އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު ދެ އެކްޓަރުންކަމަށްވާ އަމީތާބް ބައްޗަންއާއި ރަޖުނީކާންތުގެ ފިލްމެއް 32 އަހަރު ފަހުން ބެލުންތެރިންނަށް ފެންނާނެކަމުގެ އިޝާރާތެއް މި ދެތަރިން ދީފިއެވެ. މި ދެ ތަރިން އެކީގައި ފެންނަ ފިލްމަކީ ރަޖުނީކާންތުގެ ފިލްމު "ތަލައިވާރު 170"އެވެ.

ފިލްމު އިންޑަސްޓްރީގެ ދެ ލެޖެންޑުން މީގެކުރިން ފެނިފައިވާ ފިލްމުތަކަކީ، "ހަމް"، "އަންދާ ޤާނޫނު" އަދި "ގިރަފްތާރު"އެވެ. މިފިލްމުތަކަކީ 'އެންގްރީމޭން'ގެ ނަމުން އަމީތާބު މަޝްހޫރުވި ދުވަސްވަރު ކުޅުނު ވަރަށް ކާމިޔާބު ފިލްމުތަކެވެ.

ރަޖުނީކާންތު މީގެ ދުވަސްކޮޅެއްކުރިންވަނީ ދެ ފިލްމެއްގެ މަސައްކަތް ފެށުމަށްފަހު އޭގެތެރެއިން "ޖެއިލާ" ނަމަކަށްކިޔާ ފިލްމުގެ މަސައްކަތް ނިންމާލާފައެވެ. މި ދެ ފިލްމުގެ މަސައްކަތަށްފަހު އަމީތާބްއާއެކު އެކީ ފެންނަ "ތަލައިވާރު 170"ގެ މަސައްކަތް ދެ އެކްޓަރުން ފަށާނެއެވެ.

މިއީ ރަޖުނީކާންތުގެ ފިލްމީ ކެރިއަރުގެ 170ވަނަ ފިލްމެވެ. އެހެންވެ ފިލްމަށް ވަގުތީ ނަމެއްގެގޮތުގައި ކިޔާފައިވަނީ "ތަލައިވާރު 170"އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަމީތާބު މި ފިލްމުގައި ކުޅެން ހަމަޖެހިފައިވަނީ ވަރަށް މުހިއްމު ރޯލެކެވެ. ނަމަވެސް އަމީތާބްގެ ރޯލާބެހޭ އިތުރު ތަފްސީލެއް މީޑިއާތަކާ އަދި ހިއްސާކޮށްފައެއް ނުވެއެވެ. މީގެކުރިން ރިޕޯޓުތަކުން ބުނެފައިވަނީ އަމީތާބްގެ ރޯލް ފުރަތަމ ހުށަހެޅީ "ޕޮނީޔިން ސެލްވާ"ގެ އެކްޓަރު ޗިޔާން ވިކްރަމްއަށްކަމަށެވެ. ނަމަވެސް "ތަލައިވާރު 170" ގެނެސްދޭ ޓީމުން މިކަމާބެހޭގޮތުން ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

އަމީތާބްއާއި ރަޖުނީކާންތު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 1991ވަނަ އަހަރު ފިލްމު "ހަމް"އިންނެވެ. ފިލްމު "ތަލައިވާރު 170"ގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށުމަށް ނިންމާފައިވާއިރު އަމީތާބު މިވަގުތު މަސައްކަތްކުރަމުންދަނީ ކޯޓު ރޫމް ޑްރާމް "ސެކްޝަން84"ގައެވެ. މީގެއިތުރުން ނާގް އަޝްވިންގެ ފިލްމު "ޕްރޮޖެކްޓް ކޭ" އަދި ޓައިގާ ޝްރޮފްއާއެކު ފިލްމު "ގަންޕަތު-ޕާޓު 1"އިންވެސް އަމީތާބް މުހިއްމު ރޯލަކުން ފެންނާނެއެވެ.