ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެވަޑައިގެންފިއެވެ.

ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ރާއްޖެ ވަޑައިގެންނެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދައުވަތަކަށެވެ.

އެ ދެ ބޭފުޅުންނާއި ސީޝެލްސްގެ ވަފުދަށް ވެލާނާ އިންޓަނޭޝަނަށް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދެވެ. އެ ބޭފުޅުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތު އޮންނާނީ މާދަމާއެވެ.

ރައީސް ރަމްކަލަވަން މި ދަތުރުފުޅުގައި ރައީސް ޞާލިޙާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އެއަށްފަހު ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމާއި ދެ ގައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސް އޮފީހުން ބުނީ، ސީޝެލްސްގެ ރައީސް ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަކީ ދެ ގައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ރާއްޖެއާއި ސީޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ ޖުލައި 1، 1980ގައެވެ.