ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުން ވަރަށް ދެރަވާ ކަމަށާއި ސުޕްރީމް ކޯޓުން އަމުރެއް ނެރެގެން ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ކޮމިޓީތައް އެކުލަވައިނުލެވި އޮއްވައި، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން މަޖިލީހުގެ މަސައްކަތްތައް ވަނީ ހުއްޓިފައެވެ. އަދި، އިތުބާރު ނެތް ކަމުގެ މައްސަލަ ނިމެންދެން ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ.

މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުން ނުރުހުން ފާޅުކުރައްވައި "ސަން"އާ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، ނަޝީދު އުޅުއްވަނީ މަގާމުގެ ދަހިވެތިކަމުގައި ބަޣާވާތެއް ކުރަން ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާލާފައިވަނީ، އިތުބާރު ނެތް ކަމަށް ފާސް ކޮށްފައިނެތީއެވެ. އެހެންވެ، ސުޕްރީމް ކޯޓުން މި ކަމުގައި އަމުރެއް ނެރެން ޖެހޭ ކަމަށް ޖާބިރު ގަބޫލުކުރައްވައެވެ.

"ނަޝީދު އަމިއްލަ އެދުންވެރިކަމުގައި، މަޖިލީހުގެ ރިޔާސަތު ގެއްލިދާނެތީ ބަޣާވާތެއް ކުރަނީ. ސުޕްރީމް ކޯޓުން އަމުރެއް ނެރެގެން ވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ދެރަވޭ މަޖިލީހުގެ މަސައްކަތް ނުހިނގާތީ. ދެރަވެފައި މި އިންނަނީ، މަޖިލީހުގެ ޖަލްސާއަކަށް ގޮވައިލާނެ ދުވަހެއްގެ އިންތިޒާރުގައި. މުސާރަ ހަލާލުވާ ވަރަށް މަސައްކަތް ކުރަން ވާނެ ނޫންތޯ. އެހެންވީމާ، މާދަމާ ޖަލްސާގެ ކުރިން ސުޕްރީމް ކޯޓުން މަޖިލީހުގެ މަސައްކަތާ ގުޅޭ ގޮތުން އަމުރެއް ނެރެން ޖެހޭ،"

އޭނާ ވިދާޅުވީ، މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ބަދަލުގައި މަސައްކަތް ކުރާތަން ފެންނަނީ އެކަކު އަނެކަކަށް ވުރެ ގަދަވާން ކަމަށެވެ.

އެމްޑީޕީގައި ތިއްބެވި ނަޝީދަށް ތާއީދުކުރައްވާ 13 މެންބަރުން ޕާޓީން ވަކިވުމާ އެކު، މަޖިލީހުގެ ކޮމްޕޮޒިޝަނަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެހެންވެ، އެ ބަދަލާ އެއް ގޮތަށް ކޮމިޓީތައް އަލުން އެކުލަވައިނުލާ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅު މެންބަރުން ގަބޫލުކުރެއެވެ.

އާންމު ކޮމިޓީ އެކުލަވައިނުލާ އޮތުމުން، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް އޮތީ އެޖެންޑާ ނުކުރެވިފައެވެ.

ކޮމިޓީތައް އެކުލަވައިލުމުގައި ޕާޓީތަކުން އެއްބަސްވުމަކަށް އާދެވިފައިނުވާތީ، މިހާރު މަޖިލީސް އޮތީ ހުއްޓުމަކަށް އައިސްފައެވެ.