13 Jun 2023, 09:28
މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓު މިހާރު އެމެރިކާގައި ދެމުންދާ "އެރާސް" ޓުއާއާ އެކު އެމެރިކާގެ އިގުތިސޯދަށް 4.6 ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދައިދޭނެ ކަމަށް ފޯބްސް އިން ލަފާކޮށްފިއެވެ.
ޓޭލާ މިހާރު އެމެރިކާގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ޓުއާ އަކީ މިހާތަނަށް ދޭ އެންމެ ކާމިޔާބު އެއް ޓުއާއަށް ވުން އެކަށީގެންވެއެވެ.
ފޯޗޫން އިން ތައްޔާރު ކުރި ރިޕޯޓަކާ ހަވާލާ ދީ ފޯބްސް އިން ބުނެފައިވަނީ ޓޭލާގެ ޓުއާއާ ގުޅިގެން އެމެރިކާގެ އެތެރޭގެ އިގުތިސޯދަށް ވެސް ބޮޑެތި ފައިދާތައް ކުރަމުންދާ ތަން ފެންނަ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ޓުއާ ކުރިއަށްދާ ސިޓީ ތަކާއި ސަރަހައްދުތަކުގެ އިގުތިސޯދަށް ކުރިއެރުމެއް އަންނަ ތަން ފެނުމެވެ.
ޓުއާގައި ދާ މަންޒިލުތަކަށް އެކި ސަރަހައްދުން މީހުން ދަނީ އެއްވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޓުއާ އޮންނަ މަންޒިލުތަކަށް ކުރިއެރުންތައް ލިބެމުންދާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުން ބުނެއެވެ. އެއީ ޓުއާ އޮންނަ މަންޒިލުތަކުގެ ލޯކަލް ވިޔަފާރިތަކަށް ވެސް އެހެން ސަރަހައްދުތަކުން މީހުން އެއްވެ ފައިދާ ކުރާ ކަމަށް ވަނީ ރިޕޯޓު ކުރެވިފައެވެ.
ރިޕޯޓުން ބުނާ ގޮތުގައި އެންމެ ބޮޑު ފައިދާތަކެއް ކޮށްފައިވަނީ ލޯކަލް ހޮޓެލް ވިޔަަފާރިތަކާއި ރެސްޓޯރެންޓް/ ކެފޭ އަދި ފިހާރަތަކަށެވެ.
އެރާސް ޓުއާ އަކީ ޓޭލާއަށް ވެސް ބޮޑު ފައިދާއެއް ކުރާނެ ޓުއާއެކެވެ. ރިޕޯޓުތަކުން ބުނާގޮތުގައި ޓުއާއިން އެކަނި ވެސް އޭނާއަށް 500 މިލިއަނަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ. ޓުއާއަށް ފަހު ޓޭލާ އަކީ ބިލިއަނަރަކަށް ވާނެ ތަރިއެއް ކަމުގައި ލަފާ ކުރެވެއެވެ. އޭނާގެ މިލްކިއްޔާތު މިހާރު ވެސް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑެވެ.