މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި 55 މީހުން ޖަލުން މިނިވަންކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްސީއެސްގެ އޭޕްރީލް މަހުގެ ތަފާސް ހިސާބަށް ބަލާއިރު، އެ މަހުގައި ޖުމުލަ 36 މީހަކު ޖަލަށް ގެނެސްފައިވެއެވެ. އެ މީހުންގެ ތެރެއިން 33 މީހުންނަކީ ޖަލަށްލާން ހުކުމްކޮށްގެން އެ ހުކުމް ތަންފީޒު ކުރުމަށް ގެނެވިފައި ތިބި މީހުންނެވެ. އަނެއް ތިން މީހުންނަކީ ކޯޓު އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާފައި ތިބި މީހުންނެވެ.

އޭޕްރީލް މަހުގެ ތެރޭގައި ޖަލުން ދޫކޮށްލި 55 މީހުންގެ ތެރެއިން 31 މީހުންނަކީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އައި މީހުންނެވެ. އަދި އަނެއް 24 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ މީހުންނެވެ.

ތަފާސް ހިސާބުތަކުގައި ވާގޮތުން, މިނިވަންކުރި ގައިދީންގެ ތެރޭގައި ހިމެނޭ 16 ގައިދީންނަކީ ހުކުމް ތަންފީޒުކޮށް ނިމުނު ގައިދީންނެވެ. އަދި އޭގެ ތެރެއިން 12 ގައިދީއަކު ކްލެމެންސީގެ ދަށުން މިނިވަންކޮށްފައިވާ އިރު، ތިން ގައިދީއަކު މިނިވަންވީ ޕެރޯލްގެ ދަށުންނެވެ.

އޭޕްރީލް މަހު ޖަލަށް ލާފައިވާ މީހުންގެ 57.6 ޕަސެންޓް މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި މީހުންނެވެ. އަދި 12.1 ޕަސެންޓް މީހުން ޖަލަށް ލާފައި ވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައެވެ.

ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު ކޮންމެ އަހަރަކު ވެސް ގާތްގަނޑަކަށް 1489 ގައިދީން ޖަލުތަކުގައި ބަލަހައްޓާ ކަމަށް ވަނީ ކަރެކްޝަނުން ބުނެފައެވެ.