13 Jun 2023, 01:05
ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އެ ރަށުން "ސަން"އާ ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި އެކްސިޑެންޓު ހިނގަން މެދުވެރިވީ އޭނާ ސައިކަލުގައި ދުއްވައިފައި ދަނިކޮށް މަގުމަތިން ހުރަސްކޮށްލި ބުޅަލަކަށް އެރި ވެއްޓިގެންނެވެ. އެ ބުޅާ ވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފުވައްމުލަކު ދަނޑިމަގު އަވަށުގެ ނައިބުތުއްތު މަގުގައި ހިނގައިދިޔަ މި އެކްސިޑެންޓުގައި އަނިޔާވީ 36 އަހަރުގެ އެ އަންހެން މީހާގެ ބޮލަށެވެ.
"ދަރިފުޅު ގޮވައިގެން ދަނިކޮށް އެކްސިޑެންޓުވީ ދަރިފުޅަށް 12 ވަރަކަށް އަހަރު ވާނީ،" އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ދަރިފުޅަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަންހެން މީހާއަށް މިހާރު އައިސީޔޫގައި ފަރުވާދެމުންދާއިރު، އޭނާ މާލެއަށް އިތުރު ފަރުވާއަށް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.