މޮސްކޯ (11 ޖޫން 2023): ރަޝިއާއާ ހަނގުރާމަ ކުރުމަށް ޔޫރަޕްގެ ގައުމުތަކުން ރަސްމީ ސިފައެއްގައި ސިފައިން ފޮނުވާނަމަ ސިފައިން ފޮނުވާ ގައުމުތަކަށް ހަމަލާ ދޭނެކަމުގެ އިންޒާރު ރަޝިއާއިން ދީފިއެވެ.

ރަޝިއާގެ ކުރީގެ ރައީސް އަދި ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ނައިބު ރައީސް ޑިމިޓްރީ މިޑްވެޑޭވް ވިދާޅުވީ ރަޝިއާއާ ހަނގުރާމަ ކުރުމަށް ޔުކްރެއިންއަށް ސިފައިން ފޮނުވާ ކޮންމެ ގައުމަކަށް ރަޝިއާ ހަމަލާދޭނެކަމަށާއި އެއީ ސުވާލެއްވެސް އޮތް ކަމެއްނޫން ކަމަށެވެ. ނޭޓޯ ސިފައިންގެ ފައުޖުތައް ޔުކްރެއިންއަށް ވަދެ ރަޝިއާ ވަށާލާނަމަ ރަޝިއާ ދެއަތް އުރާލައިގެން ނޯންނާނެ ކަމަށް މިޑްވެޑޭވް ވިދާޅުވިއެވެ.

ރަޝިއާގެ ފައިޓާޖެތަކުން ހައިޕާސޮނިކް މިސައިލެއް ފޮނުވާލަނީ

ރަޝިއާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ އަދި އެންމެ ޒަމާނީ މިސައިލް ޓެކްނޮލޮޖީ ހުރި ގައުމުކަމަށްވާއިރު ރަޝިއާގެ މިސައިލް ހަމަލާތައް ހުއްޓުވަން ޔޫރަޕްގެ ގައުމުތަކަށް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެއެވެ. ރަޝިއާގެ ހައިޕާސޮނިކް މިސައިލްއަކީ އެމެރިކާއާއި ޔޫރަޕްގައިވާ މިސައިލް އައްޑަނައިގެ އެއްވެސް ނިޒާމަކަށް ހުއްޓުވޭނެ އެއްޗެއް ނޫނެވެ. އެއީ އޭގެ އާދަޔާ ޚިލާފު ބާރުމިނުގެ ސަބަބުންނާއި އެބާވަތުގެ މިސައިލް ރާޑަރަށްވެސް ނާރާތީއެވެ.

ދާދިފަހުން ރަޝިއާ ވަނީ ޔުކްރެއިންގައި ބަހައްޓާފައިވާ އެމެރިކާގެ އެންމެ ޒަމާނީ މިސައިލް އައްޑަނައިގެ ނިޒާމުކަމަށްވާ "ޕެޓްރިއޮޓް" މަރުކާގެ ނިޒާމުތަކަށް ހައިޕާސޮނިކް މިސައިލުން ހަމަލާދީ އެތަކެތި ހަލާކުކޮށްލާފައެވެ.

ރަސްމޯސަން

ޔޫރަޕްގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު، ރަޝިއާއިން ދީފައި މިވަނީ ނޭޓޯގައި ހިމެނޭ ޔޫރަޕްގެ ބައެއް ގައުމުތަކުން ޔުކްރެއިންއަށް ސިފައިން ފޮނުވަން ރާވާކަމަށް ނޭޓޯގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އެންޑްރެސް ފޮގް ރަސްމޯސަން ވިދާޅުވުމާ ގުޅިގެންނެވެ.

ރަސްމޯސަން ވިދާޅުވިގޮތުގައި ޔޫރަޕްގެ ބައެއް ގައުމުތަކުން މިކަންކުރަން ރާވަނީ ނޭޓޯގެ ހުއްދަ ލިބިގެން ނޭޓޯއިން ކުރާކަމެއްގެ ގޮތުގައެއް ނޫނެވެ. އެގައުމުތަކުން ޔުކްރެއިންގެ ދިފާއުގައި އަމިއްލައަށް ކުރާ ކަމެއްގެ ގޮތުގައެވެ.

ރަޝިއާގެ ހައިޕާސޮނިކް މިސައިލެއް

ރަޝިއާގެ ސަލާމަތާބެހޭ ކައުންސިލްގެ ނައިބު ރައީސް ޑިމިޓްރީ މިޑްވެޑޭވް ވިދާޅުވިގޮތުގައި ޔޫރަޕްގެ ގައުމުތަކުން ޔުކްރެއިންނަށް ސިފައިން ފޮނުވާއިރު ރަޝިއާ ދެއަތް އުރާލައިގެން އޮންނާނެކަމަށް އެގައުމުތަކުން ދެކިގެން ނުވާނެއެވެ. ޔޫރަޕުން މިގޮތަށް އަމަލުކޮށްފިނަމަ ޔުކްރެއިންގެ ހަނގުރާމަ ޔޫރަޕްގެ އެހެން ގައުމުތަކަށް ފުޅާވެގެން ދިޔުމުގެ ބިރަކީ ހަގީގީ ބިރެއްކަމަށްވެސް މިޑްވެޑޭވް ވިދާޅުވިއެވެ.

މިޑްވެޑޭވް ވަނީ ޔުކްރެއިންއަށް ސިފައިން ފޮނުވުމުގެ ނަތީޖާއެއްގެ ގޮތުން ރަޝިއާގެ ހައިޕާސޮނިކް މިސައިލް ހަމަލާތަކުން ޔޫރަޕްގެ ބޮޑެތި ސިޓީތައް ފުނޑުފުނޑުވާ ބިރުވެރި މަންޒަރު ދެކެން އެގައުމުތައް ބޭނުންވޭތޯ ސުވާލު އުފައްދަވާފައެވެ.