05 Aug 2010, 15:52
19:00
ފަނޑިޔާރުން ހުވާކުރުމުގެ ކަންތައްތައް ކޮށްފައި ވަނީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ ގޮތަކަށް ކަމަށް ރައީސް އޮފީހުގެ ފްރެސް ސެކެޓްރީ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ ފްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅަކީ ފަނޑިޔާރުން ހުވާކުރުމުގެ ކަންތައްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރެއްވުމުގެ ވާހަކަތައް ކަމަށެވެ. ނަމަވެސް އެކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވާ މެންބަރ އަދި އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ ރޭގެ އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަތަކުގެ ސަބަބުން ކަމުގެ ޙަޤީޤަތް އޮޅޭ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.
ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުން ދާއިމީ ކުރެއްވުމުގެ ގޮތުން 59 ފަނޑިޔާރަކު ރޭ ހުވާކުރެއްވި ކުރެއްވުމާ ގުޅުވައި، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތް ކުރައްވައި ބައެއް ފަރާތްތަކުން ޙަޤީޤަތާ ޚިލާފު ވާހަކަތައް ދައްކަވާފައިވާ ކަމަށެވެ. ފަނޑިޔާރުންގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވަނިކޮށް، އެ މައުލޫމާތު ލިބި ތިއްބަވައި، ފަނޑިޔާރުން ހުވާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާފައި ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބައެއް މެންބަރުން ސިޔާސީ މަޞްލަޙަތު އިސްކުރައްވައިގެން ކަމަށް ފާހަގަކުރެވޭ ކަމަށްވެސް ރައީސް އޮފީހުގެ އެ ބަޔާނުގައިވެ އެވެ. އަދި ފަނޑިޔާރުން ހުވާކުރެއްވި ކުރެއްވުމާ ގުޅުވައި، ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތް ކުރައްވައި ޙަޤީޤަތާ ޚިލާފު ވާހަކަ ނުދެއްކުމަށް ރައީސް އޮފީހުގެ އެބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.
މިމަހުގެ ދެ ވަނަ ދުވަހު ޖުޑިޝަލް ސާވިސް ކޮމިޝަން ފުލުހުން ފޮނުއްވައިގެން ހިސޯރުކުރެއްވުމަށްފަހު، އެ ދުވަހުގެ މެންދުރު އެ ކޮމިޝަންގެ މެންބަރުންނާ ރައީސް ނަޝީދު ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި އެ ދުވަހުގެ އެ ބައްދަލުވުމުގައި ފަނޑިޔާރުންގެ ފެންވަރާއި ސުލޫކީ މިންގަނޑުތައް ކަނޑައެޅުއްވުމާއި، ފަނޑިޔާރުން އަލުން މަގާމަށް ހަމަޖެއްސެވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، އެކަންކަން ކުރައްވަންވާނީ ހާމަކަން ބޮޑު، އެތެރެ ފެންނަ، އެންމެހާ ފަރާތްތަކަށް ގަބޫލުކުރެއްވޭނެ އުޞޫލުތަކެއްގެ ދަށުން ކަމަށް ރައީސް އޮފީހުގެ އެ ބަޔާނުގައިވެ އެވެ.
އެދުވަހު ބޭއްވި އެ ބައްދަލުވުމަށްފަހު ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް މުޖުތާޒު ފަހުމީ ވިދާޅުވެފައި ވަނީ އެކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް ނަޝީދަށް މައުލޫމާތު އަރުއްވާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ރައީސްގެ ވާހަކަފުޅުން ދޭހަވެވަޑައިގެންފައިވާ ކަމަށެވެ. އަދި ރޭ ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އަފްރާޝީމް އަލީ ވެސް ވިދާޅުވެފައި ވަނީ ފަނޑިޔާރުން ހުވާކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް އެ ކޮމިޝަން އެކުލަވާލާފައިވާ މިންގަނޑަށް ރައީސް ވެސް ތާއީދުކުރައްވާ ކަމަށެވެ.