މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 500 މެމްބަރުން އަލަށް ސޮއިކޮށްފިއެވެ.

އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ އަލަށް އެ ޕާޓީއާ ގުޅުނު މެމްބަރުންގެ ފޯމު ހަވާލުކުރުން އޮތީ މާލޭގައި ހުންނަ އެ ޕާޓީގެ ޕޮލިޓިކަލް ސެންޓަރުގައި ރޭ ކަމަށެވެ.

އަލަށް ގުޅުނު މެމްބަރުން އެންމެ ގިނައީ މާލެއާއި ފުވައްމުލަކު އަދި ނ. އަތޮޅާއި ދ. އަތޮޅުންނެވެ. އޭގެ އިތުރުން ވެސް އެހެނިހެން އަތޮޅުތަކުން މެމްބަރުން ޕާޓީއާ ގުޅިފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ.

މެމްބާޝިޕް އިތުރުކުރުމަށް ކުރާ މަސައްކަތަކީ ކުރިއަށް ހުރި އިންތިޚާބުތަކަަށް ޕާޓީ ވަރުގަދަކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތެއްކަމަށް މައުރޫފް ވިދާޅުވިއެވެ.

"އެހެންވީމާ މިހާރު އެމްޑީއޭގެ ވިސްނުމަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ކައިރިވަމުންދާތީ އަަޅުގަނޑުމެންގެ ޕާޓީ ސިޔާސީ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރުގަދަކުރުން. ދެން ޕާޓީ ބޮޑުކުރުމަށް ޓަކައި ވެސް، މެމްބާޝިޕް އިތުރުކުރުމަށް ޓަކައި ވެސް ރާއްޖޭގެ ބޮޑެތި އާބާދީ ތަކުގައާއި ހުރިހާ އަތޮޅެއްގައި ވެސް މަސައްކަތްކުރުން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭގައި ހުންނަ އެމްޑީއޭގެ ޖަގަހައާއި ފުވައްމަލަކުގައި ހުންނަ ޖަގަހައިގައި ވެސް މިހާރު އެމްޑީއޭގެ ސިޔާސީ މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ. އަދި އައްޑޫއާއި ކުޅުއްދުފުށި ސިޓީފަދަ ބޮޑެތި އާބާދީތަކުގައި އެ ޕާޓީގެ މަަސައްކަތްތައް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީއޭއަށް އަލަށް އިތުރުވި މެމްބަރުންގެ ފޯމު ހަވާލުކުރުން --

މައުރޫފް ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަލާއިރު މިހާރު އެމްޑީއޭ އޮތީ ހަތަރުވަނައިގައި ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ޕާޓީގެ މެމްބާޝިޕް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުކޮށް ރާއްޖޭގެ ނުފޫޒުގަދަ ސިޔާސީ ޕާޓީއަކަށްވުން،" އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތްކުރުމަށް ރައީސް ދެއްވި ދައުވަތު ގަބޫލުކޮށް މި އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމި ދެ ޕާޓީގެ ތެރޭގައި އެމްޑީއޭ ހިމެނެއެވެ. ދެން ހިމެނެނީ އަދާލަތު ޕާޓީއެވެ.

މީގެ ކުރިން އެމްޑީއޭއިން ނިންމީ ރިޔާސީ ރޭހުގައި ވަކިން ވާދަކުރާށެވެ. ނަަމަވެސް އެ ޕާޓީގެ ކައުންސިލުގެ އަޣުލަބިއްޔަތުން ނިންމީ ވަކިން ވާދަކުރުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއެކު ކޯލިޝަނެއް ހެދުންކަމަށެވެ.