ވޯލްޑް ކަލިނަރީ އެވޯޑްސްއަށް މިއަހަރު ވެސް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ނޮމިނޭޓްވެއްޖެއެވެ.

އެމްއެންޔޫގެ އެފްއެޗްޓީއެސް ނޮމިނޭޓްވެފައި ވަނީ 'ވޯލްޑް ކަލިނަރީ އެވޯޑްސް'ގެ 'އިންޑިއަން އޯޝަން' ކެޓެގަރީ އިން 'ބެސްޓް ކަލިނަރީ އިންސްޓިޓިއުޝަން' އެވޯޑަށެވެ.

މި އެވޯޑު ހޮވާނީ އާންމުންގެ މެދުގައި ހުޅުވާލާ ވޯޓަކަށް ބަލާފައެވެ. އެގޮތުން އެފްއެޗްޓީއެސްއަށް ވޯޓު ހޯދުމަށް މި މަހުގެ 17 ވަނަ ދުވަހު މާލޭ ރަސްފަންނުގައި ޚާއްސަ ހަރަކާތެއް ބޭއްވުމަށް އެމްއެންޔޫއިން ވަނީ ނިންމާފައެވެ. ވޯޓު ލުމުގެ އެންމެ ފަހު ވަގުތަކީ މިމަހުގެ 30ވަނަ ދުވަހެވެ.

މި އެވޯޑަށް ރާއްޖޭގެ އިތުރުން މިއަހަރު ވާދަކުރަނީ، މޮރީޝަސްގެ ދެ އިންސްޓިޓިއުޓެކެވެ.

'ބެސްޓް ކަލިނަރީ އިންސްޓިޓިއުޝަން'ގެ އެވޯޑް އެފްއެޗްޓީއެސް އިން ވަނީ 2021ވަނަ އަހަރު ހާސިލްކޮށްފައެވެ.