12 Jun 2023, 14:34
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރެވި ދިގު ދެމުމަށް ފަހު، މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
އެމްޑީޕީގެ މެންބަރުކަމުން ވަކިވުމާ ގުޅިގެން އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ އެ ޕާޓީންނެވެ.
އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އޭނާއަށް ފޮނުވި ނޯޓިސް މި މަހުގެ 11 ވަނަ ދުވަހަށް ހަމަވި ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން އާންމު ކޮމިޓީން ނިންމަން ޖެހޭ ނިންމުންތައް ނިންމާފައިނުވާތީ، އެ މައްސަލަ ވަނީ އެޖެންޑާ ނުކުރެވިފައެވެ.
އެކަމަކު، އަމީންއާންމު ސޮއިކުރައްވާ މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ މައްސަލައިގައި ބަހުސް ކުރާނެ ވަގުތު މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް 205 ވަނަ މާއްދާގެ ކ ގެ ދަށުން ކަނޑައެޅިފައިނުވި ނަމަވެސް އެ މާއްދާގެ ނ ގައިވާ ގޮތުގެ މަތިން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު އެޖެންޑާ ކުރަން ޖެހޭ ކަމަށެވެ.
އެހެންވެ، މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.
"އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަން ވާނެ ކަމަށް ބަޔާން ކޮށްފައިވާތީ، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ ގަރާރު އެޖެންޑާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ." ސިޓީގައި ވެއެވެ.
އާންމު ކޮމިޓީން ނިންމަން ޖެހޭ ނިންމުންތައް ނުނިންމި ދިގު ދެމިގެން ގޮސްފައިވަނީ އީވާ ހިމެނޭހެން އެމްޑީޕީގެ 13 މެންބަރުން އެ ޕާޓީން ވަކިވުމާ ގުޅިގެން މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާ އެއްގޮތަށް ކޮމިޓީތައް އެކުލަވައިނުލާ އެ ކޮމިޓީ ނުބޭއްވޭނެ ކަމަށް ބުނެއެވެ.