން ފޭބުމަށް އެމެރިކާއަށް ފިއްތުންތައް ކުރިމަތިކުރުވުމެވެ. ހަމަލާތައް ދީގެން އެމެރިކާގެ ސިފައިން މަރުވާނަމަ އެތަނެއްގައި ފައިހަރުކޮށްލައިގެން އޮތުމަކީ އެމެރިކާއަށް ފަސޭހަކެމެއް ނޫނެވެ.
އިރާގާއި އަފްޣާނިސްތާނުންވެސް އެމެރިކާ ފައިބަން މަޖުބޫރުވީވެސް އެދެގައުމުގެ ހަނގުރާމަވެރިން ދޭ ހަމަލާތަކުގައި އެމެރިކާ ސިފައިން ގިނައަދަދަކަށް މަރުވަމުންދާތީ އާއި އެޙަމަލާތައް ހުއްޓުވުމުގައި އެމެރިކާ ނާކާމިޔާބު ވުމުންނެވެ.