ޢަންމާން (އެޕްރީލް 30): ނިއުކްލިޔާ ހަކަތައިން ކަރަންޓް އުފެއްދުމަށްޓަކައި ނިއުކްލިޔާ ރިއެކްޓަރެއް ބިނާކުރުމާ ބެހޭ ގޮތުން ރަޝިޔާއާ އަދި ފަރަންސޭސިވިލާތާ އެކު މަޝްވަރާ ކުރަމުން ގެންދާކަމަށް އުރުދުން އިންބުނެފި އެވެ.

އުރުދުންގެ މަސްއޫލުވެރިން ހާމަކުރެއްވި ގޮތުގައި 2020 ގެކުރިން ނިއުކްލިޔާ ދެ ރިއެކްޓަރު ބިނާކުރުމަށް އެ ޤައުމުން ވަނީ ޕްލޭންކޮށްފަ އެވެ. މިއިން ކޮންމެ ރިއެކްޓަރަކީ 1500 މެގަވޯޓުގެ ކަރަންޓް އުފެއްދޭނެ ރިއެކްޓަރެއް ކަމަށް ވެސް އުރުދުންގެ މަސްއޫލުވެރިންނާ ޙަވާލާދީ އެ ޤައުމުގެ އަލްބަތްރާ ނޫސްއެޖެންސީ ޚަބަރުދެ އެވެ.

އުރުދުންއަކީ އެ ޤައުމަށް ބޭނުންވާ ހަކަތައިގެ 98 ޕަސެންޓް ބޭރުން އިންޕޯޓްކުރާ ޤައުމެއް. މިކަމަށްޓަކައި ޤައުމުގެ އާމްދަނީގެ ފަސްބައިކުޅައެއްބައި ޚަރަދުކުރަންޖެހޭ ކަމަށް އުރުދުންގެ ސަރުކާރުން ބުނެ އެވެ. އުރުދުންއަށް ބޭނުންވާ ހަކަތަ އުފެއްދުމަށްޓަކައި ނިއުކްލިޔާ ޓެކްނޮލޮޖީއާ ދިމާއަށް މިސްރާބު ޖެހުމަށް ކުރިން ވެސް އެޤައުމު ވިސްނިއެވެ. ނަމަވެސް އެމެރިކާގެ ފިއްތުންތަކާއި އިސްރާއީލުގެ ބިރިދެއްކުންތަޚާ ގުޅިގެންވަނީ މިވިސްނުން ދޫކޮށްލާފަ އެވެ.

އުރުދުންއަކީ ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްޤީ ކުރުމުގެ ޢިލްމީ އަދި ފަންނީ ޤާބިލްކަން އުފެއްދިދާނެ ތަޢްލީމީ ޒުވާން ރައްޔިތުންތިބި ޤައުމެކެވެ. ނިއުކްލިޔާ ޓެކްނޮލޮޖީއާ ދިމާއަށް އުރުދުން މިސްރާބު ޖެހުމުން އެމެރިކާއާއި އިސްރާއީލުގެ ފިއްތުންތަކާ މިފަހަރު ވެސް އެޤައުމު ކުރިމަތިލާންޖެހޭނެ އެވެ. ނަމަވެސް ދުނިޔޭގެ ޙާލަތު މިހާރު ބަދަލުވެފައި ވާތީ އެފިއްތުންތަކަށް މިފަހަރު އުރުދުންގެ ސަރުކާރު ބޯނުލަނބާނެ ކަމަށް މުރާސިލުން ބުނެ އެވެ.

އުރުދުންގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އެޤައުމުން މިހާރުގެންދަނީ ރަޝިޔާ އާއި ފަރަންސޭސިވިލާތުގެ ސަރުކާރުތަކުގެ އިތުރުން އެދެޤައުމުގެ ކުންފުނިތަކާ ވެސް މިކަމުގައި މަޝްވަރާ ކުރަމުންނެވެ. އެމެރިކާ ސަރުކާރުން މިކަމަށް މަރްޙަބާ ނުކިޔާތީ އެމެރިކާގެ ކުންފުނިތައް މިކަމުން އެއްފަރާތް ވެގެންދާނެ ކަމަށް އުރުދުންގެ މީޑިޔާ ބުނެ އެވެ. (އަލްޖަޒީރާ)