10 Jun 2023, 20:38
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ނަރުހުން ހޯދަން އިއުލާންކޮށްފައެވެ.
އެ ހޮސްޕިޓަލަން ބޭނުންވެގެން އިއުލާންކޮށްފައި ވަނީ 29 ރެޖިސްޓާޑް ނަރުހުންނެވެ. މި މަގާމުތަކަށް ޝައުގުވެރިވާ ނަމަ އެ ފަރާތްތަކަށް ފުރުސަތު ވަނީ މި ހިނގާ ޖޫން މަހުގެ 15 އާ ހަމައަށް ހުޅުވާލާފައެވެ.
އައިޖީއެމްއެޗް އިން ބުނި ގޮތުގައި ނަރުސް ކަމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 18 އިން ކުރިއަށް އޮތް ޖުލައި މަހުގެ 15 އާ ހަމައަށެވެ.
ރަޖިސްޓާޑް ނަރުހުންގެ އަސާސީ މުސާރައަކީ މަހަކު 11،428 ރުފިޔާއެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 5،333 ރުފިޔާ އަދި ހާޒިރީ އިނާޔަތުގެ ގޮތުގައި މަސައްކަތަށް ހާޒިރުވާ ދުވަހަކަށް 144 ރުފިޔާ ލިބޭނެއެވެ.
މި އިނާޔަތްތަކުގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.
ނަރުސްކަން ކިޔަވައިގެން ގިނަ އަދަދެއްގެ ދިވެހިން ނުކުތް ނަމަވެސް މި ވަޒީފާއަށް ދިވެހިން ހޯދުން ނުހަނު އުނދަގުލެވެ. އެހެންވެ، ސިއްހީ ޚިދުމަތްދޭ ތަންތަނުގައި ގިނައީ ބިދޭސީ ނަރުހުންނެވެ.