30 Apr 2012, 11:25
މަދަނީ ތައުލީމުގެ ގައުމީ ކެމްޕެއިން މިއަދު އިފްތިތާހުކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި މިއަދު އެ ކެމްޕެއިން އިފްތިތާޙު ކޮށްދެއްވީ ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުއެވެ.
މިއަދު އިފްތިތާޙު ކުރި ގައުމީ ކެމްޕެއިނުގެ ސަބަބުން ރާއްޖޭގެ މުޖުތަމައުގައި ކުށްކުރުން އިތުރުވެ، އިޖްތިމައީ ފޭރާން ވީދި މުޖުތަމައުގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ދަށަށް ދާދިއުން ނިމުމަކަށް ގެނެސް ރައްޔިތުންނަށް އަމާން މާހައުލެއް ގާއިމްކޮށްދީ އިޖުތިމާއި ގޮތުން ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ގެނެސްދިނުމަށް ކުރިއެރުންތަކެއް ލިބިގެންދާނެ ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފަ އެވެ.
"ކުރިއަށް މިއޮތް ސިޔާސީ ހޫނު މޫސުމުގައި ސިޔާސީ ވާދަވެރިކަން ކުރިއަށް ގެންދާއިރުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެކުވެރިކަން އަދި އަޅުގަނޑުމެންގެ އިސްލާމް ދީން ގެނެސްދީފައިވާ އުސޫލުތަކުގެ ތެރޭގައި މިދެންނެވި ވާދަވެރިކަން ހިފެހެއްޓުމަށް ގޮވާލަން. މިގޮތައް މިކަން ކުރެވިއްޖެ ނަމަ އަމާން ވެއްޓަކާ ހަމައަށް ދަތުރުކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ،" ޖަމީލް ވިދާޅުވި އެވެ.
މަދަނީ ތައުލީމުގެ ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވާ ސަރުކާރުގެ ވުޒާރާތަކަކީ ހޯމް މިނިސްޓްރީ އާއި އެޑިޔުކޭޝަން މިނިސްޓްރީ އާއި އިސްލާމިކު މިނިސްޓްރީ އެވެ.
މި ޕްރޮގްރާމު ހިންގުމުގައި ވަނީ ޝިއާރުތަކެއް ކަނޑައަޅާފަ އެވެ. އެ ޝިއާރުތަކުގެތެރޭގައި އާއްމުންނާއި މަދަނީ ޖަމިއްޔާތައް ގުޅިގެން އެކި ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޕްރޮގްރާމްގައި ކަނޑައަޅާފައިވާ ޝިއާރުތަކަކީ ގައުމަށްޓަކައި އަމާންވެށި މިޕްރޮގްރާމުގެ ދަށުން ކުށްކުރުން މަދުކުރުމަށް ހިންގާ ހާއްސަ މަސައްކަތްތެކެއް ކުރުމާއި ޒިންމާދާރު ރައްޔިތުން މިޕްރޮގްރާމްގެ ދަށުން ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ޒިންމާދާރުކުރުމާއި ސުކޫލް މަދަރުސާތަކުގެ ޓީޗަރުން މަދަނީ ތައުލީމުގެ މައުލޫމާތު ދިނުމާއި ޒިންމާދާރު ފުލުހުން މިޕްރޮގްރަމްގެ ދަށުން ފުލުހުން ޒިންމާ ދާރުކުރުމަށް އެކި ޕްރޮގްރާމްތައް ހިންގުމާއި މައުލޫމާތުގެ ހައްގުގެ ދަށުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ވާގޮތަށް ހުރިހާ ފަރާތްތަކަށް ވެސް މައުލޫމާތު ފޯރުކޮށް ދިނުމާއި، އަނބުރާ މުޖުތަމައުއަށް މިޕޮރޮގްރާމްގެ ދަށުން ކުށްވެރިން އަލުން އަނބުރާ މުޖުތަމައުއަށް ނެރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމާއި އިންސާނީ ކަރާމާތް މިޕްރޮގްރާމްގެ ދަށުން ހިއުމަން ޓްރެފިކިންގެ މައްސަލަތަކާ ގުޅޭ އެކި ޕްރޮގްރާމްތައް ހިންގުން ހިމެނެ އެވެ.