11 Jun 2023, 09:37
ކޮލޮމްބިއާގެ އެމޭޒަން ޖަންގަލި ތެރެއަށް ބޯޓެއް ވެއްޓުމުން ގެއްލުނު ހަތަރު ކުޑަކުދިން 40 ދުވަސް ފަހުން ދިރިތިއްބައި ސަލާމަތްކޮށް، މުޅި ދުނިޔެ ހައިރާން ކުރުވައިފިއެވެ.
ހަތް މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއް އެމޭޒަން ޖަންގަލި ތެރެއަށް ވެއްޓުނީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު، އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެ ބޯޓުގައި ދަތުރުކުރީ ހަތަރު ކުޑަކުދީންނާއި އެކުދިންގެ މަންމަގެ އިތުރުން ބޯޓު ދުއްވި ޕައިލެޓާއި އިތުރު މީހެކެވެ. މި ހާދިސާގައި ހަތަރު ކުޑަކުދިން ފިޔަވާ އެހެން އެންމެން ވަނީ މަރުވެފައެވެ.
އެއީ 13 އަހަރާއި ނުވަ އަހަރާއި ހަތަރު އަހަރުގެ އިތުރުން އެއް އަހަރުގެ ކުއްޖެކެވެ.
އެ ހާދިސާއާ ގުޅިގެން ކޮލޮމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވީ، އަސްކަރިއްޔާއިން ރެސްކިއު މިޝަންއެއް ފެށިއިރު އެ މިޝަންގެ މައިގަނޑު އަމާޒަކަށް ވީ އެ ކުދިން ހޯދުން ކަމަށެވެ.
އަސްކަރިއްޔާއިން ކުރި މަސައްކަތުން އެ ބޯޓު ވަނީ ފެނިފައެވެ. އަދި މަރުވެފައިވާ މީހުންގެ ހަށިތައް ބޯޓުގެ ތެރެއިން ފެނުނު އިރު، އެއްވެސް ކުޑަ ކުއްޖަކު ނެތުން ވީ އެމީހުން ހައިރާން ކުރުވި ކަމަކަށެވެ.
އެ ސަރަހައްދުން އެ ކުދިންގެ ފިޔަވަޅުތަކުގެ ނިޝާން ފެނުންވީ، އެ ނުރައްކާތެރި ޖަންގަލީގައި ވެސް އެ ކުދިން ސަލާމަތުން ފެނިދާނެ ކަމުގެ އުއްމީދު އާލާވި ކަމަކަށް ކަމަށް ރެސްކިއު ޓީމުން ބުނެފައިވެއެވެ.
އެކުދިން ހޯދުމަށް އެ ޓީމުން ކުރި ތަފާތު މަސައްކަތްތުގެ ތެރޭގައި، ކުދިންގެ މާމަ ރެކޯޑްކޮށްފައިވާ މެސެޖެއް، ހެލިކޮޕްޓަރުތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން އަޑުއިއްވުން ހިމެނެއެވެ. އެ މެސެޖުގައި ވަނީ، އަޑު އިވިއްޖެ ނަމަ އެކުދިން ކުރަންވީ ކަންތައްތައް ވެސް ކިޔައިދީފައެވެ.

ކޮލަންބިއާގެ އެމޭޒަން ޖަންގައްޔައް ވެއްޓުނު ބޯޓު / ފޮޓޯ: ބީބީސީ
މީގެ އިތުރުން ޖަންގަލީގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ކާބޯތަކެތި ވައްޓާފައިވެއެވެ.
ކޮލޮމްބިއާގެ ޑިފެންސް މިނިސްޓްރީން ހިއްސާކުރި ވީޑިއޯއަކުން، ހެލިކަޕްޓަރެއް ބޭނުންކޮށްގެން އެ ކުދިން ޖަންގަލި ތެރެއިން ނަގާ މަންޒަރު ފެނެއެވެ. އަދި ފަހުން އެ ކުދިންނާއެކު ސިފައިން ތިބެ، އެކުދިންނަށް ކާންދޭ މަންޒަރު ފެނެއެވެ.
ބިޔަ ޖަންގަލީގެ ގަސްތަކުގެ ތެރޭގައި 40 ދުވަސް ވީއިރު އެކުދިންނަށް ލިބިފައިވާ ހަމައެކަނި އަނިޔާއަކީ ބަނޑުހައި ހޫނު ކަމުގެ ސަބަބުން އަނަރޫފަ ވުން ކަމަށް ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.
އެ ކުދިން މިހާރު ވަނީ ކޮލޮމްބިއާގެ ވެރިރަށް ބޮގޯޓާއަށް ގެންގޮސް، ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އަދި އެކުދިންގެ އާއިލާއާ ގުޅުވައިދީފައެވެ.