30 Apr 2012, 11:20
ވިޔަންސާގެ ކުޅުންތެރިޔަކާ މާރާމާރީ ހިންގި މައްސަލައިގެ ތުހުމަތުގައި ވީބީ އައްޑޫ އެފްސީގެ ކޯޗް ޖޭން ވަންލީ އަށް ބޮޑުބޭބެ ކިޔާ ވިކްޓަރީގެ ތުރުކީ ގޯލްކީޕަރު ލެވަންޓް ވަންލީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
އެމާރާމާރީއާ ގުޅިގެން އެއްވެސް މީހަކަށް މާބޮޑު އަނިޔާއެއްވެފައި އެއް ނުވެ އެވެ.
ފުލުސް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގަލޮޅު ދަނޑުގައި ހުންނަ ޔޫތު އެކޮމަޑޭޝަން ބްލޮކް ތެރޭ މާރާމާރި ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޕޮލިހަށް ހާޒިރުކުރި ލެވަންޓަށް ނަސޭހަތް ދިނުމަށްފަހު ހަމަ އެރޭ ދޫކޮށްލައިފައި ވާނެ ކަމަށެވެ. އަދި އެމާރާމާރީގެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ވިޔަންސާގެ ޗެއާމަން މުހައްމަދު ވިޝާމް ވިދާޅުވީ، އެ މާރާމާރީގައި ލިވަންޓު ހަމަލަދިނީ އެކުލަބުގެ 21 އަހަރުން ދަށުގެ ޓީމާއި އަދި ސީނިޔާ ޓީމަށް ވެސް ކުޅެމުން އަންނަ އިބްރާހިމް ނާސިހަށް ކަމަށެވެ.
އަދި އެ މައްސަލާގައި ނާސިހް ވެސް ފުލުސް އޮފީހަށް ގެންގޮސް ބަޔާން ނެގުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ވިޝާމް ވިދާޅުވިއެވެ.
"އަޅުގަނޑު ވިކްޓަރީގެ ކޯޗް ސުޒޭނަށް ފޯނުން ގުޅާ މިހާރު ބުނެފައި ވާނެ ކުރިއަށް އޮތްތާގައި މިކަހަލަ ކަމެއް އޭނަގެ ފަރާތުން ތަކުރާރު ނުކުރުމަށް. އަޅުގަނޑަށް ވަނީ ކުރިން ވެސް އޭނަ ކުޅުންތެރިންނަށް އުނދަގޫ ކުރާ ކަމުގެ ޝަކުވާތައް ކުޅުންތެރިންގެ ފަރާތުން އެނގިފަ އޮތީ. އަޅުނޑުމެން ބޭނުމެއް ނޫން މިމައްސަލަ މާބޮޑު ކުރާކަށް. ނާސިހް ވެސް ބޭނުމެއް ނުވެ މައްސަލަ ބޮޑު ކުރާކަށް." ވިޝާމް ވިދާޅުވި އެވެ.
ވިކްޓަރީގެ މެނޭޖަރު އަހުމަދު އަޔާޒް (އަޔާ) ބުނީ، ލިވަންޓު ޕޮލިހަށް ގެންދިޔައީ އޭނާ ދިރިއުޅެމުން އަންނަ ޔޫތު އެކޮމަޑޭޝަން ބްލޮކުގެ ތެރެއިން ފައިސާތަކެއް ގެއްލިގެން ވިޔަންސާ ކުޅުންތެރިއަކާ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން، މާރާމާރި ހިންގިކަމަށް ތުހުމަތުކޮށް ކަމަށެވެ.
"އޭނާ އުޅޭ ޔޫތު އެކޮމަޑޭޝަން ބްލޮކުގެ ތެރޭގަ އެކަމެއް ހިނގީ. ފައިސާގެ މައްސަލައެއް ކަމަށް އަޅުގަނޑަށް އަދި އެނގިފައި އޮތީ. ވިޔަންސާގެ ކުޅުންތެރިޔާ ވެސް އުޅެނީ ހަމަ އެ އެކޮމަޑޭޝަން ބްލޮކުގައި. އެއްވެސް މީހަކަށް މާބޮޑު އަނިޔާއެއް ނުވޭ،" އަޔާ ބުންޏެވެ.
އަޔާ ބުނީ، ލިވަންޓުގެ އެކޮމަޑޭޝަން މިހާރު އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށާއި އަދި އޭނާ އަށް ކުލަބުގެ ފަރާތުން ވެސް އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތް ދީފައިވާނެ ކަމަށެވެ.
ވީބީގެ ކޯޗް ވަންލީ ބުނީ، ކޮއްކޮ އެއް ކަމަކު ލެވަންޓް ހިންގި އަމަލާ ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި މީގެ ކުރިންވެސް އެކަހަލަ ކަންކަން އޭނާ ކުރާކަމުގެ ޝަކުވާ ބައެއް ކުޅުންތެރިންނާއި ރައްޓެހިންގެ ފަރާތުން ލިބޭތީ އެފަދަ ގޮތްގޮތަށް މީހުންނަށް އުނދަގޫ ނުކޮށް އުޅުމަށާއި ކުޅުންތެރިންނާއި ގުޅިގެން އުޅުމަށް އެތައް ފަހަރެއްގެ މަތީން އޭނާއަށް ނަސޭހަތްދީފަ ވާނެ ކަމަށެވެ.
"އަހަރެން ވަރަށް ދެރަވޭ. ކޮއްކޮއެއް ކަމަކު އެކަހަލަ އަމަލު އޭނަ ހިންގީތީ. ރާއްޖެއަކީ އަހަރެން ވަރަށް ލޯބިވާ ގައުމެއް. ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިން އަހަރެންނަށް ވަރަށް ކަމޭ ހިތާ. މަގު މަތިން ފެނުނަސް ވަންލީ، ވަންލީ އޭ ކިޔާ ގޮވާލާނެ. ކޮއްކޮގެ ސަބަބުން އަހަރެންގެ ނަމަށް ވެސް ހުތުރެއް މިލިބުނީ. އޭނާ ރާއްޖެ ގެނައީ ވެސް އަހަރެން" ވަންލީ ބުންޏެވެ.
އުމުރުން 21 އަހަރުގެ ލެވެންޓް މާލެއާއި 2010 ވަނަ އަހަރު އެވެ. އަދި މާލެ އައިސް އޭނަ ފުރަތަމަވެސް ބައިވެރިވީ ވީބީގެ ޕްރެކްޓިހުގައެވެ. އެހެންނަމަވެސް މިދިޔަ ސީޒަންގައި އޭނާ ނިއަށް ކުޅުމަށްފަހު ވިކްޓަރީއަށް ކުޅުމަށް ބަދަލުވީ މިއަހަރުއެވެ.