11 Jun 2023, 10:22
މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންނާއެކު އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ނައިބު ރައީސް ފައިސަލް ނަސީމް ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންކަން އިސްކޮށް ބެލެހެއްޓެވުމަށް އަމީރުލްޙައްޖުގެ ގޮތުގައި އިސްކޮށް ވަޑައިގަންނަވާނީ ނައިބު ރައީސް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވާފައިވާ ކަމަށެވެ.
މި އަހަރު ރާއްޖެއިން މީހުން ޙައްޖަށް ފުރަން ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ މައްކާއަށް ފުރާ ފުރަތަމަ ގްރޫޕުގައި ހިމެނެނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ 296 ޙައްޖާޖީންނެވެ. މާދަމާއިން ފެށިގެން އެކި ދުވަސްމަތިން ދިވެހި ޙައްޖާޖީން ފުރަމުން ގެންދާނެއެވެ.
ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމަށް މި އަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. ރާއްޖެއަށް ލިބިފައިވާ ކޯޓާތަކުގެ ތެރެއިން ޙައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުސަތެވެ.