ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ބައިނާންސްގެ އޮޕަރޭޝަންތައް ނައިޖީރިއާގައި ހުއްޓާލަން އެގައުމުން އަންގައިފިއެވެ.

ނައިޖީރިއާގެ މާކެޓް ރެގިއުލޭޓަރުން ވަނީ ބައިނާންސްގެ އޮޕަރޭޝަންތައް ހިންގަނީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ، އެގައުމުން އިންވެސްޓަރުން ހޯދުން މަނާކޮށްފައެވެ.

ނައިޖީރިއާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ)އިން ބުނީ އެ ކުންފުންޏަކީ ރަޖިސްޓްރީކޮށްފައިނުވާ އަދި ރެގިއުލޭޓްވެސް ކޮށްފައި ނުވާ ކުންފުންޏެއް ކަމަށާއި އެހެންކަމުން އެއީ ގާނޫނާ ޚިލާފަށް މަސައްކަތް ހިންގާ ކުންފުންޏެއް ކަމަށެވެ.

މިކަމާ ގުޅިގެން ބައިނަންސްއިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނުންވެސް ދާދި ފަހުން ވަނީ ބައިނަންސް އާއި އެހެން ކްރިޕްޓޯ އެކްސްޗޭންޖެއް ކަމަށްވާ ކޮއިންބޭސްއިން އުސޫލާ ޚިލާފުވި ކަމަށް ބުނެ ދައުވާކޮށްފައެވެ.

ނައިޖީރިއާގެ އެސްއީސީން މިދިޔަ އަހަރު ޑިޖިޓަލް އެސެޓްތަކާ ބެހޭ ގަވާއިދުތަކެއް އާންމުކޮށްފައިވާއިރު، އެ ގައުމުން ދަނީ ކްރިޕްޓޯ އެސެޓްތައް މުޅިން މަނާނުކޮށް، ކްރިޕްޓޯކަރެންސާ ގަވައިދަށް ފެއްތުމަށް އެޅޭނެ ފިޔަވަޅުތައް ބަލަމުންނެވެ.

ނައިޖީރިއާގެ ޒުވާން، ޓެކްނޮލޮޖީއަށް އަހުލުވެރި އާބާދީއަކީ ކްރިޕްޓޯކަރަންސީ ވަރަށް ޝައުގުވެރިކަމާއެކު ބޭނުންކުރާ އާބާދީއެކެވެ. އެގޮތުން މާލީ ދާއިރާއިން ކްރިޕްޓޯކަރެންސީއަށް އަޅާފައިވާ ހުރަސްތަކުން ރެކުމަށް، ކްރިޕްޓޯ އެކްސްޗޭންޖުތަކުން ދޭ ޕީއާ-ޓު-ޕީއާ ޓްރޭޑިން އެމީހުން ބޭނުންކުރެއެވެ.