ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒާއި ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒުގެ ނަން އިއްވައި އެ ދެ މެންބަރުން މަޖިލީޙުގެ ޖަލްސާ އިން ނެރެފި އެވެ.

މަޖިލީހުގެ ރިޔާސަތުގެ ކުރިމައްޗަށާއި އޭރު ވާހަކަ ދައްކަވަން ހުންނެވި އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ ކުރިމައްޗަށް ހުއްޓި އަޑުގަދަ ކުރައްވައި ރިޔާސަތަށާއި ބައެއް މެންބަރުންނަށް ނިސްބަތް ކުރައްވައި ހަޅޭއްލަވައި އެއްޗެތި ކިއުއްވަމުން ގެންދަވާތީ ތަކުރާރުކޮށް އިންޒާރު ދެއްވުމަށް ފަހު ޝިފާޒުގެ ނަން އިއްވައި 11:08 ގައި މަޖިލީސް މެދުކަނޑާލި އެވެ. އޭގެ ކުރިން ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒުގެ ނަން އިއްވުމަށް ފަހު ޖަލްސާ އިން އޭނާ ނެރުމަށްޓަކައި ޖަލްސާ މެދު ކަނޑާލި އެވެ. އޭނާގެ ނަން އިއްވުމަށް ފަހު ޖަލްސާ ފެށީ 11:05 ގަ އެވެ.

ރިޔާޒުގެ ނަން އިއްވެވީ، މާވަށު ދާއިރާގެ މެންބަރު އަބުދުލް އަޒީޒު ޖަމާލް އަބޫބަކުރު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް އޭނާ އަށް އުނަދަގޫވާ ގޮތަށް، ތަކުރާރުކޮށް އަޑުގަދަ ކުރައްވައި ރިޔާސަތަށް ނިސްބަތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ގެންދަވާތީ ތަކުރާރުކޮށް ރިޔާސަތުން އިންޒާރު ދެއްވުމަށް ފަހުގަ އެވެ.

ދިހަގަޑި ފަނަރަ އެހާކަންހާއިރު، ރިޔާޒުގެ ނަން އިއްވުމަށް ފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމް ވިދާޅުވީ ރިޔާޒު ނިކުންނަވަންދެން ޖަލްސަ މެދުކަނޑުއްވައިލެއްވީ ކަމަށެވެ.
ނަމަވެސް އަލުން މިހާރު ވަނީ ޖަލްސާ ފައްޓައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނީއްސުރެން އެމްޑީޕީގެ މެންބަރުން ގެންދަވަނީ އަޑުގަދަކޮށް އިހްތިޖާޖު ކުރައްވަމުންނެވެ. އެ މެންބަރުން އަޑުގަދަކޮށް އިހްތިޖާޖު ކުރައްވަން ފެއްޓެވީ ސަރުކާރުން އާސަންދައިގެ ހިދުމަތް ހުއްޓާލަނީ ކަމަށް ވިދާޅުވެ އެކަމާ ކަންބޮޑުވުން ފަޅު ކުރައްވައި އެމްޑީޕީގެ މެންބަރު އިހަވަންދޫ ދާއިރާގެ އަހްމަދު އަބުދުﷲ ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ގަވާއިދާ ހިލާފަށް އޮތުމުން އެ މައްސަލަ ބަލައި ނުގަތުމުންނެވެ.

އެމްޑީޕީގެ މެންބަރުން އާސަންދަ ހުއްޓާޅަނީ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައި ވާތީ، ސަރުކާރަށް ނިސްބަތްވެވަޑާއިގަންނަވާ އަބުދުލް އަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވީ އާސަންދައިގެ ހިދުމަތަކީ ގާނޫނަކުން ސަރުކާރަށް ލާޒިމް ކުރާ ހިދުމަތެއް ކަމަށެވެ. އެހެންކަމުން އެހިދުމަތް ސަރުކާރުން ހުއްޓާލަނީ ކަމަށް އެމްޑީޕީ މެންބަރުން ދައްކާ ވާހަކައަކީ ރައްޔިތުން މެދުގައި މައްސަލަ ހޫނުކުރުމަށް ދައްކާ ވާހަކައެއް ކަމަށެވެ. އަދި ސަރުކާރުން އާސަންދައިގެ ހިދުމަތް ހުއްޓާލަން ނޫޅޭ ކަމަށާއި އަދި އެއީ ސަރުކާރަށް ހުއްޓައިލެވޭނެ ހިދުމަތެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.