30 Apr 2012, 09:30
ރިޔާޒް (އެޕްރީލް 29): އަލްޤާޢިދާގެ ލީޑަރު އުސާމާ ބިންލާދިންގެ ދަރިންނާއި ހުވަފަތް އަނބިން ބަލައިގަނެ އެމީހުންނަށް މަރްޙަބާކީ އިންސާނީ ސަބަބުތަކަށް ޓަކައި ކަމަށް ސަޢޫދީ ސަރުކާރުން ބުނެފި އެވެ.
ސައޫދީ ސަރުކާރުގެ އިސްފަރާތަކާ ޙަވާލާދީ އެޤައުމުގެ ރަސްމީ ނޫސްއެޖެންސީ ބުނި ގޮތުގައި އުސާމާ ހިންގެވި އެއްވެސް ޢަމަލެއްގައި ނޫނީ ހަރަކާތެއްގައި އޭނާގެ ދަރިންނާއި ހުވަފަތް އަނބިން ބައިވެރިވެފައިވާކަމުގެ އެއްވެސް ހެއްކެތްނެތިފައި އުސާމާގެ ދަރިންނަކީ މިހާރު ޔަތީމް ކުދިންކަމުގައި ވުމުން އެ ކުދިންނަށް އެހީތެރިވުމަކީ ޝަރުޢީގޮތުން ކުރަން ޖެހޭ ކަމެއް ކަމުގަ އެވެ.
އުސާމާ ބިންލާދިންގެ ދަރިންނާއި ހުވަފަތް އަނބިން ބަލައިގަނެ އެމީހުންނަށް މަރްޙަބާކީ އެޢާއިލާގެ އެދުމުގެ މަތިންކަމަށް ވެސް ސަޢޫދީ ސަރުކާރުން ބުނެ އެވެ. އުސާމާގެ ޢާއިލާ ޕާކިސްތާނުން ސަޢޫދީ އަރަބިޔާގެ ޖިއްދާ އަށް ދިޔުމުން ސަޢޫދީ ބިންލާދިން ޢާއިލާގެ މީހުންނާއި އާންމުންގެ ގިނަ ބަޔަކު ވަނީ އެމީހުންނަށް މަރްޙަބާ ކިޔުމަށާއި އިސްތިޤްބާލްކުރުމަށް ޖިއްދާ އެއަރޕޯޓަށް ގޮސްފަ އެވެ.
ޕާކިސްތާނުން އުސާމާ ބިންލާދިންގެ ޢާއިލާ އެޤައުމުން ފޮނުވާލީ ކޯޓު އަމުރެއްގެ ދަށުންނެވެ. އުސާމާގެ ޢާއިލާގައި ހިމެނެނީ އޭނާގެ ހުވަފަތް ތިން އަނބިންނާއި 10 ދަރިންނެވެ. މީގެތެރެއިން ދެ އަނބިންނަކީ ސަޢޫދީ އަންހެނުންނެވެ. ތިން ވަނަ އަނބިމީހާއަކީ ޔަމަން އަންހެނެކެވެ. ޤައުމުން ފުރުވާލެވެންދެން ބިންލާދިންގެ ޢާއިލާ ބައިތިއްބީ ޕާކިސްތާން ސަރުކާރުގެ މެހްމާންދާރީގައި ދައުލަތުގެ ގެސްޓް ހައުސްއެއްގަ އެވެ. އެޢާއިލާ، އިސްލާމް އާބާދު އެއަޕޯޓުން ސަޢޫދީ އަރަބިޔާ އަށް ފުރީ ޕްރައިވެޓް ޖެޓެއްގައި ކަމަށް ވެސް ޕާކިސްތާނުން ބުނެފައިވެ އެވެ.
އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޔަމަންގެ ޖަމްޢިއްޔާއެއް ކަމަށްވާ ހޫދު ޖަމްއިއްޔާ އިން ވަނީ އުސާމާގެ ޔަމަން ދަރިކޮޅުގެ އަނބިކަނބަލުން އަމަލް އާއި އޭނާގެ ފަސް ދަރިން ސަޢޫދީ މަގުން ޔަމަނަށް ދިޔުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނެފަ އެވެ. (އަލްޖަޒީރާ)