12 Jun 2023, 19:43
އާޖެންޓީނާ ތަރި ލިއޮނެލް މެސީއާއެކު މޭޖާ ލީގް ސޮކާ (އެމްއެލްއެސް)އާ އިތުރު ތަރިންތަކެއް ގުޅޭނެކަމަށް ގަބޫލުކުރާ ކަމަށް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ބްރެޒިލް ތަރި ނޭމާ ބުނެފިއެވެ.
ނޭމާއަކީ ޕީއެސްޖީގެ އިތުރުން ބާސެލޯނާގައި ވެސް މެސީއާއެކު ކުޅެފައިވާ ކުޅުންތެރިއެކެވެ. މިސީޒަނަށްފަހު ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާތީ، މެސީ ނިންމާފައިވަނީ އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އެމެރިކާ ކްލަބު، އިންޓަ މަޔާމީއާ ގުޅުމަށެވެ.
މެސީ ހޯދުމަށް އޭނާގެ ކުރީގެ ކްލަބު ބާސާ އާއި ސައުދީ އަރަބިއާގެ އަލް ހިލާލުން ވެސް މަސައްކަތްތަކެއް ކުރިއެވެ. ބާސާއަށް އެ ކްލަބުގެ މާލީ ހާލަތާ ގުޅިގެން އުނދަގޫތަކެއް ކުރިމަތިވި އިރު، އަލް ހިލާލުން މެސީއަށް ބޮޑު މުސާރައެއް ހުށަހެޅިއެވެ.
އިންޓަ މަޔާމީން މެސީއަށް ހުށަހެޅުމެއް ހުށަހަޅާފައިވަނީ އެޑިޑާސް އާއި އެޕަލްގެ އެހީތެރިކަމާއެކުއެވެ. އެ ކުންފުނިތަކުން ވަނީ މެސީއަށް ފައިދާގެ ހިއްސާއެއް ދިނުމަށް އެއްބަސްވެފައެވެ. އެ ކްލަބާ މެސީ ގުޅުމާއެކު އެމްއެލްއެސް އިން ބޮޑު ބަދަލެއް ފެންނާނެ ކަމަށް ނޭމާ ގަބޫލުކުރެއެވެ.
"އެމެރިކާގެ ލީގަށް މެސީ ބަދަލުތަކެއް ގެންނާނެކަމުގެ ޔަގީންކަން އެބައޮތް. އަހަރެން ގަބޫލުކުރަނީ އެ ލީގު އިތުރަށް މަޝްހޫރުވެގެންދާނެ ކަމަށް. މެސީއާއެކު އިތުރު ތަރިންތަކެއް ވެސް އެ ލީގުގެ ކްލަބުތަކާ ގުޅޭނެ،" ބްރެޒިލްގެ ޓީވީ ޗެނެލަކަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުންޏެވެ.
ނޭމާ ބުނީ މެސީއާ އަލްވަދާއު ކިޔަން ޖެހޭތީ ހިތާމަކުރަން ޖެހުނު ނަމަވެސް، މެސީގެ ކުރިމަގާ މެދު އުފާކުރާ ކަމަށެވެ. އަދި މެސީއަކީ އޭނާގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ މީހެއްކަން ވެސް ނޭމާ ފާހަގަކުރިއެވެ.
"އަހަރެންނަށް އޭނާއާއެކު ކުޅުމުގެ ފުރުސަތު ލިބި، އެކުވެރިކަން ބަދަހިކުރުމުގެ ފުރުސަތު ވެސް ލިބުނު. އަހަރެންނަށް އެނގޭ އޭނާ މަޔާމީއަށް ދާން ބޭނުންވާކަން. އަދި އެކަމާ އަހަރެމެން ވާހަކަވެސް ދެއްކިން. އަހަރެން މެސީ ކައިރީ ބުނިން އެ ސިޓީގައި އޭނާއަށް އުފަލުގައި އުޅެވޭނެ ކަމަށް،" ނޭމާ ބުންޏެވެ.
މިސީޒަންގައި މެސީގެ އިތުރުން ނޭމާއަށް ވެސް ވަނީ ޕީއެސްޖީގެ ސަޕޯޓަރުންގެ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ޕީއެސްޖީގެ ސަޕޯޓަރުން ވަނީ ނޭމާ ދިރިއުޅޭ ގޭގެ ކައިރިއަށް ވެސް އެއްވެ، އަޑު އުފުލައިފައެވެ.