12 Jun 2023, 21:31
ރިޔާޟް (12 ޖޫން 2023): ސައޫދީ ވެރިރަށް ރިޔާޟްގައި މިހާރު ކުރިޔަށްދާ އަރަބް ޗައިނީޒް ބިޒިނަސް ކޮންފްރެންސްގެ ތެރެއިން ސައޫދީ އާއި ޗައިނާއާ ދެމެދު 10 ބިލިޔަން އެމެރިކާ ޑޮލަރާ ގާތްކުރާ އަދަދަކަށް އަގުކުރެވޭ ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
ސައޫދީގެ އިންވެސްޓްމަންޓްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މިކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރީ ޗައިނާގެ 30 ކުންފުންޏަކާއެކުގައެވެ. މި އެއްބަސްވުންތަކުގައި ހިމެނެނީ ޓެކްނޮލޮޖީ އާއި އިއާދަކުރަނިވި ހަކަތަ އާއި ދަނޑުވެރިކަމާއި ރިއަލް އެސްޓޭޓް ތަރައްގީކުރުމުގެ އިތުރުން ފަތުރުވެރިކަމާއި ސިއްހީ ދާއިރާއާއި މައުދަނުތައް ނެގުމާއި ސަޕްލައި ޗެއިން ތަރައްގީ ކުރުމުގެ ދާއިރާތަކެވެ.
އަރަބް ޗައިނީޒް ބިޒިނަސް ކޮންފްރެންސްގައި ވާހަކަ ދައްކަވަމުން ސައޫދީ ތެލާ ބެހޭ ވަޒީރު އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވީ ސައޫދީ ވިޔަފާރީގެ އެއްވަނަ ބައިވެރިއަކީ ޗައިނާ ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތީ ގުޅިގެން ތަރައްގީގެ މަގުގައި ކުރިޔަށްދިޔުމުގެ ވިސްނުމެވެ.
ސައޫދީ ވެރިރަށް ރިޔާޟްގައި މިހާރު ކުރިޔަށްދާ އަރަބް ޗައިނީޒް ބިޒިނަސް ކޮންފްރެންސަކީ އަރަބި ގައުމެއްގައި މިހާތަނަށް ބައްވާ އެންމެ ބޮޑު ވިޔަފާރީގެ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި 24 ގައުމެއްގެ އެތަށް ސަތޭކަ ކުންފުންޏެއް ބައިވެރިވާއިރު އޭގެތެރޭގައި ގިނައީ ޗައިނާގެ ކުންފުނިތަކެވެ. މި ކުންފުނިތަކުން 3500 އަށްވުރެ ގިނަ މަންދޫބުން (ވެރިން ހިމެނޭގޮތަށް) މި ބައްދަލުވުމުގައި ބައިވެރިވެއެވެ.
ސައޫދީ ވަޒީރު ވިދާޅުވިގޮތުގައި ސައޫދީއާއި ޗައިނާއިން ގުޅުންތައް ބަދަހިކުރަމުން މިހާރު ގެންދަނީ ހަމައެކަނި އިގުތިސާދާއި ވިޔަފާރީގެ ދާއިރާތަކުގައި އެކަންޏެއް ނޫނެވެ. ގައުމީ އަދި ސަރަހައްދީ ސަލާމަތާ ގުޅޭ ދާއިރާތަކާއި ސިޔާސީ އަދި ޖިއޮޕޮލިޓިކަލް ދާއިރާތަކުގައި ވެސް ސައޫދީ އާއި ޗައިނާ ގެންދަނީ ސްޓްރެޓީޖިކް ލެވެލްގައި ދެ ގައުމުން ދަނީ މަޝްވަރާތައް ކުރަމުންނެވެ.
ސައޫދީން އާދަޔާ ޚިލާފަށް ޗައިނާއާ ގާތްވަމުންދާއިރު ގަލްފުގެ އެންމެބޮޑު އަސްކަރީ ބާރުކަމަށްވާ އީރާން ވެސް 2021 ވަނަ އަހަރުގައިވަނީ އީރާނުގެ އިންފްރާސްޓްރަކްޗާ ޒަމާނީ ކުރުމަށްޓަކައި ޗައިނާއާއެކު 25 އަހަރު ދުވަހުގެ ދިގުމުއްދަތެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން 25 އަހަރު ތެރޭގައި ޗައިނާއިން އީރާނުގައި އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ މިންވަރަށް އިމްރާނީ ތަރައްގީގެ ދާއިރާތަކުގައި އިންވެސްޓް ކުރާނެއެވެ.
އަނެއްކޮޅުން ގަލްފާއި މެދުއިރުމަތީގެ އެންމެ ބޮޑު ވިޔަފާރީގެ މަރުކަޒު ކަމަށްވާ ޔޫއޭއީ ވެސް ގެންދަނީ ޗައިނާއާ ވަރަށް ބޮޑަށް ގާތްވަމުންނެވެ. އަދި އިރާގުގެ ތެލުގެ ސެކްޓަރުގެ އެންމެބޮޑު އިންވެސްޓަރަކީވެ ސް މިހާރު ޗައިނާއެވެ.
ދާދިފަހުން ޗައިނާވަނީ އީރާނާއި ސައޫދީ ސުލްހަ ކުރުވުމުގައި ވެސް ބޮޑުކާމިޔާބެއް ހޯދާފައެވެ. މިއާއެކު ޗައިނާގެ ބާރާއި ނުފޫޒު އިގްތިސާދީ ދާއިރާގެ އިތުރުން ސިޔާސީ އަދި ސްޓްރެޓީޖިކް ދާއިރާގައިވެސް ވަނީ ފުޅާވާން ފަށާފައެވެ. މިކަމުގެ ސަބަބުން އެމެރިކާ ވަނީ އިންތިހާއަށް ކަންބޮޑުވެފައެވެ.
އަރަބް ޗައިނީޒް ބިޒިނަސް ކޮންފްރެންސްގައި ނޫސްވެރިއަކު ވަނީ ސައޫދީން އެމެރިކާ އަށް ވުރެ ބޮޑަށް ޗައިނާއާ ގުޅެން މަސައްކަތްކުރަނީ ކީއްވެގެންތޯ ސައޫދީ ތެލާބެހޭ ވަޒީރު އަބްދުލްއަޒީޒް ބިން ސަލްމާނާ ސުވާލުކުރައްވާފައެވެ. ޖަވާބުގައި އޭނާ ވިދާޅުވީ ވިޔަފާރި އާއި އިގްތިސާދީ ހަރަކާތްތަކާ އަދި އިންވެސްޓްމަންޓަކީ ފުރުސަތު އޮންނަ ދިމާއަކަށް ދާއެއްޗެއް ކަމަށާ މި ފުރުސަތު ޗައިނާގައި އާދަޔާ ޚިލާފަށް ބޮޑުކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެ އެ ނޫސްވެރިޔާއަށް ރައްދު ދެއްވާފައެވެ.