12 Jun 2023, 20:02
ރެއާލް މެޑްރިޑްގެ ލެޖެންޑަރީ ކުޅުންތެރިންތަކެއް ބޭނުންކުރި ހަތް ނަމްބަރުގެ ޖާޒީ، ބްރެޒިލް ފޯވަޑް ވިނީޝިއަސް ޖޫނިއާއަށް ދިނުމަށް ނިންމައިފިއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރައުލް ފަދަ ކުޅުންތެރިން ބޭނުންކުރި ރެއާލްގެ ހަތް ނަމްބަރު ޖާޒީގައި އެންމެ ފަހުން ފެނިފައިވަނީ ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑެވެ. މިސީޒަނަށްފަހު ރެއާލުން ވަނީ ހަޒާޑްގެ ކޮންޓްރެކްޓް ބާތިލުކޮށްފައެވެ.
ޗެލްސީގައި ހޭދަކުރި ހަތް އަހަރު އެ ކްލަބުގައި ވިދާލުމަށްފަހު، ހަޒާޑް ރެއާލްއާ ގުޅުނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ރެއާލްއާއެކު ހަޒާޑަށް ކުރިމަތިލާން ޖެހުނީ އަނިޔާގެ މައްސަލަތަކަކާއެވެ. އެކަމާ ގުޅިގެން އޭނާއަށް ވަނީ ރެއާލްގެ ފުރަތަމަ 11 އިން ޖާގަ ހޯދުމަށް ވެސް ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ރެއާލްގެ ހަތް ނަމްބަރު ޖާޒީގައި ދެން ފެނިގެންދާނެ ވިނީޝިއަސްއަކީ ފްލެމިންގޯ އިން 2018 ވަނަ އަހަރު ރެއާލާ ގުޅުނު ކުޅުންތެރިއެކެވެ. އުމުރުން 22 އަހަރުގެ ވިނީޝިއަސް ވަނީ ރެއާލަށް 335 ކުޅެ، 59 ގޯލު ޖަހައިފައެވެ. އޭނާ ވަނީ ރެއާލްއާއެކު ދެ ފަހަރު ސްޕެނިޝް ލަލީގާ އާއި ޔޫއެފާ ޗެމްޕިއަންސް ލީގެއް ވެސް ކާމިޔާބުކޮށްފައެވެ.
މިސީޒަންގެ ނިޔަލަށް ރެއާލްގައި ވިނީޝިއަސް ބޭނުންކުރަމުން ދިޔައީ 20 ނަމްބަރުގެ ޖާޒީއެވެ. ދެން އެ ނަމްބަރު ބޭނުންކުރަނީ ރަޔޯ ވަޔެކޯނާ އިން އަލުން ރެއާލްއާ ގުޅުމަށް ނިންމާފައިވާ އުމުރުން 23 އަހަރުގެ ސްޕެއިން ޑިފެންޑަރު ފްރޭން ގާސިއާ ކަމަށް ބެލެވެއެވެ.
އަންނަ ސީޒަނުގައި ރެއާލްގެ ބްރެޒިލް ފޯވަޑް ރޮޑްރީގޯ ވެސް ބޭނުންކުރާނީ އާ ޖާޒީ ނަމްބަރެކެވެ. އޭނާ ބޭނުންކުރަމުންދިޔަ 21 ނަމްބަރުގެ ބަދަލުގައި ދެން ބޭނުންކުރާނީ 11 ނަމްބަރުގެ ޖާޒީއެވެ.