11 Jun 2023, 09:05
ނެޓްފްލިކްސްގެ ޕާސްވޯޑު އިތުރު މީހުންނާ ހިއްސާ ނުކުރޭ ގޮތަށް ގަވާއިދު ބަދަލުކޮށް އެ ގޮތަށް އަމަލު ކުރަން ފެށުމާ އެކު ދުވަސްތަކަކަށް ފަހު އެ ސާވިސްއަށް އާ ޔޫޒަރުން އިތުރު ވާން ފަށައިފިއެވެ.
ކޮވިޑް ތެރެއިން ފެނިގެންދާން ފެށީ ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ސާވިސްއަށް ލިބޭ ސަބްސްކްރައިބަރުން މަދުވެ ގެއްލޭ ސަބްސްކްރައިބަރުން އިތުރުވާ ތަނެވެ. އެއަށް ފަހު އާ ސަބްސްކްރައިބަރުން ލިބެމުން އަންނަ މިންވަރު މަދުވާ ތަން ފެނި ނެޓްފްލިކްސް އިން ތަފާތު ފިޔަވަޅުތައް އަޅަން ފެށިއެވެ.
އެއިން އެއް ފިޔަވަޅަކީ ނެޓްފްލިކްސްގެ ޕާސްވޯޑު ހިއްސާ ކުރުން މަނާ ކުރުމެވެ. މީގެ ކުރިން ނެޓްފްލިކްސް ޔޫޒަރަކަށް އޭނާގެ އެކައުންޓު ބޭނުން އަދަދަކަށް މީހުންނަށް ހިއްސާ ކުރެވޭނެއެވެ. ނަމަވެސް އަލަށް ގެނައި ބަދަލުގައި އެކައުންޓު ހިއްސާ ކުރާ މިންވަރަކަށް އެކައުންޓަށް ދައްކަން ޖެހޭ މިންވަރު ވެސް އިތުރުވާނެއެވެ.
މި ގަވާއިދަށް އަމަލު ކުރަން ފެށުމާ އެކު ނެޓްފްލިކްސްއަށް ކާމިޔާބު ފެންނަން ވަނީ ފަށާފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ސައިންއަޕް ކުރާ ޔޫޒަރުންގެ އަދަދު މިހާރު ވަނީ 70،000 އަށް އެވަރެޖުކޮށް އަރާފައެވެ. މިއީ މިދިޔަ މަހުގެ އެވަރެޖް އަދަދާ އަޅާ ބަލާއިރު 102 ޕަސެންޓުގެ އިތުރުވުމެކެވެ.
ނެޓްފްލިކްސްއިން އިތުރަަށް ބުނެފައިވަނީ މި ފާއިތުވި ހަފުތާގެ ދެ ދުވަހެއްގައި 100،000 ސަބްސްކްރައިބަރުން ލިބިފައިވާ ކަމަށެވެ.
ނެޓްފްލިކްސްގެ ތަފާސް ހިސާބުތައް ހިއްސާކުރާ ގްރާފް އަކުން ދައްކާ ގޮތުގައި މިހާރު ނެޓްފްލިކްސްގެ ޔޫޒަރުންގެ އަދަދު ހުރީ މައްޗަށް ހިފާފައެވެ.
އެ ސާވިސްއަށް އޮތް މަގުބޫލުކަން ކުޑަވަމުން ދާތީ ނެޓްފްލިކްސް އިން ވަނީ ދާދި ފަހުން އެތައް މުވައްޒަފުން ވެސް ކުންފުނިން ވަކި ކޮށްފައެވެ. އަދި، ޔޫޒަރުން އިތުރު ކުރުމަށް ނެޓްފްލިކްސް އިން އަންނަނީ އިތުރު މަސައްކަތްތައް ކުރަމުންނެވެ.