30 Apr 2012, 10:12
އާސަންދައަށް ހަރަދު ކުރާ މިންވަރު ލުއި ކުރުމަށް ޓަކައި އާސަންދައިންދޭ ހިދުމަތުގެ ނިޒާމަށް ބަދަލުގެނައުމަށް މާލިއްޔަތު ކޮމިޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ދެކޮޅަށް، އާސަންދައިގެ ހިދުމަތް ސަރުކާރުން ހުއްޓާލަނީ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް، އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު އަބުދުﷲ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމަށް ނުގެނައުމުން އެމްޑީޕީގެ މެންބަރުން އަޑުގަދަކޮށް ހަޅޭއްލަވައި ޖަލްސާ ހޫނުވެއްޖެ އެވެ.
އަހްމަދު އަބުދުﷲ ހުށަހެޅުއްވި ކުއްލި މައްސަލައިގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ހުށަހެޅުއްވި ކުއްލި މައްސަލަ ވެސް މަޖިލީހަށް ހުށަނޭޅުއްވޭނެ ކަމަށް މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
އެ ދެ ކުއްލި މައްސަލަ މަޖިލީހަށް ހުށަނޭޅޭނެ ކަމަށް ނާއިބު ރައީސް ނިންމެވީ، މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހަށް ހުށަނޭޅޭނެ ދެ މައްސަލަ ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ލަފާ ދެއްވާފައިވާތީ ކަމަށް ނާޒިމު ޖަލްސާ ފައްޓަވަމުން ވިދާޅުވި އެވެ.
ނާޒިމް އެ ރޫލިން ދެއްވުމުން އަހްމަދު އަބުދުﷲ އާއި އެމްޑީޕީގެ އެހެން ބައެއް މެންބަރުން އަޑުގަދަ ކުރައްވައި ވިދާޅުވީ އެއީ މަޖިލީހުގެ ގަވާއިދާ އައި ގާނޫނާ ވެސް ހިލާފަށް ރިޔާސަތުން ކުރެއްވި ކަމެއް ކަމަށެވެ. ނަމަވެސް ނާޒިމު ތަކުރާރު ކުރައްވައި ވިދާޅުވީ، މަޖިލީހުގައި ކުރިއަށް ބަހުސް ކުރަން އޮންނަ މައްސަލައަކާބެހޭ ގޮތުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަނޭޅޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ އިރު އެ ދެ މައްސަލައިގެ ތެރެއިން އަހްމަދު އަބުދުﷲ ހުށަހެޅުއްވި މައްސަލައަކީ މިއަދު ބަހުސް ކުރުމަށް އެޖެންޑާ ކުރެވިފައިވާ މައްސަލައެއް ކަމަށާއި އާމިރު ހުށަހަޅުއްވާފައިވާ މައްސަލައިވާ ސީމެގުގެ މައްސަލައަކާ ގުޅޭ ގޮތުން ވެސް މަޖިލީހުގައި ބަހުސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް އެ މެންބަރުން ތަކުރާރުކޮށް އަޑުގަދަ ކުރައްވަމުން ގެންދެވި އެވެ. އަދި ރިޔާސަތުން އެ މެންބަރުންގެ ތެރެއިން ތޮއްޑޫ ދާއިރާގެ އަލީ ވަހީދާއި ބާރަށު ދާއިރާގެ މުހައްމަދު ޝިފާޒަށް، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް އެދިވަޑައިގެން ތަކުރާރުކޮށް އިންޒާރު ދެއްވި އެވެ. މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ، މަޖިލީހުގެ ގަވާއިދަށް މެންބަރަކު ހުށަހަޅާފައިވާ އިސްލާހްގެ ބަހުސްގައި ވެސް ވާހަކަ ދެއްކެވި އެމްޑީޕީ ދެ މެންބަރުން ވާހަކަ ދެއްކެވީ އާސަންދައިގެ ހިދުމަތް ސަރުކާރުން ހުއްޓާލަން އުޅޭ ކަމަށް ވިދާޅުވެ ސަރުކާރަށާއި ރިޔާސަތުގައި އިންނެވި ނާޒިމަށް އަމާޒު ކޮށްގެން، ކަނޑައަޅާފައިވާ މައްސަލައިގެ މައުލޫޢުން ބޭރުންނެވެ.
އެގޮތުން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ، އާސަންދަ ހުއްޓާލެވޭނެ އެއްވެސް ގޮތެއްނޯންނާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދާއި ނާޒިމު ރާވައިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ އާސަންދަ ހުއްޓާލުމަށް ފަހު މަޖިލިސް ޗުއްޓީއަށްދާން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ޑރ. މުހައްމަދު ވަހީދުގެ ސަރުކާރަށް ނިސްބަތްވާ މީހުންނަކީ ބާޣީން ކަމަށާއި، ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ލާދީނީ ކަންތައް ކުރަމުން ދިޔަކަމަށް އަޑުއުފުލާފައިވާ އިރު އެގޮތަށް އަޑުއުފުލި މީޙުން ތާއީދު ކުރަމުންދާ މިހާރުގެ ސަރުކާރުން ވެސް ލާދީނީ ކަންތައް ކުރިއަށްގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެންމެފަހުން ޖަލްސާގެ ކޯރަމް ގެއްލިގެން 9:45 އެހާކަންހާ އިރު ޖަލްސާ ވަނީ މެދުކަނޑާލައިފަ އެވެ.
ޖަލްސާގެ ކޯރަމް ގެއްލުނީ ޑީއާރުޕީ އަށް ނިސްބަތްވާ އަލީ އާޒިމު، ޖަލްސާ ކުރިއަށް ގެންދިއުމުގެ މާހައުލު ނެތް ކަމަށް ވިދާޅުވެ ޖަލްސާ ދޫކުރައްވައި ނުކުންނެވި ހިސާބުންނެވެ. އަދި އެ އަށް ފަހު ޑީއާރުޕީ ބައެއް މެންބަރުން ވަނީ ނުކުމެވަޑައިގެންފަ އެވެ.