11 Jun 2023, 20:40
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އާއި އެހެން އޮފިޝަލުންގެ ޤަދަރާއި އިއްޒަތަށް އަރައިގަތުމުގެ ޖާގަ އެއްވެސް ވަރަކަަށް ދެވިގެން ނުވާނޭ ކަމަށާއި އެ ބޭފުޅުންގެ ޤަދަރު ކުޑަ ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.
މިކަމާ ގުޅިގެން ނަޝީދު މިރޭ ނެރުއްވި ބަޔާނެއްގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކ،ީ ރައްޔިތުން ތަމްސީލުވާ، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ލިބޭ ޑިމޮކްރެޓިކް އުސޫލުތައް އެކުލެވޭ, ޖަވާބުދާރީވާ، ހާމަކަން ބޮޑު ގަވާއިދު ތަކެއްކަމަށެވެ. އަދި އެ ގަވާއިދަކީ, މަޖިލީހުގެ ޖަލްސާތަކާބެހޭ އެންމަހައި ކަންކަމާއި މަޖިލީހުގެ އިދާރީ އެންމެހައި ކަންކަން ހިންގުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.
އެހެންކަމުން, ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކަންކަން ކުރުމުގެ މުހިންމުކަމަށްޓަކައ،ި ޤާނޫނުއަސާސީއަށާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ރިޢާޔަތްކުރަންޖެހޭ ކަމަށް ނަޝީދު ނެރުއްވި ބަޔާނުގައި ވެއެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ރިޢާޔަތްކުރާއިރު ފާހަގަވާ އެއް ސިފައަކީ ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުއާއި ކައުންސެލް ޖެނެރަލަށް ދީފައިވާ މުސްތަޤިއްލުކަމެވެ. ރައްޔިތުންގެ މަޖިލީހުގެ "ޤަދަރާއި ޝަރަފް" އަމީން ޢާންމު ހިފަހައްޓަންޖެހޭ, އަދި މަޖިލީހުގެ ގަވާއިދާ ގުޅޭގޮތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަންޖެހޭ ޚާއްޞަ ވަގުތުތަކެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައި އެބަވެއެވެ. ޚާއްޞަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ނުހުންނަ ޙާލަތުގައެވެ،" އެ ބަޔާނުގައި ވެއެވެ.
މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އެ ބަޔާނުގައި ވަނީ، މި ވަގުތަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާ ޤަރާރަކާއ،ި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ވަގުތެއްކަމަށެވެ. އަދި އެފަދަ މައްސަލައެއް ލިބުމުން ކަންކަން ހިންގަންޖެހޭނެ ގޮތް
މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވާކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.
އެގޮތްތައް ރައްޔިތުންގެ މަޖިލީހަށާއ،ި މަޖިލީހުގެ މެންބަރުންނަށް ބުނެދިނުމުގައި "ޤާނޫނީ ލަފައާއި ޤާނޫނީ އެހީތެރިކަން" ފޯރުކޮށްދެވެން އޮތ،ީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލަށް ކަމަށް ނަޝީދުގެ ބަޔާނުގައި ވެއެވެ.
"ރައްޔިތުންގެ މަޖލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވިޔަސ،ް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވިޔަސް, ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މާނަކުރުމުގެ ޤާނޫނީ އެހީތެރިކަމާއި މަޝްވަރާ ހޯދެން އޮތީ ކައުންސެލް ޖެނެރަލްގެ ކިބައިންކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބެލެމުން ވަރަށް ސާފުކޮށް އެނގެއެވެ،" އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި އަދި ބައެއް މަޖިލީހުގެ މެންބަރުންގެ މެދުގައި ސިޔާސީ ވާދަވެރިކަން އުފެދިފައި އޮތްނަމަވެސ،ް ޤާނޫނީ ދައުލަތެއް ހިންގުމަކީ ކޮންމެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ވެސް ވާޖިބެއް ކަމަށް ނަޝީދު ބަޔާންކުރެއްވިއެވެ.
"ވީމާ، ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުއާއި އެހެނިހެން އޮފިޝަލުންގެ ޤަދަރާއި ޢިއްޒަތައް އަރައިގަތުމުގެ ޖާގަ އެއްވެސް މިންވަރަކަށް ދެވިގެން ނުވާނެއެވެ،" އެ ބަޔާނުގައި ވެއެވެ.
ނަޝީދު މިފަދައިން އިލްތިމާސްކޮށްފައި ވާއިރު، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމަށް 54 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ކަމަށް ބުނެ އަމީން އާންމަސް ވަނީ މިއަދު ސިޓީފުޅެއް ވެސް ފޮނުއްވާފައެވެ.