30 Apr 2012, 11:14
ސްޕެއިންގެ ފޯވާޑް ފެނާންޑޯ ޓޮރޭސްގެ ހެޓްރިކާއެކު ކިއުޕީއާރު އަތުން 6-1 ލަނޑުން މޮޅުވެ، އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް ވަނައަށް ޗެލްސީ ޖެހިލައިފި އެވެ.
ރޭ ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ މިނެޓުގައި ޗެލްސީއިން ޖަހާ، މެޗުގެ ލީޑް އެޓީމަށް ނަގައި ދިނީ އިންގްލޭންޑުގެ ފޯވާޑް ޑެނިއަލް ސްޓަރިޖް އެވެ. ޗެލްސީގެ ދެ ވަނަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ހުނަރުވެރި ޑިފެންޑަރު ޖޯން ޓެރީ އެވެ. އަދި ޗެލްސީގެ ތިން ވަނަ ލަނޑާއި ހަތަރު ވަނަ ލަނޑު އަދި ފަސް ވަނަ ލަނޑު، މުޅިމެޗުގައި ވެސް މޮޅު ކުޅުމެއްދެކި ފޯވާޑް ފެނާންޑޯ ޓޮރޭސް ކާމިޔާބު ކޮށްދިން އިރު، ޗެލްސީގެ ހަ ވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފްރާންސްގެ މިޑްފީލްޑަރު ފޮލެރެންޓް މަލޫދާއެވެ.
މެޗުގައި ޗެލްސީ ކޮޅަށް ކިއުޕީއާރުން ޖެހި އެޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ފްރާންސްގެ ފޯވާޑް ޖިބްރީލް ސީސޭ އެވެ.
މިއަދުގެ މެޗުން ޗެލްސީއަށް ލިބުނު ފުރިހަމަ މޮޅާއެކު ލީގް ތާވަލްގެ ފަސް ވަނާގައި އެޓީމް އޮތީ 61 ޕޮއިންޓާއެކު އެވެ. އަދި މިއަދުގެ މެޗުން ބަލިވި ކިއުޕީއާރު އޮތީ 34 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.
މެޗަށް ފަހު ޗެލްސީގެ ހުނަރުވެރި ފޯވާޑް ފެނާންޑޯ ޓޮރޭސް ބުނީ، ޓީމް ހޯދި ކާމިޔާބީއާކު، މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަކީ އޭނާ ގަބޫލް ކުރާވަރުގެ މޮޅު ކުޅުމެއް ކަމަށެވެ.