ޓެލެވިޒަން ޑްރާމް "ބަލީކާ ވަދޫ"އިން މަޝްހޫރުކަން ހޯދި ބަތަލާ ބޮލީވުޑަށް ނުކުންނަން ތައްޔާރުވެފައިވާއިރު ނެޕޮޓިޒަމްއާއި ބެހޭ ގޮތުން ވާހަކަދައްކައިފިއެވެ.

ޑައިރެކްޓަރު ކްރިޝްނާ ބަޓްގެ ފިލްމު "1920:ހޮރޯސް އޮފް ދަ ހާޓް"އިން ބޮލީވުޑަށް ނުކުންނަން ތައްޔާރުވެފައިވާ އަވީކާ ބުނީ ނެޕޮޓިޒަމް ވާހަކައަކީ ކޮންމެ ވެސް ވަރެއްގެ ހަޤީޤަތެއް ހުރި ވާހަކައެއް ކަމަށެވެ. އަދި, އެއީ ހަމައެކަނި ފިލްމީ ދާއިރާއަށް ނިސްބަތްވާ ކަމެއް ނޫން ކަމަށާއި ކޮންމެ ދާއިރާއަކުން ވެސް ހަމަހަމަ ފުރުސަތު ހޯދުމަކީ ދަތި ކަމެއް ކަމަށެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އެ މީހުންގެ ކުދިން ފިލްމު ކުޅުމަށް ބާރުއެޅުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ވެސް ޒުވާން ބަތަލާ ވަނީ ބުނެފައެވެ. އެހެންނަމަވެސް އެއީ އާއްމުން ދެކޭހާ ގޯސްކަމެއް ނޫން ކަމަށް އަވީކާ ވަނީ ބުނެފައެވެ.

އަވީކާއަކީ ފިލްމީ ދާއިރާއާއި ގުޅުންހުރި އާއިލާއަކަށް ނިސްބަތްވާ ބަތަލާއެއް ނޫންކަމުން ހިންދީ ފިލްމު އިންޑަސްޓްރީއިން ފުރުސަތު ލިބުމަކީ ފަސޭހަކަމެއް ނޫން ކަމަށް ވެސް އަވީކާ ވަނީ ބުނެފައެވެ.

ސައުތު ސިނަމާގެ ބައެއް ފިލްމުތަކުގައި އަވީކާ މަސައްކަތް ކޮށްފައިވާއިރު ހިންދީ ސިނަމާގައި ގިނަ ތަރިންނަށް ނުލިބޭ އެއްބާރުލުން ސައުތު ސިނަމާއިން ލިބޭކަން ފާހަގަކުރެވުނު ކަމަށް ބަތަލާވަނީ ބުނެފައެވެ. ހިންދީ ފިލްމުތަކުގައި އެހާ ގިނައިން މަސައްކަތްކޮށްފައި ނެތުމުން ނެޕޮޓިޒަމްއޭ އެ ބުނާ ޙާލަތު ތަޖުރިބާ ކުރެވިފައިނުވާ ކަމަށް ވެސް އަވީކާ ވަނީ ބުނެފައެވެ.

ސައުތު ސިނަމާގައި މަސައްކަތްކުރިއިރު އެންމެން ވެސް މަސައްކަތްކުރީ ޢާއިލާއެއް ގޮތަށް ކަމަށާއި ފިލްމެއްގެ ޓްރެއިލާ ރިލީޒްކުރާ އިވެންޓަށް ވެސް އެ ފިލްމެއްގެ ޢާއިލާގެ ހުރިހާ މެންބަރުން ވެސް ބައިވެރިވާން އަންނާނެ ކަމަށް ބަތަލާ ބުނެފައިވެއެވެ. ބަލިކާ ވާދޫއިން ކުޑަ ކުއްޖެއްގެ ރޯލުން ފެނުނު ބަތަލާގެ ފިލްމު "1920:ހޮރޯސް އޮފް ދަ ހާޓް" ރިލީޒް ކުރުމަށް ތާވަލުކުރެވިފައި ވަނީ މި ހިނގާ ޖޫން މަހުގެ 23 ގައެވެ.