11 Jun 2023, 08:52
ސައިފް ޢަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމް ޢަލީ ޚާންގެ ފުރަތަމަ ފިލްމުގެ ވަރަށް މުހިންމު ރޯލަކުން މަލަޔާލަމް އެކްޓަރު ޕްރިތުވީރާޖް ސުކުމަރަން ފެންނާނެކަން ކަށަވަރުވެއްޖެއެވެ.
އިބްރާހިމާއެކު ބަތަލާ ކާޖޮލްވެސް މުހިންމު ރޯލަކުން ފެންނަ މިފިލްމަކީ ޕްރިތުވީރާޖް އާއެކު ކާޖޮލް ވެސް ސްކްރީން ހިއްސާކުރާނެ ފުރަތަމަ ފަހަރެވެ. ހަމައެއާއެކު މިއީ ޕްރޮޑިއުސަރު ކަރަން ޖޯހަރުއާއި ޕްރިތުވީ އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ.
ޕްރިތުވީރާޖްއަކީ މަލަޔާލަމް ފިލްމުތަކަށް ލޯބިކުރާ އޯޑިއަންސަށް އާ މޫނެއް ނޫނެވެ. ފަހަކަށް އައިސް ހިންދީ ގިނަ ފިލްމުތަކުން ސައުތު ސިނަމާގެ މަގުބޫލު ތަރިން ފެނުމަކީ ވަރަށް އާއްމުކަމެކެވެ. ޕްރިތުވީރާޖްގެ މަޝްހޫރު ފިލްމުތަކުގެތެރޭގައި، "އައްޔާ"، "އޯރަންގުބާޒް" އަދި "ނާމް ޝަބާނާ" ހިމެނެއެވެ.
ކަރަން ޖޯހަރުގެ ބެލުމުގެ ދަށުން އިބްރާހިމް ޢަލީ ޚާން ބޮލީވުޑަށް ތަޢާރަފުކުރާ މިފިލްމުގެ ޑައިރެކްޓަރަކީ އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކަޔޯޒޭއެވެ. މިފިލްމަށް ކިޔާނެ ނަމެއް ހަމަޖެހިފައިނުވާއިރު އިބްރާހިމް ފިލްމުގައި ފެންނާނީ އަސްކަރިއްޔާގައި މަސައްކަތްކުރާ ސިފައިންގެ މީހެއްގެ ރޯލްއިންނެވެ.
މިފިލްމަކީ އިމޯޝަނަލް ތުރިލާއެއް ނަމަވެސް ފިލްމު ބިނާކޮށްފައިވަނީ ކަޝްމީރީ ޓެރަރިޒަމްގެ މައްޗަށެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކާޖޮލް ފިލްމުގައި ކުޅެނީ އިބްރާހިމްގެ މަންމަގެ ރޯލެވެ. އަދި ކާޖޮލް ކުޅެނީ ވަރަށް ހިތްވަރުގަދަ އެހާމެ ޖަޒުބާތީ މަންމައެއްގެ ރޯލްކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ކާޖޮލްއަކީ އިބްރާހިމްގެ ބައްޕަ އަދި އެކްޓަރު ސައިފް ޢަލީ ޚާންއާއެކުވެސް ރީތި ފިލްމުތައް ކުޅެފައިވާ ބަތަލާއެކެވެ. އޭގެތެރޭގައި ފިލްމު "ޔޭ ދިއްލަގީ"، "ބަމްބައިކާ ބާބޫ" އަދި ފިލްމު "ހަމޭޝާ" ހިމެނެއެވެ. އިބްރާހިމްވަނީ މިހާރު ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ކަރަންގެ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްވެސްކޮށްފައެވެ.