ޑިމޮކްރަޓިކް ހަމަތަކަކީ ގިނަ ބަޔަކު ބުރަވާ ގޮތެވެ. އެ ނިޒާމްގައި މެޖޯރިޓީ ހާމަވަނީ ވޯޓަކުންނެވެ. ޑިމޮކްރަސީގެ ނަމުގައި ރާއްޖޭގައިވެސް ހަރަކާތްތައް ހިންގޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެމްޑީޕީއަކީ ޑިމޮކްރަސީގެ ލޭބަލްގައި ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އެއް ހަރަކާތްތެވެ. އެ ޕާޓީ ފެށިގެން އައިރު ގިނަ ބަޔަކު ގަބޫލުކުރީ އެހެންނެވެ. ނަމަވެސް މި ފަހަކަށް އައިސް އެމްޑީޕީން ޑިމޮކްރަސީގެ އަސްލުތަކާ ހިލާފުވެއްޖެ ކަމަށް ބުނާނެ ޖާގަ ބޮޑުވެއްޖެ އެވެ. ބައެއް މީހުން ސުވާލު އުފައްދަނީ އެ ޕާޓީގެ ލީޑާ ޝިޕަށް ދައުރެއް ނެތުމެވެ. ނުފޫޒު ގަދަ ވަކިބަޔެއްގެ ބާރު ޕާޓީގައި މާ ގަދަ ވުމެވެ. ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ނިންމުންތައް ނިމިފައި ހުރި ކަމަށް ބުނަމުންނެވެ.

ފެބުރުއަރީ ހަތެއްގައި ވެރިކަން ވެއްޓުމަށް ފަހު އެމްޑީޕީން ހިންގި ހަރަކާތްތަކާ ދެކޮޅަށް އެމްޑީޕީގެ އިންތިހާބީ ލީޑަޝިޕުން ފައި ވިއްދާފައި ނުކުމެ ވަޑައިގެންފި އެވެ. އެންމެ ފުރަތަމަ އެމްޑީޕީގެ އިންތިހާބީ ރައީސް ޑރ. އިބްރާހިމް ދީދީ އެވެ. އެއަށް ފަހު އަލްހާން ފަހުމީ އެވެ. އެއަށް ފަހު މަޖިލިސް މެންބަރު ޝިފާގް މުފީދެވެ. އެ ލިސްޓަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް)ގެ ނަންވެސް އާދެ އެވެ.

އެ ބޭފުޅުން ވަކާލާތުކުރައްވާ ކަންތައްތައް ވަރަށް ސާފެވެ. އެމްޑީޕީގެ ތެރޭގައި ކަލްޓެއް އުފެދިފައިވުމެވެ. ޑީއާރުޕީއާއި ޕީޕީއެމްގައިވެސް އޮންނަ ފަދަ ރޫހާނީ ލީޑާ ޝިޕެއް އެމްޑީޕީންވެސް ސިފަވެގެން ދާތީ އެވެ. އިންތިހާބު ކުރެވުނު ލީޑަ ޝިޕްގެ މައްޗަށް ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ އަތް ގަދަ ކުރުމެވެ. އެ ވާހަތައް އަލްހާން އިތުރަށް ސާފުކޮށްދެއްވި އެވެ.

"ވަކި ބާވަތެއްގެ ކަންކަން ވަކި ބަޔަކު ބޭނުންނުވެއްޖެއްޔާ އެކަމެއް ނުހިނގާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ތެރޭގައި މިހާރު މިއޮތީ ރައީސް މައުމޫންގެ ވެރިކަން ނިމިގެން އައިސް ޑީއާރުޕީ އުފެދިގެން އައިއިރު އޮތް ހާލަތް، އޭރު ރައީސް މައުމޫނާ ދެކޮޅަށް އެއްޗެކޭ ވިދާޅުވާނެ ބޭފުޅަކު ނުހުންނަވާނެ. މި ޝަގާފަތް އަޅުގަނޑުމެންގެ ތެރެއަށް ވެސް ދަނީ މަޑުމަޑުން އަންނަމުން، ރައީސް ނަޝީދާ ދެކޮޅަށް އެއްޗެކޭ އެއްވެސް މީހަކަށް ނުބުނެވޭނެ. އަޅުގަނޑު ގަބޫލެއް ނުކުރަން މިދަންނަވާ ރޫހާނީ ލީޑާޝިޕެއް،" އަލްހާން ވިދާޅުވެފައިވެ އެވެ.

އެމްޑީޕީ އަކީ ޒިންމާދާރު ސިޔާސީ ހަރަކާތެކެވެ. ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު އެއްޕާޓީ އެވެ. ޕާޓީ ހިންގަން ޖެހެނީ އިންތިހާބީ ވަކި ހައިރާކީއެއްގެ ދަށުންނެވެ. އިންތިހާބީ ލީޑަ ޝިޕާއީ އެމްޑީޕީގެ އިސް ލީޑަރުގެ ނަމުން މުހާތަބުކުރެވޭ ރައީސް ނަޝީދާއީ ދެމެދު އުސޫލީ ބޮޑަތި މައްސަލަތަކުގައި ބޮޑަތި ހިޔާލުތަފާތުވުންތަކެއް އެބަ ހުއްޓެވެ. މިސާލަކަށް ބުނާނަމަ ޑީޑީ ގެ މައްޗަށް ވަގުތީ ޗެއާޕާސަނަކު އައްޔަން ކުރުމާއި ހިޔަނި ކެބިނެޓެއް އެކުލަވާލުމަށް ހިޔާލުތަފާތުވުމެވެ. ރައީސް ނަޝީދު އިސް ލީޑަރަށް ހަމަޖެއްސުމުގެ އެ މައްސަލައިގައިވެސް ހިޔާލު ތަފާތެވެ.

"އަޅުގަނޑާއި ޕާޓީގެ ލީޑަރާއި ދެމެދު ކަންތައްތަކެއް އެބަ ހުރި، ބައެއް ކަންކަން އެބަ ހުރި ގަވާއިދާ ހިލާފަށް ގޮސްފައި، އަޅުގަނޑު މި ދަނީ ފުރަތަމަ ދުވަހުން ފެށިގެންވެސް އެ ވާހަކަ ދައްކަމުން،" ޑީޑީ ވިދާޅުވެފައިވެ އެވެ. "ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު ކޮންމެ ވެސް ވަރެއްގެ އެއްބަސްވުންތަކަކާ ހަމައަށް ވެސް އާދެވުނު. ދެން ޕާޓީގެ ކެބިނެޓް އެކުލަވާ ލުމާ ގުޅޭ ގޮތުން މުޅިއެކުން އެއްބަސްވުމަކާ ހަމައަށް ނާދެވުނު. އެހެންނަމަވެސް ޕާޓީ ވެރިކަމުގައި ނެތް ހިނދެއްގައި އަސާސީ ގަވާއިދުގައި ރައީސަށް ލާޒިމުކުރޭ ޕާޓީގައި ކެބިނެޓެއް އެކުލަވާލަން،"

ޑީޑީ އާއި އަލްހާންއަށް ވެސް ވަނީ ބާކީ ކުރެވިފައިވާ ކަމަށް ބުނެވިދާނެ އެވެ. އެހެން ކަމަށްވާނަމަ އެއީ ޑިމޮކްރަސީ ކަމުގައި މާނަ ކުރެވިދާނެ ބާއެވެ؟ އެ މާނަ ނެގިދާނެ ބާއެވެ؟

އެ މައްސަލަތަކުގައި ރައީސް ނަޝީދުގެ ފިކުރަށް ތާއީދުކުރާ ބޭފުޅުންގެވެސް ފަލްސަފާއެއް އެބަ އޮތެވެ. އެވާހަކަތަކަށް އެބޭފުޅުން ދެއްވާ ރައްދަކީ ރައީސް ނަޝީދުގެ މަގްބޫލްކަން ބޮޑުވުމެވެ. އެހެންވެ ޑިމޮކްރަސީއަކީ ރައީސް ނަޝީދު ކަމަށް އެބޭފުޅުން މާނަކުރައްވަ އެވެ.

"މީހަކު ދިޔަސް މިޕާޓީއެއް އެމީހެއްގެ ފަހަތަކުން ނުދާނެ، ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުޅޭނެ މިއީ ޑިމޮކްރެޓިކް ޕާޓީއަކަށްވީތީ، ލީޑަރަކަށް ހުންނަވާ ބޭފުޅަކު ނުވަތަ އެނޫން ވެސް ބޭފުޅަކު ޕޮޕިއުލަރިޓީއާ ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅަކަށް ވެވެވަޑައިގެންނަވަނީ އެބޭފުޅަކަށް މީހުން މަގްބޫލްކަން ލިބޭތީ، އެކަމާ ކުރެވޭނެ ކަމެއް ނޯންނާނެ،" މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވި އެވެ.

އެއީވެސް ވަކާލާތު ކުރެވިދާނޭ ގޮތެކެވެ. އެކޮޅަށްވެސް ބުރަވެވިދާނެ އެވެ. ނަމަވެސް ދުރަށް ނުދެވޭނެ ހަގީގަތަކީ ޑިމޮކްރަސީއަކީ އިންތިހާބީ ލީޑަޝިޕަކުން ހިންގާ ހެދިފައި ހުރި ވަކި ގަވާއިދުތަކަށް އިހުތިރާމް ކުރާ ކުރުމެވެ. އިންތިހާބަކީ އަބަދުވެސް މެޖޯރިޓީ ދަލީލު ކުރާ އެއްޗެކެވެ. ގިނަ މީހުންގެ ގޮތް ބުނާ އެއްޗަކީ އިންތިހާބު ކަމެވެ. ޑީޑީ އާއި އަލްހާންއަކީ އިންތިހާބީ ދެ ބޭފުޅުންމެވެ.

އެ މައްސަލަ ބޭއްވުމަށް ފަހު އެހެން މައްސަލައެއްވެސް އެމްޑީޕީގެ ބައެއް ބޭފުޅުން ފާހަގަ ކުރައްވަ އެވެ. އެއީ އެމްޑީޕީގެ މިސްރާބު ގޯސް ވުމެވެ. އެ ޕާޓީ "މިލިޓެންޓް" ޖަމާއަތެއްގެ ގޮތުގައި ސިފަވާ ސިފަވުމެވެ. އެކަމާ އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ދެ ބޭފުޅުންނަކީ ކާނަލް އާއި ޝީފާގް އެވެ. އެއީ ކާމިޔާބީގެ މަގެއް ނޫން ކަމަށް އެބޭފުޅުންދެކެ އެވެ. ޑރ. ޑީޑީވެސް އަދި އަލްހާންވެސް ފާހަގަ ކުރައްވަނީ ރިޔާސީ އިންތިހާބެއް ކާމިޔާބުކުރުމުގެ މުހިންމު ކަމެވެ. އެއީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ކާމިޔާބު ކުރެވޭނެ ކަމެކެވެ. އެއީ ދުނިޔެ ދައްކާ އަދި ރާއްޖެވެސް ދައްކާ ހަގީގަތެވެ.

"އެކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ ސިފައިންނާއި ފުލުހުންނާ ޖެހިގެންނެއް. ޖުޑިޝަރީއާ ޖެހިގެންނެއް. އެކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ ހުރިހާ ސިވިލްސާވަންޓުން އަޅުގަނޑުމެންގެ އެނަމީންނަށް ]ދުޝްމަނުން[ ހަދައިގެންނެއް، އެކަމެއް އަޅުގަނޑުމެންނަކަށް ނުވާނެ، ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަކީ އަޅުގަނޑުމެންގެ ހަތުރުންނަށް ހަދައިގެން ވެސް. އަދި ރާއްޖޭގެ ހުރިހާ ރިސޯޓްތައް ބޮއިކޮޓް ކުރުމަށް ގޮވާލައިގެން ވެސް. 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ވެސް މިހާރު މިގެންގުޅޭ މިލިޓެންޓް އުސޫލު އެމްޑީޕީގެ ތެރޭން ނައްތާލައިގެން. މިއަދު އަޅުގަނޑުމެން ބިރު ފަހަނައަޅާ ދާންވީ ކަލްޓަކުން އެމްޑީޕީނެރެގެން ... ރަނގަޅު މިސްރާބަކަށް އެމްޑީޕީ ގެންދަން،" ކާނަލް ވިދާޅުވި އެވެ.