ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާންމުކޮށް އެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ހުޅުވާލައިފިއެވެ.

މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓާއި، އީސީގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ވާނެއެވެ. އަދި އަތޮޅުތެރޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި ވެސް ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާންމުކޮށް ފެންނަން ހުންނާނެއެވެ.

މިކަމާ ގުޅިގެން މިއަދު އީސީން ކުރި އިއުލާނެއްގައި ވަނީ، މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅޭނީ މިއަދުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

ޝަކުވާ ހުށަހެޅޭނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ޝަކުވާ ހުށަހެޅޭ އިރު، ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ހުށަހެޅޭނެއެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނެވެ. އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން ވެސް ޝަކުވާ ބަލައިގަންނާނެއެވެ. އަދި މާލޭގައި ނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިން ޝަކުވާ ބަލައިގަންނާނެއެވެ.

ޝަކުވާ ފޯމު ލިބެން ހުންނާނީ އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުންނެވެ.

ރިޔާސީ އިންތިޚާބަށް 90 ދުވަހަށް ވުރެ ކުޑަތަންވެފައިވާއިރު އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިންތިޚާބަށް ގިނަ ތައްޔާރީތަކެއްވަމުންނެވެ. އިންތިޚާބުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު ފަސްވަނަ ދުވަހެވެ.