11 Jun 2023, 15:59
ކުއާލަލަންޕޫރު (11 ޖޫން 2023): މެލޭޝިއާއަށް އަވަސް މުސްތަގުބަލެއްގައި އިސްލާހީ ބަދަލުތަކެއް ނުގެނެސްފިނަމަ، މުސްތަގުބަލު ބަނަވެ ގައުމު ހަލާކުގެ ތެރެއަށް ވެއްޓިދާނެކަމަށް އެގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ އަދުގެ ހާލަތާއި މުސްތަގްބަލާ ބެހޭގޮތުން ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ މެލޭޝިޔާއަށް މިހާރުކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނީ އަދި ގައުމުގެ މުސްތަގްބަލު ރައްކާތެރި ކުރެވޭނީ ސްޓްރެޓީޖިކް ލެވެލްގެ އިސްލާހީ ބަދަލުތަކެއް ގެނަސްގެން ކަމަށެވެ. އަންވަރު މި އިޝާރާތް ކުރައްވަނީ މެލޭޝިއާގެ ވެރިކަމުގެ ނިޒާމު ބައްޓަންކޮށްފައިވަނީ އެގައުމުގެ މެލޭ ދަރިކޮޅުގެ މީހުންނަށް ޚާއްސައިސްކަމެއް ދީގެންކަމަށްވާތީ އެކަން އިސްލާހުކުރުމުގެ މައްޗަށެވެ.
މެލޭ ދަރިކޮޅުގެ މީހުންނަށް ގާނޫނުތަކުން ލިބިދޭ ޚާއްސަ އިމްތިޔާޒުތަކުގެ ސަބަބުން އެގައުމުގެ އެހެން ދަރިކޮޅުތަކުގެ މީހުންވަނީ ވަރަށް ހިތްހަމަނުޖެހިފައެވެ. ނަތީޖާއެއްގެ ގޮތުން އެހެން ދަރިކޮޅުތަކުގެ މީހުންގެ ތެރެއިން އިލްމުވެރި އަދި ހުނަރުވެރި މީހުންގެ ގިނަ ބަޔަކު ގެންދަނީ މެލޭޝިއާ ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކުރަމުންނެވެ. މިކަމުގެ ސަބަބުން މެލޭޝިއާގެ މުސްތަގްބަލުވަނީ ސުވާލުމާކެއްގެ ތެރޭގައެވެ.
މެލޭޝިއާގެ ގާނޫނުތައް މިހާރު އޮތްގޮތުން އެގައުމުގެ ސަރުކާރާއި ދައުލަތުގެ އިސް މަގާމުތަކަށް މެލޭ ދަރިކޮޅުގެ މީހުން ނޫން ބަޔަކަށް ދެވޭނެ ފުރުސަތެއް ނޯވެއެވެ. އެއީ މެލޭޝިޔާގައި މިހާރު އޮތް ވެރިކަންކުރާ ނިޒާމަކީ ހަމައެކަނި މެލޭ ދަރިކޮޅުގެ މީހުންނަށް އިސްކަންދޭ ނިޒާމަކަށްވާތީއެވެ. މިމައްސަލާގައި މެލޭޝިއާގެ ޗައިނާ ދަރިކޮޅުގެ މީހުންނާއި އިންޑިއާ ދަރިކޮޅުގެ މީހުންވަނީ ވަރަށް ބޮޑަށް ނުރުހިފައެވެ.
މެލޭޝިއާގެ 32 މިލިޔަން މީހުންގެ އާބާދީގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުންނަކީ މެލޭ ދަރިކޮޅުގެ މީހުން ކަމަށްވާއިރު ގާތްގަނޑަކަށް 22 އިންސައްތަ މީހުންނަކީ ޗައިނާ ދަރިކޮޅުގެ މީހުންނެވެ. 6.6 އިންސައްތަ މީހުންނަކީ އިންޑިއާ ދަރިކޮޅުގެ މީހުންނެވެ.
މެލޭ ދަރިކޮޅުގެ މީހުންނާމެދު ބެލެވެނީ އިގްތިސާދީ އަދި އިޖްތިމާއީ ކަންކަމުގައި އެހާ ހީވާގި ގޮތެއްގައި ހަރަކާތްތެރިނުވާ ބައެއްގެ ގޮތުގައެވެ. މިއާ ޚިލާފަށް ޒަމާނުއްސުރެ އެގައުމަށް ހިޖުރަކޮށްގެން ރައްޔިތުކަން ހޯދާފައިވާ ޗައިނާ ދަރިކޮޅުގެ މީހުންނަކީ ވަރަށް ހީވާގި އަދި ވަރަށް ހުނަރުވެރި މަސައްކަތްތެރި ބައެކެވެ. އަދި ހިޖުރަކޮށްގެން ރައްޔިތުކަން ހޯދާފައިވާ އިންޑިއާ ދަރިކޮޅުގެ މީހުންވެސް މެލޭ ދަރިކޮޅުގެ މީހުންނަށްވުރެ މާބޮޑަށްވެސް ހީވާގިވެފައި ހުނަރުވެރިވެފައި މަސައްކަތްތެރިއެވެ.
މެލޭޝިއާގައި މެލޭ ދަރިކޮޅުގެ މީހުންނަށް އިސްކަންދޭ ގާނޫނުތަކެއް ހަދަންޖެހުނީ މިކަމުގެ ސަބަބުން މެލޭޝިއާގައި އެގައުމުގެ އަސްލު ރައްޔިތުންގެ ހާލަތު ދަށަށްގޮސް ހަމަނުޖެހުންތަކެއް އުފެދިދާނެތީއެވެ.
މެލޭ ދަރިކޮޅުގެ މީހުންނަށް ހުރިހާ ކަމެއްގައިވެސް އިސްކަންދޭގޮތަށް ފާސްކޮށްފައިވާ ގާނޫނުތަކުގައިވާގޮތުން ވަޒީފާގެ ފުރުސަތުތަކާއި، ތައުލީމާއި ބޯހިޔާވަހިކަން ފަދަ ހުރިހާ ކަމެއްގައިވެސް އެހެން ދަރިކޮޅުތަކުގެ މީހުންނަށްވުރެ މެލޭ ދަރިކޮޅުގެ މީހުންނަށް މާބޮޑަށް އިސްކަން ދޭންޖެހެއެވެ. ނަމަވެސް ނިސްބަތުން އުފެއްދުންތެރިކަން ކުޑައީ މެލޭދަރިކޮޅުގެ މީހުންގެ މެދުގައެވެ.
އެހެންކަމުން މެލޭޝިއާގެ ނަސްލުތަކާއި ދަރިކޮޅުތައް ތަފާތުކުރާ މިގާނޫނުތަކުގެ ސަބަބުން އެހެން ދަރިކޮޅުތަކުގެ މީހުންގެ ތެރޭގައި ހިމެނޭ އިލްމީ މީހުންނާއި ފަންނީ ހުނަރުވެރި މީހުންގެ ގިނަ ބަޔަކު މިހާރު ގެންދަނީ މެލޭޝިއާ ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކުރަމުންނެވެ. ނަތީޖާއަކީ މެލޭޝިއާގެ ކުރިމަގު ބަނަވުމެވެ. އިގްތިސާދީ ދުވެލިމަޑުޖެހުމެވެ.
އަންވަރު ވިދާޅުވިގޮތުގައި މެލޭޝިއާގައި މިހާރު އޮތް ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އެންމެންނަށްވެސް އެނގެއެވެ. އެހެންކަމުން މިކަން އިސްލާހުކުރަންޖެހެއެވެ. އިސްލާހީ ބޮޑެތި ބަދަލުތައް ގެނެވޭނީ އެކަމުގެ އަޒުމާއި ހިތްވަރު ހުރެގެންކަން އޭނާ ފާހަގަކުރެއްވިއެވެ.
ދެހާސް ހަތަރު ވަނަ އަހަރު އަންވަރު އުފެއްދެވި އޭނާގެ ޕާޓީ ކަމަށްވާ ޕީޕަލްސް ޖަސްޓިސް ޕާޓީ (ޕީކޭއާރް) އަކީ މިއިސްލާހުތަކަށް ތާއީދުކުރާ ޕާޓީއެކެވެ. ނަމަވެސް އަންވަރުގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ އެހެން ޕާޓީތަކުގެ އެއްބާރުލުން ނުލިބޭތީ އަންވަރުގެ ބޮޑުވަޒީރުކަމުގައިވެސް މިއިސްލާހުތައް ގެނެވޭނެ ގޮތެއްވަނީ ނުވެފައެވެ. އަންވަރުގެ ޕާޓީއަކީ ސިޔާސީ ގޮތުންނާއި ނުފޫޒާއި ބާރުގެ ގޮތުން އެހާ ވަރުގަދަ ޕާޓީއެއް ނޫނެވެ.