11 Jun 2023, 13:55
މިދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށަށް ދާން ފަށައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް ރާއްޖެއަށް ކޮންމެ ދުވަހަކު ވެސް އެވްރެޖްގޮތެއްގައި 5،500 އެއްހާ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ނަމަވެސް މިދިޔަ މަހު އެ އަދަދު 3،900އަށް ވެއްޓިފައިވާއިރު، މި މަހު އެ އަދަދުވަނީ އެއަށް ވުރެ ވެސް ދަށަށް ދާން ފަށައިފައެވެ.
މި މަހުގެ އެކަކުން މި މަހުގެ ހަތެއްގެ ނިޔަލަށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްގޮތެއްގައި ޒިޔާރަތްކުރަނީ 3،800 އެއްހާ ފަތުރުވެރިންނެވެ. އެއީ މިދިޔަ މަހުގެ ދުވާލެއްގެ މައްޗަށް އަންނަ އެވްރެޖާ އަޅާބަލާއިރު 100 އެއްހާ ފަތުރުވެރިންގެ މަދުވުމެކެވެ.
މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން މިހާ މަދުވެފައިމިވަނީ، މި ދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އޮފް ސީޒަނަށްވެފައި، މި އަހަރު އަދި ޗައިނާ މާކެޓަށް އެންމެ ފުރިހަމަ ގޮތެއްގައި ރާއްޖެ އަދި ހުޅުވިފައި ނުވާތީއެވެ.
ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މި އަހަރުގެ ޖެނުއަރީ މަހު ޗައިނާއިން ރާއްޖެއަށް ދަތުރުތައް ފެށި ނަމަވެސް، ކޮވިޑުގެ ކުރިން ރާއްޖެއަށް ޗައިނާ ފަތުރުވެރިން އައި މިންވަރަށް ފަތުރުވެރިންގެ އަދަދު އިތުރުނުވެއެވެ. އަދި ކުރިން އެ މާކެޓުން ރާއްޖެއަށް އައި ފްލައިޓުތަކާ އަޅާބަލާއިރު، މިހާރު އަންނަ ފްލައިޓްތަކުގެ އަދަދުވެސް މަދެވެ.
މިކަމާ ގުޅިގެން މީގެ ކުރިން "ސަން" އާ ވާހަކަދެއްކި ފަތުރުވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ ލެޓްސްގޯ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ރިޔާޒް ވެސް ވިދާޅުވީ ޗައިނާ މާކެޓަށް ރާއްޖެ ރަނގަޅަށް ހުޅުވުމުން ނޫނީ، ރާއްޖޭގެ އޮފް ސީޒަނުގައި ފަތުރުވެރިކަމަށް ކުރިއެރުމެއް ނާންނާނެ ކަމަށެވެ.
އެއީ ކޮވިޑުގެ ކުރިން ވެސް، ޗައިނާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އޮފް ސީޒަންގައި އޮކިއުޕެންސީ މަތިކުރާ މުހިންމު އެއް މާކެޓް ކަމަށް ވުމުން ކަމަށް އޭނާ މީގެ ކުރިން ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ގިނަ މާހިރުން ވެސް ދެކޭ ގޮތުގައި މި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވުމުގެ އެންމެ މައިގަނޑު ސަބަބަކީ ޗައިނާއަށް ރާއްޖެ އެންމެ ފުރިހަމަ ގޮތުގައި ނުހުޅުވުމެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތަށް ބަލާއިރު، އެއްވަނަ މަގާމުގައި އޮތީ އިންޑިޔާއެވެ. އެގޮތުން އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތްކުރީ 98،132 ފަތުރުވެރިންނެވެ. ދެވަނަ މަގާމުގައި ރަޝިޔާ އޮތްއިރު އެގައުމުން ރާއްޖެ އައިސްފައި ވަނީ 97،837 ފަތުރުވެރިންނެވެ.
ކޮވިޑުގެ ކުރީގެ އެއްވަނަ، ޗައިނާ އިން ރާއްޖެއަށް މިހާތަނަށް 49،263 ފަތުރުވެރިއަކު ޒިޔާރަތްކުރިއިރު، އެއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.