ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

ޓީޓީއޭއެމް އަކީ ރާއްޖޭގައި އިންތިޒާމްކޮށް ބާއްވާ ޓޭބަލް ޓެނިސްއާ ގުޅުންހުރި ހުރިހާ ހަރަކާތެއް ބަލަހައްޓާ ޒިންމާދާރު އިދާރާއެވެ. އެ އެސޯސިއޭޝަނަކީ ސައުތު އޭޝިއަން ޓޭބަލް ޓެނިސް ފެޑެރޭޝަންގެ މެމްބަރު ޖަމިއްޔާއެކެވެ.

ޓީޓީއޭއެމްއިން ވަނީ ކޮމަންވެލްތު ޔޫތު ޓުއާ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ފަދަ ބައިނަލްއަޤްވާމީ ހަރަކާތްތައް ރާއްޖޭގައި ބާއްވާފައިވެއެވެ.

މީގެ އިތުރުން މި އަހަރުގެ އިންޓާ ސްކޫލް ޓޭބަލް ޓެނިސް ޓޯނަމަންޓްވެސް އިންތިޒާމްކޮށް ބާއްވަނީ ޓީޓީއޭއެމް އިންނެވެ. 14 ސްކޫލަކުން ބައިވެރިވާ މި ޓޯނަމަންޓް އޮންނާނީ މާދަމާ އިން އަންނަ ހަފުތާގެ އަންގާރަ ދުވަހަށެވެ.

މި އެއްބަސްވުމާ ގުޅިގެން ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން ވިދާޅުވީ، ޓީޓީއޭއެމްގެ އަހަރީ ޑިވެލޮޕްމެންޓް ޕާރޓްނަރަށްވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ރީތިނަން ހޯދައިދެވޭ ފަދަ ކުޅަދާނަ، ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިން އުފެދިގެންއައުމަކީވެސް އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާ ކަމެއް. އަދި އަޅުގަނޑުމެންގެ އުންމީދަކީ މި ކުޅިވަރަށް ފާގަތި މުސްތަޤްބަލަކަށް،" އޭނާ ވިދާޅުވިއެވެ.

ޓީޓީއޭއެމްގެ ނައިބު ރައީސް، އިބްރާހިމް ޝިއުރީ ވަނީ ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް ދިރާގުން ދެމުންގެންދާ އެހީތެރިކަމަށްޓަކައި އެ ކުންފުންޏަށް ޝުކުރު ދަންނަވާފައެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ދިރާގުގެ އެހީއާއެކު ބައިނަލްއަޤްވާމީ އިތުރު ޓޯނަމަންޓްތައް ރާއްޖެގައި އިންތިޒާމްކޮށް ކުރިއަށްގެންގޮސް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިތުރު ޓޭބަލް ޓެނިސް ކުޅުންތެރިންތަކެއް އުފެއްދުން،" ޝިއުރީ ވިދާޅުވިއެވެ.

ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ތަފާތު ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.