ބާސެލޯނާގައި އަލުން އާޖެންޓީނާ ތަރި ލިއޮނެލް މެސީއާއެކު ކުޅުމުގެ ފުރުސަތު ނުލިބުމުން މާޔޫސްކަން ލިބިފައިވާ ކަމަށް އެ ކްލަބުގެ ނެދަލެންޑްސް މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގް ބުނެފިއެވެ.

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާތީ ބާސާ އިން ވެސް ވަނީ އަލުން މެސީ ގެނައުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ބާސާގެ ވެރިން ވަނީ މެސީގެ ބައްޕަ ޖޯޖް މެސީއާ ވެސް ބައްދަލުކޮށްފައެވެ.

ބާސާ އިން މަސައްކަތްތަކެއް ކުރި ނަމަވެސް، އެ ކްލަބަށް އޮތް ހުރަހަކަށް ވެފައިވަނީ މާލީ ހާލަތެވެ. އެކަމާ ގުޅިގެން މެސީގެ ޓްރާންސްފާ ހަމަޖެއްސުމަށް ބާސާ އިން ވަނީ ލަލީގާއާ މަޝްވަރާތަކެއް ވެސް ކޮށްފައެވެ. ނަމަވެސް މެސީ ނިންމާފައިވަނީ އެމެރިކާގެ އިންޓަ މަޔާމީއާ ގުޅުމަށެވެ.

މެސީއާ ގުޅޭގޮތުން ބާސާގެ މިޑްފީލްޑަރު ޑި ޔޮންގް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ކޮންމެ ޓީމަކުން ވެސް މެސީ ބޭނުންވާނެ ކަމަށާއި އޭނާއަކީ ކޮންމެ ޓީމަކަށް ކުޅުނަސް ތަފާތު ދައްކާނެ ކުޅުންތެރިއެއް ކަމަށެވެ.

"މެސީ ބާސާއާ ނުގުޅުމަކީ މާޔޫސީ ކަމެއް. ބާސާ އިން މެސީ ފެނުމަކީ އަހަރެން ވަރަށް ބޭނުންވާ ކަމެއް. އަހަރެމެން ދެން ބަލަން ޖެހޭނީ އަލަށް ގުޅޭނެ ކުޅުންތެރިންނާއި ކްލަބު ދޫކޮށްލާ ކުޅުންތެރިންނަށް،" ޑި ޔޮންގް ބުންޏެވެ.

ބާސެލޯނާގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން މެސީއާއެކު ކުޅުނު މަދު ކުޅުންތެރިންގެ ތެރޭގައި އުމުރުން 26 އަހަރުގެ ޑި ޔޮންގް ހިމެނެއެވެ. އޭނާއަށް މެސީއާއެކު ކުޅެން ފުރުސަތު ލިބިފައިވަނީ ދެ އަހަރެވެ.