11 Jun 2023, 11:19
އެ މަނިކުފާނުގެ އިތުބާރު ނެތް ކަމަށް 54 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ، އެކަން ބަޔާންކޮށް، މަޖިލީހުގެ އަމީންއާމަށް ފޮނުއްވި ސިޓީފުޅެއްގައެވެ. އެ ސިޓީފުޅުގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ، އެ މަނިކުފާނު ނިސްބަތްވާ ޕާޓީން، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައިވާތީ، އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާ ކަމަށެވެ.
އެކަމަކު، އެ މުއްދަތުގައި މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓި ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ މިންވަރަށް އެންމެހައި ކަންކަން ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހިނގަމުންދާއިރު، ކަމަނާގެ [އަމީންއާންމުގެ] މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ކުޑަކޮށް ވެސް ހުރަސް އެޅޭ ބާވަތުގެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ވެސް މި ފުރުސަތުގައި އަރުވަމެވެ." އެ ސިޓީގައި ވެއެވެ.
ރިޔާސަތު ބެލެހެއްޓުމުން އުޒުރުވެރިވާ ކަމަށް ބަޔާންކޮށް، ނަޝީދު މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާއިރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް މަޖިލީހަށް އޮތީ ހުށަހަޅައިފައެވެ.
އެކަމަކު، މާދަމައަށް އެޖެންޑާ ކުރަން ޖެހޭ އެ މައްސަލަ ވެސް އެޖެންޑާ ނުކުރެވި މަޖިލީސް ވަނީ ހުއްޓިފައެވެ.
މަޖިލީހުގެ އިދާރާއިން ކުރިން ބުނެފައިވާ ގޮތުގައި އީވާގެ މައްސަލަ އެޖެންޑާ ނުކުރެވިފައިވަނީ، އެ މައްސަލައިގައި ބަހުސް ކުރާނެ ވަގުތު އާންމު ކޮމިޓީން ކަނޑަނާޅައި އޮތުމުންނެވެ. އެމްޑީޕީން ނަޝީދަށް ތާއީދުކުރައްވާ 13 މެންބަރުން ވަކިވުމާ އެކު މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާ އެކު، ކޮމިޓީތައް އޮތީ ހުއްޓިފައެވެ.
މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން، ދެން މަޖިލީސް ކުރިއަށް ގެންދެވޭނީ އެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހުއެވެ. އެކަމަކު، މިހާރު އޮތް ގޮތުން އެ މައްސަލަ ކުރިއަށް ގެންދެވޭނީ، މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާ އެއް ގޮތަށް ކޮމިޓީތަކަށް ބަދަލު ގެނައުމަށް ފަހުގައެވެ.
މަޖިލީހުން ބުނި ގޮތުގައި ކޮމިޓީތައް އެކުލަވައިލުން ހުއްޓިފައިވަނީ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ އެދިލެއްވުމަކަށެވެ.
އަސްލަމް ވިދާޅުވާ ގޮތުގައި ދާއިމީ ކޮމިޓީތަކަކީ އަބަދު ވެސް ދެމިއޮންނާނެ ކޮމިޓީތަކެކެވެ. އެހެންވެ، އެ ބަދަލު ނުގެނެސް ވެސް، ކޮމިޓީ ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވެއެވެ.
އެހެންވެ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ރައީސާއި ނައިބު ރައީސް އުޒުރުވެރިވާ ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރަކު ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ޖެހޭނެއެވެ.