14 Jun 2023, 13:01
ފުރަ މާލޭގެ ވިޔަފާރި، ވޯރާ ވިޔަފާރިވެރިންގެ މުށު ތެރެއަށް ލައި ބަންދުކޮށްލި ވާހަކަ އަކީ ރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ ވާހަކައެކެވެ. އެ ހާލަތުން އަރައިގަތުމުގައި، އޭރުގެ ސަރުކާރުގެ ހިއްސާ ވަރަށް ބޮޑެވެ. ވަކިން ޚާއްސަކޮށް 1964 ވަނަ އަހަރުގެ ޑިސެމްބަރުގެ މަހުގެ ތެރޭގައި ދިވެހި ދައުލަތުގެ އަމިއްލަ ކުންފުންޏަކަށް ވިޔަފާރީގެ ބާރުތައް ދިނުމަކީ އޭގެ އެންމެ ބޮޑު އެއް ސަބަބެވެ.
މިކަން ފެށުނީ 1942 ވަނަ އަހަރު، ސަރުކާރުން ރައްޔިތުންގެ ބޮޑު ސްޓޯރު ހުޅުވައި، ދިވެހީންގެ ވިޔަފާރީގެ މައިގަނޑު މުދާ ކަމުގައިވާ ހިކިމަސް ގަންނަން ފެށި ހިސާބުންނެވެ. އޭގެ ފަހުން 1 މެއި 1948 ގައި ސަރުކާރުން މޯލްޑިވްސް ނޭޝަނަލް ޓްރޭޑިން ކޯޕަރޭޝަން (އެމްއެންޓީސީ)ގެ ނަމުގައި މުޅިން އާ ކުންފުންޏެއް ހުޅުވިއެވެ.
މި ކުންފުންޏަށް އޭރު ކިޔައި އުޅުނު އާންމު ނަމަކީ ޤައުމީ ކުންފުންޏެވެ. މިއީ ސީދާ ބޮޑުވަޒީރުގެ ބެލުމުގެ ދަށުން ހިންގަމުން އައި ކުންފުންޏެކެވެ. ފަހުން މި ކުންފުނީގެ ފައިސާގެ މުއާމަލާތްތައް ހިންގީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގެ ގޮތުގައި ބޭނުންކުރި އަތިރީމާފަންނުގޭގައި ހިންގި އަތިރީމާފަންނު ޓްރޭޑިން އެކައުންޓް (އޭޓީއޭ) އިންނެވެ. އަތިރީމާފަންނުގެއަކީ ފަހުން ތީމުގެއެވެ.

ކުރީގެ މާލޭގެ ބަނދަރުމަތިން
އަތިރީމާފަންނު ޓްރޭޑިން އެކައުންޓް (އޭޓީއޭ) އުފެދުން
އަށާރަ މެއި 1964 ގައި އޭޓީއޭ / އެމްޖީބީއެސްގެ ނަމުގައި ސަރުކާރުން ވިޔަފާރި ފެއްޓިއެވެ. އޭޓީއޭއަކީ އަތިރީމާފަންނު އެކައުންޓެވެ. އެމްޖީބީއެސްއަކީ މޯލްޑިވިއަން ގަވަމެންޓް ބޮޑު ސްޓޯރެވެ. ފަހުން ޤައުމީ ކުންފުނީގެ އިތުރުން އޯކިޑް ކުންފުންޏާއި، މައިޓް ކުންފުނިވެސް ވުޖޫދަށް އައެވެ. ތޭރަ އޮކްޓޯބަރު 1966 ގައި އޯކިޑް ކުންފުނި އުވާލިއެވެ. އަދި 14 އޮކްޓޯބަރު 1966 ގައި ޤައުމީ ކުންފުންޏާއި މައިޓް ކުންފުނިވެސް އުވާލިއެވެ.
އޭޓީއޭ / އެމްޖީބީއެސް ބަހުން ބަދަލުވޯ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 67 ވަނަ ދެންނެވުމުން، 9 ޖޫން 1976 ގައި އޭޓީއޭގެ އިދާރާގެ ނަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރެއްވިއެވެ.
އޭޓީއޭގެ އޭރުގެ ފުޑް ސަޕްލައި ޑިޕާޓްމެންޓުން ކުރީ ބުރަ މަސައްކަތްތަކެކެވެ. ވަކިން ޚާއްސަކޮށް 1990ގެ ކުރީ ކޮޅުން ފެށިގެން، ރާއްޖެއަށް ބޭނުންވާ ކާޑުގެ އެކި ބާވަތްތައް، އެއްވެސް ދަތިކަމެއް ނެތި ޢާންމުންނަށް ފޯރުކޮށްދިނުމަށް ފުޑް ސަޕްލައި ޑިޕާޓްމެންޓުގެ ހީވަގި މުވައްޒަފުން ކުރީ ބުރަ މަސައްކަތްތަކެކެވެ. މިހާރުގެ ނަމުން ނަމަ ސްޓޭޕަލްސްގެ އޭރުގެ މައިގަނޑު މަސައްކަތް ބިނާވެފައި އޮންނަނީ ބަރުމާއަށެވެ.
އޭރު ރާއްޖެއަށް ބޭނުންވާ ކާޑުގެ އެކި ބާވަތްތައް ގެންނަނީ ބަރުމާއިންނެވެ. ބަރުމާގެ ސަރުކާރާ އެއްކޮށް ހެދިފައި އޮތް އެއްބަސްވުމެއްގެ ދަށުން، މުޅި އަހަރަށް ފުދޭވަރަށް އޭރު ކާޑު ހުންނަނީ އެގައުމުގައި ރައްކާކޮށްފައެވެ. ކާޑުގެ ބާވަތްތައް ހުސްވާން ކައިރިވުމުން، ފުޑް ސަޕްލައި ޑިޕާޓްމެންޓުގެ މުވައްޒަފުން ބަރުމާއަށް ގޮސް، އެ ކާޑުގެ ބާވަތްތައް ރާއްޖެއަށް ގެންނަނީއެވެ.

އެސްޓީއޯގެ ކުރީގެ ހެޑް އޮފީސް.
ކާޑުގެ ބާވަތްތަކާއި އެކި ޤައުމުތައް
މި ޒަމާނާ އަޅާ ބަލާއިރު އެ ޒަމާނަކީ މާބޮޑަށް ވެސް ތަފާތު ޒަމާނެކެވެ. ވަކިން ޚާއްސަކޮށް ޓެކްނޮލޮޖީގެ ގޮތުންނެވެ. މިހާރާ ޚިލާފަށް، އޭރު ރާއްޖެއަށް ގެނެވޭ ކާޑުގެ ބާވަތްތަކުގެ ކޮލެޓީ ޔަޤީން ކުރަން އެސްޓީއޯ އިން އެކަމަށް ޚާއްސަ މުވައްޒަފަކު ބަރުމާއަށް ދެއެވެ. އަދި ރާއްޖެއަށް އެތަކެތި ގެންނަނީ އެސްޓީއޯގެ ބޯޓު ތަކުގައެވެ. ބައެއް ފަހަރު، ޑިމާންޑުގެ ގޮތުން ބޭރުގެ ބޯޓުތައް ޗާޓަރުކޮށްގެން ވެސް ގެންނަން ޖެހެއެވެ.
މިހާރުގެ ހާލަތު ވަރަށް ތަފާތެވެ. އެސްޓީއޯގެ ސްޓޭޕަލްސް އިން މިހާރު ބަރޯސާ ވަނީ އެންމެ ގައުމަކަށް ނޫނެވެ. ފަސް ލައްކައަށް ވުރެ ގިނަ މީހުންނަށް ފުދޭވަރަށް ކާޑުގެ ބާވަތްތަށް ފޯރުކޮށްދިނުމުގެ ޒިންމާ އެސްޓީއޯއިން ކުރަނީ އިތުބާރާއި ޔަގީން ކަމާ އެކު ކަން، އެ ބުރަ މަސައްކަތަށް ބެލުމުން ސާބިތުވާނެއެވެ.
އެސްޓީއޯ އިން ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެންނަ ގައުމުތަކުގެ ތެރޭގައި އިންޑިޔާ، ވިއެޓްނާމް އަދި ކެމްބޯޑިއާ ފަދަ ބޮޑެތި ގައުމުތައް ހިމެނެއެވެ. އެންމެ ކުރިއްސުރެ ވެސް ކޮންޓެއިނަރުގައި ގެނެވޭއިރު، މިހާރު ކާޑުގެ ބާވްތަތައް ސަޕްލައި ކުރުމުގައި އެސްޓީއޯ އިން ގެނައީ ޒަމާނީ ތަފާތެކެވެ. ވަކިން ޚާއްސަކޮށް ރާއްޖެތެރޭގެ ރަށްތަކަށް ސަޕްލައި ކުރުމުގައި އެސްޓީއޯ އިން ގެނައި އިންގިލާބީ ބަދަލަކީ، ކާޑުގެ ބާވަތްތައް އަގުހެޔޮ ގޮތެއްގައި އާންމުންނަށް ލިބުމަށް އެޅުނު ބޮޑު ފިޔަވަޅެކެވެ.

ވޯރާއިންގެ ފިހާރަތަކެއް މާލޭގައި
ކާޑު އެޖެންޓުންނާއި އެމްއެސްއެސް އުފެދުން
ކުރިން އެސްޓީއޯގެ ބޯޓުތަކުގައި ނުވަތަ އާންމުން އަމިއްލައަށް ގަނެގެން ރަށްތަކަށް ގެންދާއިރު، އެ ދަތުރަށް ހިނގާ ހަރަދު ބޮޑެވެ. މިކަމަށް ހައްލެއް ހޯދުމަށް އެސްޓީއޯ އިން ތައާރަފުކުރި "ކާޑު އެޖެންޓު" ގެ ސަބަބުން، މިއަދު ރާއްޖޭގެ ކޮންމެ ރަށަކުން ވެސް އެއް އަގެއްގައި ކާޑުގެ ބާވަތްތައް ލިބެއެވެ. މިހާރު ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެސްޓީއޯގެ ކާޑު އެޖެންޓެއް ހުންނައިރު، ކާޑު ވެސް އެއްވެސް ކަހަލަ ދަތިކަމެއް ނެތި ދަނީ ލިބެމުންނެވެ.
ކާޑުގެ މަސައްކަތަކަށް އިތުރުވި އެންމެ ފަސޭހަ ކަމަކީ އެސްޓީއޯގެ މަސައްކަތްތަތަކުގެ ތެރެއިން 2020 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އުފެދުމެވެ.
އެމްއެސްއެސްގެ ސަބަބުން އެސްޓީއޯއިން އިންޑިޔާ ފަދަ ގައުމުތަކުން ގެންނަ ތަކެއްޗަށް ދާ ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވި، އޭގެ ސަބަބުން ކާޑު ގެނައުމުގައި ވެސް ބޮޑު ކުރިއެރުމަކާއި ފަސޭހައެއް ލިބުނެވެ.

އެމްއެސްއެސްގެ ބޯޓު ގަލޭނާ
ކާޑު ގުދަން ކުރުން
ކާޑު ސަޕްލައި ކުރުމުގެ ވާހަކަ ދެކެވޭއިރު، އެންމެ މުހިއްމު އެއް ކަމަކަށް ވާނީ ކާޑު ގުދަން ކުރުމުވެ. އެސްޓީއޯ އިން ރާއްޖެއަށް ކާޑު އެތެރެކުރަން ފެށީއްސުރެ މިއަދާ ހަމައަށް ވެސް ބޭނުންކުރަމުން ދަނީ މާލޭގެ މާފަންނުގައި އެ ހުންނަ ގުދަނެވެ. މިހާރުގެ އެންމެ ބޮޑު ތަފާތަކީ ޒަމާނާ އެއްވަރަށް ކާޑު ގުދަން ކުރުމުގައި ވެސް އެސްޓީއޯއިން ގެނައި ބޮޑު އިންގިލާބެވެ.
އެސްޓީއޯގެ ފާއިތުވެދިޔަ 59 އަހަރަށް ބަލާއިރު، ކާޑު ގުދަން ކުރުމުގައި އެސްޓީއޯއިން ގެންގުޅުނީ ނުރައްކާތެރި ގޮތެކެވެ. ކާޑު ބަސްތާއެއް ނަގަން ބޭނުންވާ ނަމަ، ޖެހޭނީ އެންމެ ތިރީގައި އޮންނަ ބަސްތާއަށް ދަމާފައި ދުއްވައިގަންނާށެވެ.
އެކަމަކު، މިކަން ހުއްޓުވުމަށްޓަކައި އެސްޓީއޯ އިން މިހާރު، ހުރިހާ ކާޑު ގުދަނެއް ވެސް ޕެލެޓައިޒްކޮށް، ފޯކް ލިފްޓުގައި މެދުވެރިކޮށް އެ ނަގައި ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކުރިޔާ ޚިލާފަށް ކާޑު އުފުލުމުގައި އެސްޓީއޯގެ މުވައްޒަފުންގެ ބޯމަށްޗަށް 50 ކިލޯގެ ބަސްތާއެއް އުފުލަން މިހާރަކު ނުޖެހޭނެއެވެ.

އެސްޓީއޯގެ ކާޑު ގުދަނެއް --- ސަން ފައިލް ފޮޓޯ
ކުރިމަގަށް ބޮޑެތި ޕްލޭންތަކެއް
ޒަމާނީ އީޖާދީ ތަރައްގީ އާ އެއްވަރަށް އެސްޓީއޯ ބަދަލުވަމުން އައިސް، ކާޑު ގެނައުމަށާއި، އުފެއްދުމަށާއި އަދި ގުދަން ކުރުމުގައި ވެސް ބޮޑެތި އިންގިލާބީ ޕްލޭންތަކެއް މި ކުންފުނިން ގެންގުޅެއެވެ. އެގޮތުން ވެސް އެންމެ ޚާއްސަ ކަމަކަށް ވާނީ، ކާޑު ރާއްޖޭގައި އުފެއްދުމަށް ބޭނުންވާ ކާރުޚާނާއެއް ގާއިމް ކުރުމެވެ.
ވަކިން ޚާއްސަކޮށް، ގޮދަން ބޭރުން ގެނެސްގެން ފުށް އުފެއްދުމުގެ މަސައްކަތް ފެށުމަކީ އެސްޓީއޯއިން އެންމެ ބުރަކޮށް މިހާރު ކުރަމުން އަންނަ އެއް މަސައްކަތެވެ.
އޭގެން ލިބޭ ފަސޭހަތަކެއް ވެސް ހުރެއެވެ. އެންމެ މުހިއްމު ކަމަކަށް ކާޑު ގުދަން ކުރުމެވެ. ރާއްޖެ ފަދަ ހޫނު ގައުމެއްގައި ބޭރުން ބޮޑެތި އަދަދުތަކުން ފުށް ގެނެސްގެން، އެ ގުދަންކޮށް ބެލެހެއްޓުމުގައި ދިމާވާ ދަތިތައް އޭރުން ހައްލު ކުރެވޭނެއެވެ. ފުށުގެ އިތުރުން، އުއްދަނޑި ހައްދައިގެން ހަކުރު އުފެއްދުމާއި ހަނޑޫ އުފައްދަން ފެށުމުގެ މަސައްކަތް ވެސް އެސްޓީއޯ އިން ދަނީ ކުރަމުންނެވެ.
މިއަދު އެސްޓީއޯ ކުރިއަރައިފިއެވެ. މުޅި ދުނިޔެއާއި އެސްޓީއޯ އާ އެކީ އޮންނަނީ ވަރުގަދަ ސަޕްލައި ސޯސިން އެކެވެ. ވަރުގަދަ ގުޅުމެކެވެ. އެއްގައުމުން ކާޑު ލިބުމުގައި ދަތިވިޔަސް، އަނެއް ގައުމުން ކާޑު ގެނައުމުގެ ޔަގީން ކަން އެސްޓީއޯއަށް އޮވެއެވެ. ކޮވިޑްގެ ދަތި ހާލަތުގައި، މުޅި ދުނިޔެ ބަންދުވި ނަމަވެސް، އެސްޓީއޯއިން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެއްވެސް ކޮންޓްރޯލެއް ނެތި ފޯރުކޮށްދިނުމުން އެކަމަށް ހެކި ވެއެވެ.