12 Jun 2023, 16:23
ފޭސްބުކް އާއި އިންސްޓަގްރާމް އާއި ވަޓްސްއެޕަށް އޭއައި ފީޗާތައް އިތުރުކުރަން މާކް ޒަކަބާގް ނިންމައިފިއެވެ.
މެޓާ ކުންފުނީގެ ވެރިޔާ މާކް ޒަކަބާގް ވަނީ އެ ކުންފުނިން ކުރިއަށް ރާވާފައިވާ ކަންތައްތައް މުވައްޒަފުންނަށް ހާމަކޮށްދީފައެވެ. އެކަން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭގެ ތެރޭގައި އިންސްޓަގްރާމް، ފޭސްބުކް އަދި ވަޓްސްއެޕް ފަދަ އެ ކުންފުނީގެ ސޯޝަލް މީޑިއާ މަންސަތަކަށް "އޭއައި ޓެކްސްޓް، އިމޭޖް އަދި ވީޑިއޯ ޖަނަރޭޓަރު" އިތުރުކުރުން ހިމެނެއެވެ.
އޭއައި ޓޫލްތައް ތައާރަފު ކުރުމުގައި މެޓާ ތަންކޮޅެއް ފަހަތުގައި އުޅޭކަމަށް ވާހަކަ ދެކެވުނު ނަމަވެސް ޖެނެރޭޓިވް އޭއައި ރިސާޗްގެ އެންމެ ކުރީ ސަފުގައި އެ ކުންފުނި އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. މެޓާގެ މަންސަތަކުގައި އޭއައި ހިމަނަން ނިންމުމަކީ އޭގެ ހެއްކެކެވެ.
މެޓާއިން އިންސްޓަގްރާމްއަށް ތައާރަފު ކުރާ އޭއައި ފީޗާއިން، ޓެކްސްޓް ޕްރޮމްޕްޓެއް ބޭނުންކޮށްގެން ފޮޓޯތައް މޮޑިފައިކޮށް އޮޓޮމެޓިކުން އިންސްޓަގްރާމް ސްޓޯރީޒްގައި ޝެއާ ކުރެވޭނެއެވެ. އަދި ވަޓްސްއެޕާއި މެސެންޖާއަށް އޭއައި އޭޖެންޓުން ތައާރަފު ކުރާނެއެވެ.
މި އެޖެންޓުންނަކީ އޭއައި ޗެޓްބޮޓްތަކަށް ވެދާނެ ކަމަށް ބެލެވޭއިރު، އެ އެޖެންޓުން ބޭނުންކުރާ ފަރާތްތަކަށް މައުލޫމާތު ހޯދުމުގައި އެހީތެރިވެދޭނެ ކަމަށްވެއެވެ. މިފީޗާ މެޓާގެ އެންމެ މަޝްހޫރު ތިން މަންސައިގައި ވެސް ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މައިކްރޮސޮފްޓާއި ސްނެޕް ފަދަ މަޝްހޫރު އެހެން ކުންފުނިތަކުން ވެސް މިހާރު ވެސް ވަނީ އެ ކުންފުނިތަކުގެ އުފެއްދުންތަކަށް އޭއައި ފީޗާތައް ތައާރަފުކޮށްފައެވެ. މައިކްރޮސޮފްޓްގެ އޮފީސް، ބިންގް އަދި ވިންޑޯޒްގައި އޭއައި ބޭސްޑް ކޯޕައިލެޓްސް ހުރެއެވެ.
މީގެ އިތުރުން ސްނެޕްޗެޓްގައި 'މައި އޭއައި ޗެޓްބޮޓް'އެއް އެ އެޕްގައި ހިމަނާފައިވާ އިރު އެޑޯބްއިން ވެސް ވަނީ އޭއައި އިމޭޖް ޖަނަރޭޓަރެއް ތައާރަފުކޮށްފައެވެ.
މެޓާއިން މިފަދަ ބޮޑު ކުރިއެރުމެއް އެކުންފުނީގެ ސޯޝަލް މީޑިއާ މަންސަތަކަށް ގެންނަން ވިސްނަމުންދާއިރު، އެކުންފުޏަށްވަނީ ޤާނޫނީ ފިއްތުން ތަކެއްވެސް ކުރިމަތިވެފައެވެ. އެގޮތުން އީޔޫއިން ވަނީ އިންސްޓަގްރާމްގައި ކުޑަކުދިން ހިމާޔަތް ކުރުމަށް މާކް ޒަކަބާގްއަށް އަންގާފައެވެ.