30 Apr 2012, 11:17
ދެހާސް ދިހަ ވަނަ އަހަރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރީ އޮކްޓޯބަރު 18، 2010 ދުވަހުގެ ރޭ ރާއްޖެ އައި ގަތަރު އެއާވޭސްގެ ފްލައިޓަކުން މަސްތުވާތަކެތި އެތެރެކުރި ބަންގުލަދޭޝްގެ ސުމޮންމިއާ ގެ މައްޗަށެވެ.
އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ސަމީރު އަބްދުލް އަޒީޒު ވިދާޅުވީ ޝަރީއަތަށް މިއަދު ހެކިބަސް ދިން ކަސްޓަމްސްގެ ދެ މުވައްޒަފުންގެ ހެކިބަހުން އޭނާ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރިކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާތީ އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ އުމުރަށް ޖަލަށްލުމަށް ހުކުމްކުރީ ކަމަށެވެ.
މިއަދު ހެކިބަސް ދިން ކަސްޓަމްސްގެ ދެ މުވައްޒަފުން ބުނީ އޮކްޓޯބަރު 18، 2010 ދުވަހުގެރޭ ގަތަރުއެއާ ވޭސްގެ ފްލައިޓަކުން އޭނާ ރާއްޖެ އައުމުން އޭނާގެ ދަބަސް އޭނާގެ ހާޒިރުގައި ފާސްކޮށް ބެލިއިރު ދަބަހުގެ ފުލުގައި ކާބަން ޕޭޕާ އޮޅާ ޓޭޕްއަޅާފައި އޮތް އެއްޗެއް ކަނޑާ ބެލިއިރު އޭގެތެރެއިން މަސްތުވާތަކެތި ފެނިފައިވާކަމަށެވެ. އަދި އެވަގުތު އޭނައާ ތަކުރާރުކޮށް ސުވާލުކުރުމުން އެއީ އޭނާގެ ބޭހެއްކަމަށް ބުނެފައިވާކަމަށް ވެސް ހެކިބަސް ދިން ދެ މީހުން ބުންޏެވެ.
މިދިޔަ އަހަރުވެސް ކްރިމިނަލް ކޯޓުން ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަންގްލަދޭޝްގެ ދެ މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.