ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް އޮންލައިންކޮށް ރީރަޖިސްޓަރީ ކުރެވޭނެ ގޮތް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައި މި އަހަރުގެ ރިޔާސީ އިންތިޚާބަށް، އިންތިޚާބުގެ ގަވައިދު އާންމުކޮށްފިއެވެ.

ކުރިން ރީރަޖިސްޓަރީ ކުރަން ޖެހެނީ ކަރުދާސް ފޯމު ހުށަހަޅައިގެންނެވެ. ނަމަވެސް މި ފަަހަރުގެ އިންތިޚާބު ގަވައިދުގައި އަލަށް ވަނީ އޮންލައިންކޮށް ރީރަޖިސްޓްރީ ކުުރުމުގެ ފުރުސަތު ދީފައެވެ.

އޮންލައިންކޮށް ރީރަޖިސްޓަރީ ކުރާނެ ގޮތާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަދި ސެޝަންތައް ކުރިއަށްގެންދާނެކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މީގެ ކުރިން ބައި އިލެކްޝަންތަކުގައި ބޭނުންކުރަމުން އައީ މި އުސޫލެވެ. ނަމަވެސް މިއީ ރިޔާސީ އިންތިޚާބަކަށް އާ އުސޫލެކެވެ.

މި ކަމާ ގުޅިގެެން "ސަން"އާ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މިއީ އެ ކޮމިޝަނުން ދޭ ޚިދުމަތްތައް ޑިޖިޓަލްކުރުމުގެ ގޮތުން ތައާރަފުކުރި ކަމެއްކަމަށެވެ.

"މީގެ ކުރިން އޮތް ގޮތުން އާންމު ރައްޔިތުންނަށް އެބަހުރި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައި. ދެން އިލެކްޝަން ކޮމިޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް އޮތްކަމެއް މިއީ ޚިދުމަތްތައް ޑިޖިޓަލްކުރުމަކީ. އެކަމުގެ ތެރެއިން ކުރާ ކަމެއް މިއީ. އަޅުގަނޑުމެން މި ކަން ތަޖުރިބާކުރަން ފަށައިފިން ކޮވިޑުގެ ދުވަސްވަރުން ފެށިގެން،" ހަބީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފަހަރު ގަވައިދުގައި ޝަކުވާ ހުށަހެޅުމަށް ވެސް ބައެއް އާ އުސޫލުތައް އެކުލަވައިލުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

އިންތިޚާބު ގަވައިދު އާންމުކޮށްފައިވާއިރު ދީނީ ދަރުސްތަކުގައާއި ދީނީ ޚުތުބާތަކުގައި ރިޔާސީ ކެންޑިޑޭޓުންނަށް އެންޓި ކެމްޕެއިންކުރުން މަނާކޮށްފައިވެއެވެ. އެ ގަވައިދުގައިވާ ގޮތުން އިންތިޚާބުގައި ބައިވެރިވާ ކޮންމެ ކެންޑިޑޭޓަކަށް 30 ދުވަހުގެ މުއްދަތެއް ކެމްޕެއިނަށް ލިބޭނެއެވެ.

އެގޮތުން ކެމްޕެއިންކުރުމުގެ ސުލޫކީ މިންގަނޑާ ގުޅޭގޮތުން އިންތިޚާބު ގަވައިދުގެ 24ވަނަ މާއްދާގެ (ހ)ގެ ތިންވަނަ ނުކުތާގައިވަނީ ދީނީ އެކިއެކި މުނާސަބަތުގައާއ،ި ދީނީ ދަރުސްތަކުގައާއި ޚުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެކަމަށް ބުނެފައެވެ.

ރިޔާސީ އިންތިޚާބަށް ބާކީ 90 ދުވަހަށްވުރެ ކުޑަތަންވެފައިވާއިރު އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިންތިޚާބަށް ގިނަ ތައްޔާރީތަކެއްވަމުންނެވެ.

އެގޮތުން މިހާރު އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ކުރިއަށް އޮތް 11 ދުވަހަށް އޮންނާނެއެވެ.

އިންތިޚާބުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު ފަސްވަނަ ދުވަހެވެ.