10 Jun 2023, 16:25
ދާކާ (10 ޖޫން 2023): ފާއިތުވި ފަސްދޮޅަހަކަށް އަހަރު ތެރޭގައި ކުރިމަތިވެފައިނުވާފަދަ ގަދަ ހޫނުކަމެއް ބަންގްލަދޭޝް އަށް ކުރިމަތިވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.
ބަންގްލަދޭޝްގެ ރަސްމީ ފަރާތްތަކުން ހާމަކުރާގޮތުގައި ވެރިރަށް ދާކާގައި ފިނުހޫނުމިން ވަނީ 41 ޑިގްރީ ސެލްސިއެސްއަށްވުރެ މައްޗަށް ގޮސްފައެވެ. މިއީ ބަންގްލަދޭޝްގައި ވަރަށް ނާދިރު ހާލަތެކެވެ. ހޫނު މިން އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައިވާއިރު ދާކާގެ ބޮޑު ސަރަހައްދަކުންވަނީ ކަރަންޓްވެސް ކެނޑިފައެވެ. މިއާއެކު އެސަރަހައްދުތަކުގެ ސްކޫލްތައްވެސްވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.
ބަންގްލަދޭޝްގެ މޫސުމާބެހޭ އިދާރާއިން ވަނީ މިއީ ހޫނުގެ ތޫފާނެއްކަމަށް ސިފަކޮށްފައެވެ. ހޫނު މިން އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ދާކާގެ ގިނަ އަވަށްތަކާއި ރަންގްޕޫރާއި އެނޫންވެސް ސަރަހައްދުތައް ހިމެނެއެވެ.

ހޫނު މިހާ ގަދަވެފައިވާއިރު ތެލުގެ ދަތިކަން ދިމާވެގެން ބަންގްލަދޭޝްގެ އެތަށް ސަރަހައްދަކުންވަނީ ކަރަންޓްވެސް ކެނޑިފައެވެ. ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ބަންގްލަދޭޝްގެ މައި ކުންފުނިކަމަށްވާ "ޕަވާ ގްރިޑް ކޮންޕެނީ އޮފް ބަންގްލަދޭޝް ލިމިޓެޑް" އިން ބުނިގޮތުގައި ގިނަ ސަރަހައްދުތަކަކުން ކަރަންޓް ކަނޑާލާފައިވަނީ އިންޖީނުތައް ހިންގަން ބޭނުންވާ ތެޔޮ ނެތިގެންނެވެ.
އަވަސްގޮތަކަށް ތެޔޮ އިންޕޯޓް ކުރުމުގެ މަސައްކަތްކުރާ ކަމަށާ ކަރަންޓް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކަށް މައާފަށް އެދޭކަމަށް އެކުންފުނިން ބުނެފައިވެއެވެ. އެކުންފުނީގެ ބަޔާނެއް ބުނިގޮތުގައި ބޭނުންވާ ވަރަށް ތެޔޮ ނުލިބުމުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް މިހާރު ދެނީ ދުވާލަކު އަށް ވަރަކަށް ގަޑިއިރަށެވެ.
ދެތިން ގަޑިއިރު ކަރަންޓުގެ ޚިދުމަތް ދިނުމަށްފަހު އަނެއްކާވެސް ކަރަންޓް ކަނޑާލާފައި ދެތިން ގަޑިފަހުން އަލުން ޚިދުމަތް ދޭ ގޮތަށެވެ. އެހެންކަމުން އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް އެއްޗެއް މިދުވަސްވަރު ބޭނުންނުކުރުމަށާއި ބެޓެރި ޗާޖުކޮށްގެން އެތަކެތި ބޭނުން ކުރުމަށް އެކުންފުނިންވަނީ އާންމުންނަށް އިރުޝާދު ދީފައެވެ.
ފާއިތުވި ފަސްދޮޅަހަކަށް އަހަރު ތެރޭގައި ކުރިމަތިވެފައިނުވާފަދަ ގަދަ ހޫނުކަމެއް ބަންގްލަދޭޝް އަށް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ކަރަންޓް ނެތުމުން ބަންގްލަދޭޝްގެ އާންމުން ވަނީ ރުޅިގަދަވެފައެވެ. ބަންގްލަދޭޝްގައި ރަނގަނޅަށް ކަރަންޓް ލިބެނީ ހައިޑްރޯ ޕަވާ އިން އުފައްދާ ކަރަންޓުން ޚިދުމަތް ފޯރުކޮށްދޭ ސަރަހައްދުތަކަށެވެ.
ބަންގްލަދެޝްގެ ރަށްފުށުގެ ގިނަ ސަރަހައްދު ތަކަކީ ކަރަންޓްގެ ޚިދުމަތް ލިބޭ ސަރަހައްދުތަކެއް ނޫނެވެ. ބަންގްލަދޭޝްގެ މީޑީއާ ބުނާގޮތުން އެގައުމުގައި ކަރަންޓް އުފައްދާ 153 އިންޖީނުގެ ހުންނައިރު އޭގެތެރެއިން މިހާރު މަސައްކަތް ކުރަނީ އެންމެ 49 އިންޖީނު ގެއެވެ. ބާކީ އިންޖީނު ގެތަކުން ޚިދުމަތްދެނީ އިރުއިރުކޮޅުން މެދުކެނޑޭ ގޮތަކަށެވެ.
ބަންގްލަދޭޝް އަށް މިހާރު ކުރިމަތިވެފައިވާ ހޫނަކީ މިއަހަރުގެ ވިއްސާރަ މޫސުމުގައި ވާރޭ ވެހުން މަދުވުމުގެ ސަބަބުންނާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވެފައިވާ ކަމެއްކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާ ބުނެއެވެ. ގަދަ ހޫނަށްފަހު ލަސްތަކެއް ނުވެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ކާރިސާއެއް ކުރިމަތިވުމަކީ ގާތްކަމެއްކަމަށް އެ އިދާރާއިން އަންދާޒާ ކުރެއެވެ.