11 Jun 2023, 10:17
އައިފޯން އާއި އައިޕެޑްގެ އަގު ބޮޑުކުރުމުން އެޕަލް އާއި އެމެޒޯންއަށް ދައުވާކުރެވޭނެ ކަމަށް އެމެރިކާގެ ކޯޓަކުން ނިންމައިފިއެވެ.
އެމެރިކާގެ ސިއެޓަލްގެ ފެޑެރަލް ފަނޑިޔާރަކު އެގޮތަށް ނިންމެވީ، އެމެޒޯންގައި ވިއްކާ އައިފޯނާއި އައިޕެޑްގެ އަގު މަތިކުރަން ދެ ކުންފުނިން ގުޅިގެން މަސައްކަތް ކުރި ކަމަށް ބުނެ އެކުލަވާލާފައިވާ ކްލާސް އެކްޝަން މައްސަލައެއް ނުބެލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެ ދެ ކުންފުނިން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
ފަނޑިޔާރު ޖޯން ކަފެނޯރު ވިދާޅުވީ، މި މައްސަލައިގައި ގަވާއިދާ ޚިލާފު ވިޔަފާރީގެ މުއާމަލާތްތައް ހިންގާފައިވާކަން ނުވަތަ ނޫންކަން މައްސަލަ ބަލާ ޖޫރީއަކަށް ނިންމޭނެ ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހު ހުށަހަޅާފައިވާ މި މައްސަލައަކީ އެމެޒޯންގެ އޮންލައިން އަގުގެ އުސޫލުތަކާ މެދު ނުރުހުން ފާޅުކޮށް އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ފަރާތުން ވެސް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ.
ކެއްސެނޫރުގެ ނިންމެވުމާއެކު އެ މައްސަލަ ބެލުމަށްޓަކައި ހެކި ހޯދުމާއި ޝަރީއަތުގެ ކުރިން ކުރިއަށް ގެންދާ އެހެނިހެން މަރުހަލާތައް ކުރިއަށްގެންދެވޭނެއެވެ.
މިކަމާ ގުޅޭގޮތުން އެޕަލް އާއި އެމެޒޯންގެ ވަކީލުންނާއި އެ ކުންފުނިތަކުގެ މަންދޫބުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
މައްސަލަ ހުށަހެޅި ފަރާތްތަކުގެ ގާނޫނީ ވަކީލުން ވަނީ ކޯޓުގެ ހުކުމަކީ އެޕަލްގެ ފޯނުތަކާއި އައިޕެޑްތައް ގަންނަ ކަސްޓަމަރުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ސިފަކޮށްފައެވެ.
އެ މައްސަލަ ހުށަހެޅި މީހުންނަކީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެމެޒޯންއިން އާ އައިފޯނާއި އައިޕެޑް ގަތް އެމެރިކާގެ ބަޔެކެވެ. އެޕަލް އާއި އެމެޒޯން އާ ދެމެދު އެ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން، އެންޓިޓްރަސްޓް މާއްދާތަކާ ޚިލާފަށް، ވާދަވެރި ރީސެލަރުންގެ އަދަދު ލިމިޓްކުރި ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ދެހާސް އަށާރަ ވަނަ އަހަރު އެމެޒޯންގައި 600 އެއްހާ ތާޑް ޕާޓީ އެޕަލް ރީސޭލަރުން ތިބި ކަމަށް ދައުވާގައި ބުނެފައިވެއެވެ. ނަމަވެސް، އެމެޒޯންގައި ހަރަކާތްތެރިވާ ރީސޭލަރުންގެ އަދަދު މަދުކުރުމުން އެޕަލްއިން އެމެޒޯންއަށް ޑިސްކައުންޓް ދޭން އެއްބަސްވި ކަމަށް އެ މައްސަލައިގައިވެއެވެ.
އެޕަލް އިން ބުނާ ގޮތުގައި އެ އެއްބަސްވުން ހަދާފައި ވަނީ އެޕަލްގެ ފޭކު އުފެއްދުންތައް އެމެޒޯންގައި ވިއްކާ މިންވަރު މަދުކުރުމުގެ ގޮތުންނެވެ. އަދި އެއީ އާންމުކޮށް ހަދާ އެއްބަސްވުންތައް ކަމަށާއި އެއީ ސައްހަ އެއްބަސްވުންތައް ކަމަށް ސުޕްރީމް ކޯޓާއި އެހެން ކޯޓުތަކުން ބަލައިގެންފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެޕަލްއިން މިއަހަރުގެ ދެވަނަ ކުއާޓަރުގައި 94.8 ބިލިއަން ޑޮލަރުގެ މުދާ ވިއްކާފައިވާއިރު، އެމެޒޯން އިން އެންމެ ފަހުން ނެރުނު ކުއާޓާލީ އާމްދަނީގެ ވަނީ 127.4 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.