މިދިޔަ އަހަރު އިންޑިއާއިން ނެރުނު އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "އާރުއާރުއާރު"، ހޮލީވުޑްގެ މަޝްހޫރު ތަރި ކްރިސް ހެމްސްވޯތަށް ކަމުގޮސް ފިލްމުގެ އެކްޓަރުންނާ އެކު މަސައްކަތް ކުރަން ބޭނުން ވެއްޖެއެވެ.

މިދިޔަ އަހަރު ނެރުނު ތެލެގު ފިލްމު އާރުއާރުއާރު ވެގެން ދިޔައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ފިލްމެކެވެ. ފިލްމުގެ މަގުބޫލުކަން ބޮޑުވެ ދުނިޔޭގެ ބޮޑެތި އެވޯޑު ޝޯތަކުން ވެސް ފިލްމު ވަނީ އެވޯޑުތައް ހޯދާފައެވެ. އެގޮތުން އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އޮސްކާސްގައި މި އަހަރު ވަނީ އެވޯޑެއް ވެސް ކާމިޔާބުކޮށްފައެވެ. މި އަހަރުގެ އޮސްކާ އެވޯޑުގައި އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑު ލިބިފައިވަނީ ފިލްމުގެ "ނާޓު ނާޓު" ލަވައަށެވެ.

މިދިޔަ އަހަރު ފިލްމު ނެރުނު ނަމަވެސް ހެމްސްވޯތު ފިލްމު ބަލާފައިވަނީ ދާދި ފަހުންނެވެ. ފިލްމުގެ ލީޑުން ފެންނަ އެކްޓަރުން ކަަމަށްވާ ރާމް ޗަރަން އަދި ޖޫނިއާ އެންޓީއާރުގެ އެކްޓިން ވަރަށް ކަމުދާ ކަމަށް ހެމްސްވޯތު ވަނީ ބުުނެފައެވެ.

ހެމްސްވޯތުގެ އާ ފިލްމު "އެކްސްޓްރެކްޝަން"ގެ ޕްރޮމޯ އިންޓަވިއުއެއްގައި ދައްކަމުން އޭނާ ބުނީ ދެ އެކްޓަރުންގެ ހުނަރު ވަރަށް ކަމުދާ ކަމަށެވެ. އަދި، ދެ މީހުންނާ އެކު ކޮންމެ ވެސް ދުވަހަކުން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ހާމަކުރިއެވެ.

އެސްއެސް ރާޖުމޫލީ ޑައިރެކްޓު ކުރި މި ފިލްމަށް އަންނަނީ ހޮލީވުޑްއިން ވެސް ބޮޑު ތައުރީފެެއް ލިބެމުންނެވެ. އެގޮތުން މި ފަހުގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޑައިރެކްޓަރު ކަމަށްވާ ޖޭމްސް ކެމަރަން (އެވެޓާ، ޓައިޓޭނިކް) ވެސް ވަނީ ފިލްމުގެ މޮޅު ވާހަކަ ދައްކައި ފިލްމަށް ތައުރީފުކޮށްފައެވެ.