ހދ. ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްވި ދެ ވަނަ ޒުވާނާ ވެސް ކޯމާއެއްގައި އޮވެ މަރުވެއްޖެ އެވެ.
މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ސީރިއަސް ޒަޚަމްތަކެއް ލިބުނު އެ ރަށު ފޭރުގަސްދޮށުގޭ އާދަމް ސިނާހު 18، މަރުވެފައި ވަނީ ވެސް އެކްސިޑެންޓަށް ފަހު ހޭނާރާ ކޯމާއެއްގައި ހަފްތާއެއް ވަންދެން އޮތުމަށް ފަހު ރޭ ފަތިހު 5:30 އެހާކަންހާއިރު އައިޖީއެމްއެޗްގަ އެވެ.

އެކްސިޑެންޓް ހިނގި ދުވަހުގެ ފަތިހު މަރުވެފައި ވަނީ އެ ރަށު ދިއްތުނޑި، އަހުމަދު އިބްރާހީމް 21، އެވެ. އޭނާ މަރުވެފައި ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ހޭނާރާ އޮވެ އެވެ.

އެ އެކްސިޑެންޓްގައި ދެ މީހުންގެ ބޯފަޅައިގެން ގޮސް، ކަންފަތުންނާއި ނޭފަތުން ގިނަ ޢަދަދަކަށް ލޭ އައިސްފައިވެ އެވެ. އަދި އެކްސިޑެންޓް ހިނގި ސަރަހައްދަށް ފުލުހުން ދިޔައިރު އެކަކު އޮތީ ސައިކަލުގެ ދަށުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ބުނީ އަނެއް މީހާ އޮތީ ސައިކަލާއި 14 ވަރަކަށް ފޫޓު ދުރުގައި ކަމަށާއި ދެ މީހުން ވެސް ތިބީ ހޭނެތިފައި ކަމަށެވެ.

ސިނާހުގެ ދޮންބައްޕަ އަހުމަދު އަޒީމް ނާޒިމް ބުނީ އެކްސިޑެންޓަށް ފަހު ސިނާހު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާންދޭން ފެށި އިރު ވެސް ޑޮކްޓަރުން އުއްމީދު ކަނޑާލާފައިވާ ކަމަށެވެ. އަދި ސިނާހުގެ މަރާގުޅިގެން އޭނާގެ މަންމަގެ ހާލު ދެރަވެ، ކުޅުދުއްފުށީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ވެސް އަޒީމް ބުންޏެވެ.

އަޒީމް ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގީ ސައިކަލު ބާރަށް ދުއްވައިގެން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެ އެކްސިޑެންޓްގައި ދެ މީހުންނަށް ވެސް އެހާބޮޑު އަނިޔާއެއް ލިބުނީ ކީއްވެގެން ކަން އަދި ވެސް ނުވިސްނޭ ކަމަށް އަޒީމް ބުންޏެވެ.

"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން އެހާބާރަށް އެ ސައިކަލެއް ނުދުއްވާ. ސައިކަލަށް ވެސް ނެތް މާ ބޮޑު ގެއްލުމެއްވެފައެއް. އެހެންވީމަ ނޭނގޭ ކީއްވެ ކަމެއް އެހެން ދިމާވީ. ދެމީހުންނަށް ވެސް ހުރި އެއްކަހަލަ އަނިޔާތަކެއްވެފައި. ވެދާނެ ދެ މީހުން ގޮސް ފާރުގައި ޖެހުނު ގޮތަކުން ބޮޑަށް އަނިޔާވީ ކަމަށް ވެސް،" އަޒީމް ބުންޏެވެ.

އަޒީމް ބުނީ އޭނާގެ ދޮންދަރިފުޅަކީ އާންމު ގޮތެއްގައި ރައްޓެހިންނާ އެކު ރޭގަނޑު ކޮފީއަށް ގޮސް ހަދާ ކުއްޖެއް ކަމަށާއި އެރޭ ވެސް ބޭރަށް ނުކުތް ކަމަށް ބެލެވެނީ ރައްޓެހިންނާ އެކު ކޮފީއަށް ދިއުމަށް ކަމަށެވެ. އަދި ނަސީހު އަކީ މީގެ ކުރިން އެކިއެކި ވަޒީފާގައި ހުރުމަށް ފަހު އާއިލާގެ އެދުމުގެ މަތިން އާއިލާގާތު ހުންނަ ކުއްޖެއް ކަމަށް ވެސް އަޒީމް ބުންޏެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގައިފައި ވަނީ ދެ މީހުން ދުއްވި ސައިކަލް އެ ރަށު ހަވާނާގޭގެ ފާރުގައި ޖެހިގެން ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ސައިކަލުގޮސް ފާރުގައި ޖެހެންދިމާވީ ކީއްވެގެން ކަމެއް މިހާތަނަށް އެނގިފަ އެއްނުވެ އެވެ.