12 Jun 2023, 11:21
މޮސްކޯ (12 ޖޫން 2023): ރަޝިއާއިން ހިފާފައިވާ ޔުކްރެއިންގެ ބިންތައް މިނިވަން ކުރުމަށްޓަކައި ޔުކްރެއިނުން ފަށާފައިވާ ކައުންޓާ އެޓޭކް އޮޕަރޭޝަނާ ދެކޮޅަށް ރަޝިއާއިން ދިން ކުއްލި ހަމަލާތަކެއްގައި ޔުކްރެއިން ސިފައިންގެ ފައުޖެއް ހަތިޔާރާއެކު އެއްކޮށް ހަލާކުކޮށްލައިފި ކަމަށް ޚަބަރު ލިބިއްޖެއެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއިން މިކަން ކަށަވަރުކޮށްދޭއިރު ޔުކްރެއިނުންވެސްވަނީ ރަޝިއާ ސިފައިންގެ ބަޔަކު ފިލައިތިބެ ދިން ކުއްލި ހަމަލާތަކެއްގައި (އެންބުޝްއެއްގައި) ގިނަ ހަތިޔާރުތަކެއް ހަލާކުވެ އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެއްބަސްވެފައެވެ.
ރަޝިއާގެ ހަމަލާތަކުން ލިބޭ ގެއްލުންތަކަށް އެއްބަސްވުމަކީ ޔުކްރެއިނުން އާންމު ގޮތެއްގައި ކުރާކަމެއްނޫނެވެ. އަބަދުވެސް ޔުކްރެއިނުން ހާމަކުރަނީ އެގައުމުގެ ހަމަލާތަކުގައި ރަޝިއާ ސިފައިންނަށް ލިބޭ ގެއްލުންތަކެވެ. އަދި ރަޝިއާގެ ހަމަލާތައް ދިފާއުކުރާ ކަމުގެ ވާހަކަތަކެވެ.
ނަމަވެސް އެމެރިކާގެ ޒަމާނީ ހަތިޔާރާއެކު ޔުކްރެއިންގެ އިރުމަތީގައި ޒަޕަރޫޖިއާ ސިޓީއާ ކައިރި ސަރަހައްދެއްގައި ހަރަކާތްތެރިވަމުންދިޔަ ޔުކްރެއިންގެ ފައުޖަކަށް މިދިޔަ ހަފުތާގެ ފަހުކޮޅުގައި ރަޝިއާ ދިން ކުއްލި ހަމަލާތަކުގެ ގެއްލުން އާދަޔާ ޚިލާފަށް ބޮޑުކަމަށާއި ރަޝިއާގެ އެންބުޝް ހަމަލާތަކުގައި ޔުކްރެއިން ސިފައިންގެ އެތައް ބަޔަކު މަރުވެ އެމީހުން ބޭނުންކުރަމުންދިޔަ އެމެރިކާގެ ހަތިޔާރުތައް ހަލާކުވެ އޭގެ ގިނަ ތަކެތި އަލުން ބޭނުންނުކުރެވޭ ވަރަށް އަނދައިފައިވާ ކަމަށް ޔުކްރެއިނުގެ ދިފާއީ ވުޒާރާއިންވަނީ އެއްބަސްވެފައެވެ.

ރަޝިއާގެ ހަމަލާތަކުގައި ހަލާކުކޮށްލާފައިވާ ޔުކްރެއިން ސިފައިންގެ ބައެއް ހަތިޔާރު
ރަޝިއާގެ ދިފާއީ ވުޒާރާ ބުނާގޮތުން ޔުކްރެއިނުން ފެށި ކައުންޓާ އެޓޭކްގައި ޔޫކްރެއިނުން ދެމުން ގެންދާ ހަމަލާތައް މަތަކުރުމުގެ އިތުރުން އެހަމަލާތަކުގައި ކުރިއަރަން މަސައްކަތްކުރާ ޔުކްރެއިންގެ ފައުޖުތައް ފަހަތަށް ޖައްސައި ޔުކްރެއިން ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގައި ރަޝިއާ ސިފައިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމުގައެވެ.
ރިޕޯޓްތައް ބުނާގޮތުން އެންބުޝް ހަމަލާގައި ރަޝިއާ ސިފައިން ހަލާކުކޮށްލި ޔުކްރެއިންގެ ފައުޖު ބޭނުންކުރަމުން ގެންދިޔައީ އެމެރިކާގައި އުފައްދާފައިވާ ބްރެޑްލީ މަރުކާގެ ހަތިޔާރުއެޅި ވެހިކަލްތަކާއި ޖަރުމަނުގައި އުފައްދާފައިވާ ލިއުޕާޑް މަރުކާގެ ޓޭންކްތަކެވެ.
ރަޝިއާގެ އެންބުޝް ހަމަލާތައް އަމާޒުކުރީ ޔުކްރެއިން ސިފައިންގެ ލަޝްކަރުތަކުގައި ހިމެނޭ 47 ވަނަ ބްރިގޭޑްގެ ސިފައިންނަށް ކަމަށްވެއެވެ. ޔުކްރެއިނުން އެގައުމުގެ ބިންތައް މިނިވަންކުރުމަށް ޓަކައި ރަޝިއާއާ ދެކޮޅަށްފެށި ކައުންޓާ އެޓޭކްގައި ފާއިތުވި ތިން ދުވަހު ޔޫކްރައިން ސިފައިން ކުރިއަރަން މަސައްކަތް ކޮށްފައިވަނީ ދޮނިޔެސްކްގެ ދެކުނުންނާއި ޒަޕަރޯޖިއާއާ ދިމާއިންނެވެ.
ޔުކްރެއިންގެ ދެ ސަރަހައްދު ކަމަށްވާ ލޮޣާންސްކް އާއި ދޮނިއެސްކްގެ އިތުރުން ޒަޕަރޯޖިއާ ސަރަހައްދުގެ ބައެއްވެސް ވަނީ ރަޝިއާގެ އަތްދަށުގައެވެ. ހަލާކުކޮށްލި ފައުޖަކީ ޒަޕަރޯޖިއާގެ ވެލޭކާ ނޮވެސިލްކާ ސަރަހައްދުން އަރަން މަސައްކަތް ކުރި ޔުކްރެއިންގެ ފައުޖުކަމަށްވެއެވެ. އެފައުޖުގައިވާ އެމެރިކާއާއި ޖަރުމަނުގެ ހަތިޔާރުތަކާއެކު މުޅި ފައުޖުވަނީ މުޅިން "ފުނޑާލާފައި" ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރަޝިއާގެ މި ވަރުގަދަ ހަމަލާތަކަކީ ޔުކްރެއިނަށް ހަތިޔާރުދޭ އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކަށް ސިހުންލިބި ވަރަށް ބޮޑަށް މާޔޫސް ވެގެންދާނެކަމެއް ކަމަށް މުހައްލިލުން ވިދާޅުވެއެވެ. ޒަޕަރޫޖިއާގެ ކައިރިން މިވަރުގެ ގެއްލުމެއްލިބި ޔުކްރެއިން ސިފައިން ފަހަތަށް ޖެހެން ޖެހުނު ނަމަވެސް ބަޚްމޫތް އާ ދިމާއިން ރަޝިއާ ސިފައިން ފަހަތަށް ޖައްސައި ޔުކްރެއިން ސިފައިން ކުރިއެރުންތަކެއް ހޯދަމުން ގެންދާކަމަށް ޔުކްރެއިންގެ ދިފާއީ ވުޒާރައިން ބުނެއެވެ.
މިދިޔަ ހަފުތާގެ ފަހުކޮޅު ޔުކްރެއިނުންވަނީ އެގައުމުގެ ބިންތަކުން ރަޝިއާ ސިފައިން ފައްސާލުމަށް ޓަކައި ވަރަށް ކުރީއްސުރެ ރާވަމުންދިޔަ ކައުންޓާ އެޓޭކް އޮޕަރޭޝަން ފެށިކަން ހާމަކޮށްފައެވެ. މިއާއެކު ޔުކްރެއިންގެ ރައީސް ވްލަދިމިއާ ޒެލެންސްކީ ވިދާޅުވީ، ޔުކްރެއިންގެ ހަމަލާތައް ވަރުގަދަވެފައި ރޭވުންތެރިވާނެކަމަށާއި މަގްސަދު ހާސިލްނުވެ ފަހަތަށް ޖެހުމުގެ އެއްވެސް ރޭވުމެއް ނެތްކަމުގައެވެ.
ރަޝިއާގެ އަތްދަށުގައިވާ ޔޫކްރައިންގެ ސަރަހައްދުތައް މިނިވަންކުރުމަށްޓަކައި ޔުކްރެއިނުން ކައުންޓާ އެޓޭކް އޮޕަރޭޝަން ފަށާފައި މިވަނީ، އަށެއްކަ މަސްވަންދެން އެކަމަށް ތައްޔާރީތައް ވުމަށް ފަހުގައެވެ. މިއޮޕަރޭޝަނަށް ޚާއްސަކޮށްގެން ޔުކްރެއިނުންވަނީ އެމެރިކާ، ޖަރުމަނު، އިނގިރޭސިވިލާތް، ޕޮލެންޑް، ޕޯޗްގަލް އަދި ސްޕެއިން ފަދަ ގައުމުތަކުގެ އެންމެ ޒަމާނީ ހަތިޔާރު ހޯދައި އެތަކެތި ބޭނުންކުރުމުގެ ތަމްރީނުވެސް ހޯދާފައެވެ.