ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވައިގެ ދަތުރުފަތުރު ފަށަން ނިންމައި ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމަށް ދަތުރު ކުރެވޭނެހެން ދެ ގައުމުގެ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގެ އިތުރުން އެހެނިހެން މުހިންމު އެއްބަސްވުންތަކުގައި ސޮއިކުރީ ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ރާއްޖެއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި މިއަދު އެ މަނިކުފާނަށް އެރުވުނު ރަސްމީ މަރުހަބާއަށް ފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުންތަކަށް ފަހުގައެވެ.

މި ބައްދަލުވުންތަކުގައި ސޮއިކުރެވުނު މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ:

  • ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރުމުގެ މަގުފަހި ކުރުމާ ގުޅޭ އެއްބަސްވުން

  • ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމާ ގުޅޭ އެއްބަސްވުން
  • ޒުވާނުންގެ ތަރައްގީއާ ގުޅޭ އެއްބަސްވުން އާކޮށް ސޮއިކުރުން
  • ޕްރޮޓޮކޯލް އޮން ކޯޕަރޭޝަން ޓު ކޮމްބެޓް ޓްރާންސްނޭޝަނަަލް އޮގަނައިޒްޑް ކްރައިމް އެންޑް އަަދާ މެރިޓައިމް އެންޑް ސެކިއުރިޓީ ސޭފްޓީ ތްރެޓު އެއްބަސްވުން

މަޝްވަރާ ބައްދަލުވުންތަކަށް ފަހު ރައީސް އޮފީހުގައި އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ނައިބު ރައީސް ފައިސަލް ނަސީމާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އެހެނިހެން ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ސީޝެލްސް ފަރާތުން ވެސް އެ ގައުމުގެ ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަތެވެ.

މަޝްވަރާތަކާއި އެއްބަސްވުންތައް ބަދަލުކުރުމަށް ފަހު ދެ ގައުމުގެ ވެރިން ވެސް ވަނީ މީޑިއާތަކަށް ބަޔާނެއް ދެއްވައިފައެވެ.

އެ ބަޔާނުގައި ދެ ރައީސުން ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމާއި، އެކި ދާއިރާތަކުން މުހިންމު މަޝްވަރާތައް ކުރެވި އަމަލީ މަސައްކަތްތަކެއް އެކަމުގައި ކުރެވެމުން އަންނަކަން ފާހަގަކުރައްވައިފައެވެ.