ވޮޝިންޓަން (ޖޫން 12) - ޗައިނާގެ ހެކަރުންގެ ފުށުން އަތުވެދާނެ ކުއްލި ނުރައްކާތެރި ސައިބާ ހަމަލާއަކަށް އެމެރިކާ އިން ތައްޔާރުވާން ޖެހޭކަމަށާއި، އެމެރިކާއާ ދެމެދު ހަމަނުޖެހުން އުފެދިއްޖެ ނަމަ، ޕައިޕްލައިންތަކާއި ރޭލްވޭ ފަދަ އެމެރިކާގެ މުހިންމު އިންފްރާސްޓްރަކްޗާއަށް ލޮޅުން އަރުވާލެވޭނެ ކަމުގެ ޔަގީންކަން ޗައިނާގެ ހެކަރުންނަށް އެބައޮތް ކަމަށް އެމެރިކާގެ ސައިބާ ސެކިއުރިޓީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ވޮޝިންޓަންގެ އެސްޕެން އިންސްޓިޓިއުޓްގައި ބޭއްވި ބައްދަލުވުމެއްގައި ސައިބާ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އެޖެންސީގެ ޑިރެކްޓަރު ޖެން އީސްޓާލީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމެރިކާގެ އިންފްރާސްޓްރަކްޗާ ހަލާކުކޮށްލުމުގެ ގާބިލުކަން ހޯދުމަށް ބެއިޖިންއިން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މިއީ އަޅުގަނޑުމެން ތައްޔާރުވާން ޖެހޭ ހަގީގީ ނުރައްކަލަކީ، އަދި އެކަމަށް ސަމާލުކަން ދީ، އެކަމާ ދެކޮޅަށް ރެޒިލިއަންސް އުފައްދަން ޖެހޭ ނުރައްކަލެއް،" އޭނާ އެބައްދަލުވުމުގައި ވާހަކަ ދައްކަމުން ވިދާޅުވިއެވެ.

ބެއިޖިންގެ ހެކަރުން އެމެރިކާގެ ދިފާއު ފުނޑާލައި ޖިސްމާނީ ދުނިޔޭގައި ގެއްލުމެއް ދީފާނެ ކަމަށް ބެލެވޭތީ އެމެރިކާ މީހުން ތައްޔާރުވާން ޖެހޭ ކަމަށް އެކަމަނާ އިންޒާރު ދެއްވިއެވެ.

"ޗައިނާގެ ދައުލަތުގެ ވެރިންގެ ނުރައްކަލުގެ ނުރައްކާތެރި ސިފައަށް ބަލާއިރު، އަދި އެ މީހުންގެ ގާބިލުކަމުގެ މިންވަރަށާއި، އެ މީހުން އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކުރަމުންދާ ބުރަ މަސައްކަތަށް ބަލާއިރު، އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ، ހުރަސްތައް ކުރިމަތިވިޔަ ނުދިނުމަށް،" އެކަމަނާ ވިދާޅުވިއެވެ.

މި އިންޒާރާ ގުޅިގެން ވޮޝިންޓަންގައި ހުންނަ ޗައިނާ އެމްބަސީން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާކަމަށް ރޮއިޓާސްއިން ބުނެއެވެ.

އީސްޓާލީ މިހެން ވިދާޅުވެފައި މިވަނީ އެމެރިކާގެ އޮފިޝަލުންނާއި ސައިބާ ސެކިއުރިޓީ ކުންފުނިތަކުން ހަމަނުޖެހުން އުފެދިއްޖެ ހާލަތެއްގައި އެތަންތަން ހަލާކުވާ ފަދަ ސައިބާ ހަމަލާތައް ދިނުމަށް ތައްޔާރަށް ތިބޭ ކަމަށް ތުހުމަތުކުރާ "ވޯލްޓް ޓައިފޫން" ނަމަކަށް ކިޔާ ޗައިނާގެ ހެކިން ގްރޫޕަކާ ބެހޭ ގޮތުން ކުރި ސުވާލަކާ ގުޅިގެންނެވެ.

އެކަމަނާ މިހެން ވިދާޅުވީ، އެމެރިކާގެ އިންޓެލިޖެންސް ކޮމިއުނިޓީން މިއަހަރުގެ ކުރީކޮޅު ނެރުނު އިންޒާރުގެ ސަބަބުން، ޗައިނާގެ ނިންމުންތައް ނިންމާ ފަރާތްތަކުން އެމެރިކާއާ އެކު ބޮޑު ހަނގުރާމައެއް ގާތްވެފައިވާ ކަމަށް ގަބޫލުކޮށްފިނަމަ، އެމެރިކާގެ ހޯމްލޭންޑް ކްރިޓިކަލް އިންފްރާސްޓްރަކްޗާ އާއި އަސްކަރީ ޓާގެޓްތަކާ ދެކޮޅަށް ހަރުކަށި ސައިބާ އޮޕަރޭޝަންތައް ހިންގުމަށް ބެއިޖިންއިން ވިސްނާނެ ކަމަށް އެ ޖަމިއްޔާއިން ނެރުނު އަހަރީ ތްރެޓް އެސެސްމަންޓުގައި ބުނެފައި ވަނިކޮށެވެ.